ޤުރްއާނުން ޝިފާ ނުލިބޭނެ ބައްޔެއްވެސް ސިޙުރެއްވެސް އަދި އެސްފީނާއެއް ވެސް ނެތް! ނުވެސް އޮންނާނެ! އެކަން ޔަޤީންކޮށް ޢަމަލުކުރީމާ ޝިފާ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޤުރްއާނުން ޝިފާ ނުލިބޭނެ ބައްޔެއްވެސް ސިޙުރެއްވެސް އަދި އެސްފީނާއެއް ވެސް ނެތް! ނުވެސް އޮންނާނެ! އެކަން ޔަޤީންކޮށް ޢަމަލުކުރީމާ ޝިފާ ދެއްވަވާނެ! އިން ޝާ ﷲ

ރުޤްޔާކުރާ ބައެއް މީހުންގެ ވާހަކަތަކަށް ބަލައި ކީރިތި ޤުރްއާނުން ޝިފާ ލިބޭނީ ކޮންކޮން ބާވަތެއްގެ ސިޙުރަކަށް ނުވަތަ އެސްފީނާއަކަށް ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.  

އެގޮތުން ކުރެވޭ ސުވާލުތަކަށް އޮތް ޖަވާބު ވަރަށް ސާފެވެ. މުޅި ކީރިތި ޤުރްއާނަކީވެސް ޝިފާއެކެވެ. މާނައަކީ ޤުރްއާން ކިޔެވުމަކީ ޝިފާއެކެވެ. ކޮންމެ ސޫރަތެއް ނުވަތަ އާޔަތެއް ކިޔެވުމަކީވެސް ހަމަ ޝިފާލިބޭނެ ކަމެކެވެ. ހަމަ އެއާއިއެކު ޤުރްއާނުން ޝިފާ ނުލިބޭނެ ބައްޔެއްވެސް ސިޙުރެއްވެސް އަދި އެސްފީނާއެއް ވެސް ނޯންނާނެއެވެ. 

ދެން ވިސްނާލަން އޮތް ކަމަކީ ވަކި ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ޚާއްޞަވާ ސަބަބަށެވެ. އެއީ ސުންނަތުން އެކަން އެނގެން އޮތީތީއެވެ. 2 އިރުގެ ޛިކުރުގެ ތެރޭގައި ހިމަނައިގެން މިކިޔަވަނީ ސުންނަތުން އެކަން އެނގެން އޮތުމުންނެވެ. އެއިގެ މާނައަކީ އެހެން ސޫރަތްތައް ކިޔެވުމުންވެސް ޝިފާ ނުދެއްވަވާނެ ކަމެއް ނޫނެވެ. 

﴿82﴾ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا

"ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ."

(އަލް އިސްރާ: 82) 

މިއާޔަތުގައި އެއޮތީ "ޤުރްއާނުން" މިފަދައިންނެވެ. އެއިގެ ތެރޭގައި މުޅި ޤުރްއާން ހިމެނިގެންދެއެވެ. ވީމާ ކީރިތި ޤުރްއާނުން ޝިފާލިބުމާއިމެދު އަމިއްލައަށް ވާހަކަތައް އުފައްދައިގެން ނުދައްކާށެވެ! އެއިރުން ގިނަ ބައަކަށް އޮޅުންތައް އަރާނެއެވެ. 

މިކުރާ ސުވާލާއިމެދުގައިވެސް ވިސްނައިލާށެވެ! މީހަކަށް ކޮންމެ ފަދަ ބައްޔެއްވެސް ޖެހިދާނެއެވެ. ކޮންމެ ފަދަ ސިޙުރެއްވެސް ޖެހިދާނެއެވެ. އެކަންކަމަށް ޤުރްއާނުން ޝިފާ ނުލިބޭނަމަ ޝަރުޢީ ރުޤްޔާކުރަން ދެން ކިޔަވާނީ ކޮން އެއްޗެއް ހެއްޔެވެ؟ މުޝްރިކުން ފަދައިން ޝައިޠޯނުންނަށް ގޮވެލިފައްޗެއް ގޮވާނީ ހެއްޔެވެ؟ އެކަމަކީ މުސްލިމުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މާނައަކީ ކުރުން ހުއްދަ ކަމެއް ނޫނެވެ. އަދި ކުރިޔަސް އެއްވެސް ފައިދާއެއް ކުރާނެ ކަމެއްވެސް ނޫނެވެ. ފާފަވެރިވެ މަގުފުރެދި ހަލާކުވުން ނޫން ކަމެއް އެކަމަކުން ނުވާނެއެވެ.

ކީރިތި ޤުރްއާނުގެ މަތިވެރިކަން ގެއްލޭ ގޮތަށް މީސްމީހުން ދައްކާ ވާހަކަތައް އަޑުނުއަހާށެވެ. ޤަބޫލުވެސް ނުކުރާށެވެ! ޤަބޫލުކޮށް ޔަޤީންކުރަން އޮތް ކަމަކީ ޤުރްއާނެވެ. ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމެވެ.

އަހުރެންގެ އެކުވެރިއަކަށް ދިމާވިކަމެއްވެސް ބުނެލާނަމެވެ. އެއްރޭ ދަންވަރު ކުއްލިއަކަށް އޭނާގެ 5 އަހަރުގެ ދަރިފުޅަށް ގޮތްތަކެއްވީއެވެ. އަތްފަޔަށް ބާރުއެރީއެވެ. ދެދަތްޕިލަވެސް ޖެހިފިތުނީއެވެ. އެވަޤުތު ލިބުނު ހާސްކަން މަތީގައި ހުރެ ބާރަށް ގޮސް ވުޟޫކުރިއެވެ. ކުއްޖާގެ ގާތުގައި މުޞްޙަފް ހުޅުވައިލެވުނު ދިމާއިން ކިޔަވަން ފެށިއެވެ. މަޑުމަޑުން ގޮސް ކުއްޖާގެ ކަންކަން ހަމައަކަށް އެޅުނެވެ. ހަމައަކަށް އެޅުމުން މުޞްޙަފް ލައްޕައިލީއެވެ.

އޭނާ ބުނި ގޮތުގައި ކިޔެވުނީ ކޮން ސޫރަތަކުންކަން ފަހުން ހަނދާންކުރަން އުޅެއުޅެ ހަނދާނެއްވެސް ނުވިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ޔަޤީނުން އެނގޭކަމަކީ ޝިފާ ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ.

މިފަދަ އެތައް ތަޖުރިބާއެއް ގިނަބައަކު ވަނީ ކޮށްފައެވެ. ސިޙުރާ އެސްފީނާއިން ސަލާމަތްވުމަށް ޝަރުޢީ ރުޤްޔާ ކުރަމުންވެސް ވީހާ ގިނައިން ޤުރްއާން ކިޔަވަން ބުނެވެނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. 

 

- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން   

 

 

މިއަދު އޮންލައިން