ޝައިޠޯނާ އެންމެ އުފާކުރާނެ އެއް ވަޤުތަކީ މީހަކު ރުޅި އައިސް ކޮންޓްރޯލުން ނެއްޓިގެންދާ ވަޤުތުގައެވެ. ސަބަބަކީ އެޙާލަތުގައި އޭނާގެ މުޅި ދިރުޅުމަށް ގެއްލުން ލިބޭނެ އެތައް ކަންތަކެއް އޭނާ ކުރާނެތީއެވެ. ދެމަފިރިންގެ ގުޅުން ކެނޑި ކައިވެނި ރޫޅުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ. ދުލާއި ޢަމަލުތަކުން ފާފަތައް ކުރެވިގެންދާތީއެވެ.
ރުޅި އަންނަ ހިނދު ރުޅިއިސްކުރާ ބައެއް މީހުން އެކަންކުރަނީ އޭނާގެ މޮޅުކަން ދެއްކުމަށެވެ. ނަމަވެސް ޙަދީޘްފުޅުން އެނގެން އޮތީ އެއީ އޭނާގެ މޮޅުކަން ނޫންކަމާއި ނިކަމެތިކަން ކަމެވެ. އެހެނީ އެންމެ ބާރުގަދަ މީހަކީ އަތުގެ މުލައްދަނޑީގެ ބާރުގަދަ މީހާ ނޫންކަމާއި ރުޅި ކޮންޓްރޯލްކުރެވޭ މީހާކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.
ތިމާގެ ބައިވެރިޔާގެ ކިބައިން ނަމަވެސް އަދި އެހެން މީހެއްގެ ކިބައިން ނަމަވެސް ތިބާ ހިތް ހަމަނުޖެހޭ ފަދަ ކަމެއް ފެނިއްޖެ ނަމަ ނުވަތަ އެފަދަ ބަހެއްގެ އަޑު އިވިއްޖެ އަދި އެފަދަ ކަމެއް ފެނުނަސް ފުރަތަމަ ކަމަކަށް ކުޑަކުޑަ ހިނދުކޮޅަކަށް އިސް އުފުލައި މަތިބަލައިލާށެވެ! ގޭތެރޭގައި ހުރިނަމަ ފެންނަން ތިބި ބައަކަށް ބަލައިލާށެވެ. އެއް އަތްތިލައިގެ އިނގިލިތައް އަނެއް އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް މަހާލައި ބާރުކޮށްލައިގެން ކުޑައިރުކޮޅަކު މަޑުކޮށްލާށެވެ. އިން ޝާ ﷲ ހަމަޖެހުން ލިބޭނެއެވެ.
ހަމަޖެހުން ލިބުމުން އަދި ހަމަޖެހުން ހޯދުމަށްޓަކައި އަޢޫޛް ކިޔާށެވެ. ވުޟޫކުރާށެވެ. ރުޅި ކޮންޓްރޯލްކުރެވޭނެއެވެ. ކެތްތެރިކަން ލިބޭނެއެވެ. އިން ޝާ ﷲ
ކޮންމެ މީހަކު ނަމަވެސް ނުބައި ބަހެއް ބުނާނީ ތިބާ ރުޅިއެރުވުމަށް ނުވަތަ އެމީހެއްގެ ހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެއީ އެފަދަ ބަހެއް ބުނެލެވުމުން ހިތަށް ފިނިކަމެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.
ތިބާ ރުޅިއެރުވުމުގެ ނިޔަތުގައި ނުބައިބަސް ބުނަނީ ޝައިޠޯނާގެ ބަހަށް ހެއްލިހުރެއެވެ. ޝައިޠޯނާގެ ބައިވެރިއަކަށްވެގެން ހުރެއެވެ. ޝައިޠޯނާދޭ ނުބައި ވަސްވާސްތަކުގެ ސަބަބުންނެވެ. ވީމާ ޝައިޠޯނާގެ އެމަޅީގައި ޖެހި ތިބާ ރުޅި އިސްކޮށްފިނަމަ ޝައިޠޯނާ ރޭވި ރޭވުން ކާމިޔާބުވީއެވެ! ރުޅީގެ މައްޗަށް ނަފްސް ކޮންޓްރޯލްކޮށް ﷲ ތަޢާލާއަށް ބިރުވެތިވެ ރުޅި އައުން ދޫކޮށްލައިފިނަމަ ޝައިޠޯނާގެ ރޭވުން ފޭލްވާނެއެވެ. ޖެހޭނީ ލަދުވެތިވެގެންހުރެ އެނބުރި ދާށެވެ!
ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި މައްސަލަތައް ޖެއްސުވުމަކީ ޝައިޠޯނާ ކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމުގައި އަބަދުވެސް ބުނަމެވެ. އެއީ ހަމަ އެކަން އޮތް ގޮތެވެ. ވީމާ ޝައިޠޯނާ އުފައްދުވާ ފިތުނައިގައި ނުޖެހި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަކީ ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްވާނެ ކަންތަކެވެ!
ކަމެއް ކުރިމަތިވާއިރަށް ރުޅި އިސްކޮށް ތިމާގެ މޮޅުކަން ދައްކަން މަސައްކަތްކުރަނީ އެމީހުންގެ ހިތް ބޮޑާކަމާއި ކިބުރުވެރިކަމުން އަދި ޙަސަދަވެރިކަމުން ފުރިގެންވާ މީހުންނެވެ. އެމީހުންނަށް އެވަނީ ﷲ ތަޢާލާގެ އެންގެވުން ވެސް އޮޅިފައެވެ. ނުވަތަ ޤަބޫލުވެސް ނުކުރެވިފައެވެ.
މުސްލިމުން ވާންޖެހޭނީ އަނެކާ އާއިމެދު ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް އެކަމަކަށް މަޝްވަރާކޮށް ކަންކަން ޙައްލުކުރަން މަސައްކަތްކުރާ ބައަކަށެވެ. ރުޅި އައިސް ދުލުން ނުބައި ބަސްތައް ބުނާބައަކަށްވެގެން ނުވާނެއެވެ. ދުލުން ބުނެވޭ ކޮންމެ ނުބައި ބަހަކީ ކުރެވޭ ފާފައެކެވެ.
ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގައި ތިބާ ހުއްޓި ހުންނައިރު ތިބާ އާއިއެކު ތިބާކުރި ހެޔޮ ޢަމަލުތަކާއި ނުބައި އަމަލުތައްވެސް ފުނިފުންޏަށް ހުންނާނެއެވެ. ކުރެވުނު ހެޔޮ އަމަލުތަކަށްވުރެ ކުރެވުނު ފާފައިގެ ފުނި ބޮޑުވެއްޖެ ނަމަ ސަލާމަތަކީ ކޮބައިހެއްޔެވެ؟ ވީމާ ދުލުން ބުނެވޭ ކޮންމެ ބަހަކާއިމެދުވެސް ރައްކައުތެރިވާންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން