ސިކުނޑިމަރުވެއްޖެކަމަށްބަލައި ވެންޓިލޭޓަރު ކަނޑާލަން އުޅެނިކޮށް އާދައާ ޚިލާފް ގޮތަކަށް ފުރާނަ ސަލާމަތްވި ޒުވާނެއްގެ ވާހަކަ- ބައްޕަ ޖަލަށް! ދަރިފުޅު ގެއަށް! މިވީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސިކުނޑިމަރުވެއްޖެކަމަށްބަލައި ވެންޓިލޭޓަރު ކަނޑާލަން އުޅެނިކޮށް އާދައާ ޚިލާފް ގޮތަކަށް ފުރާނަ ސަލާމަތްވި ޒުވާނެއްގެ ވާހަކަ- ބައްޕަ ޖަލަށް! ދަރިފުޅު ގެއަށް! މިވީ ކިހިނެއްތަ؟

އެއީ އޭނާގެ ދޮށީ ފިރިހެންދަރިފުޅެވެ. ޢުމުރަކީ 32 އަހަރެވެ. ބަލިވެ އުޅުމުގެ ތެރޭގައި ކޯމާއަކަށް ދިއުމުން ފަރުވާދެމުން އައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑޮކްޓަރުންގެ ޓެސްޓްތަކުން އެނގުނީ އޭނާގެ ސިކުނޑި މަރުވެފައިވާ ކަމެކެވެ. އެހެންވެ އަނބުރައި ނުގެނެވޭނެ ކަމެވެ. އެހެންވެ ވެންޓިލޭޓަރު ކަނޑާލަން ބޭނުންވިއެވެ.  

ނަމަވެސް ބައްޕަ ޑޮކްޓަރުންގެ ޥާހަކަ ޤަބޫލެއް ނުކުރިއެވެ. ރުޅިއައިސްގެން ނެގީ ފިސްތޯލައެވެ. ބުނީ ވެންޓިލޭޓަރު ކަނޑާލައިގެން ނުވާނެ ކަމަށެވެ. ކަނޑާލައިފިނަމަ ފިސްތޯލަޖަހާނެ ކަމަށެވެ. އެހެންވެ ހޮސްޕިޓަލުން ގުޅައިގެން ފުލުހުން ގެނުވިއެވެ. 

ފުލުހުން އައިތަނާހެން ދަރިފުޅަށް ކިނބިއްސެއް އެޅުނެވެ. އެވަޤުތު ދަރިފުޅުގެ ގާތުގައި އަތްވިއްދާލާފައި ބައްޕަ ދަރިފުޅަށް ބުނީ ބައްޕަގެ އަތުގައި ހިފާލުމަށެވެ. ވީގޮތެއްވެސް ސަބަބެއްވެސް ނުއެނގުނެވެ. ކުއްޖާ އެވަޤުތު ބައްޕަބުނި ގޮތަށް ކަންތައް ކުރިއެވެ. އެއާއިއެކު ޑޮކްޓަރުންގެ ވިސްނުން ބަދަލުވިއެވެ.  

ކުރި ފަރުވާއިން ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވި ގަދަވެ ގެއަށް ދެވުނެވެ. ނަމަވެސް ޑޮކްޓަރުންނަށް ބިރުދެއްކި މައްސަލައިގައި 1 އަހަރު ވަންދެންދެން ޖަލުގައި ހުންނަން ޖެހުނެވެ.  

މިއީ ކޮވިޑުގެ ދުވަސްވަރު އެމެރިކާގެ ޓެކްސަސްގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގައި ހިނގާފައިވާ ކަމެއްކަމަށް މިމަޢުލޫމާތު ހާމަކުރި މީހާ ބުނެފައިވެއެވެ.  

ވިސްނައިލާށެވެ! ބޭސްފަރުވާގެ ގޮތުން އެންމެ ކުރިއަރާފައިވާ އެމެރިކާއެވެ. އެންމެ މަތީފެންވަރުގެ ޑޮކްޓަރުންނެވެ. އެންމެ ފެންވަރު ރަނގަޅު މުޝިނަރީއާއި ވަސީލަތްތަކެވެ. އެކަމަކު މިއެނގުނީ ކޮންކަމެއް ހެއްޔެވެ؟ ބައްޕައަށް ދަރިފުޅު ގާތުގަ އެވަޤުތު އެހެން ބުނެވުނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަގެ ބަހަށް ދަރިފުޅަށް ޢިޖާބަ ދެވުނީ ކީއްވެގެން ހެއްޔެވެ؟ މުހުރީ ޖަވާބު ބޭނުންވާ ސުވާލުތަކެވެ.  

ޑޮކްޓަރުން ކުށްވެރި ނުކުރާށެވެ! އެމީހުން ކަންކަން ނިންމައި ބަސް އެބުނަނީ އެމީހުންނަށް ކަންކަން އެނގޭވަރުގެ މައްޗަށެވެ. އެއްވެސް މީހަކަށް ތަޤްދީރުގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ. ދުނިޔޭގައި އެމީހަކު ދިރިހުރުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ މުއްދަތުގައި އެމީހަކު ދިރިހުންނާނެއެވެ. މިބާވަތުގެ މީސްތަކުން ސިއްސައިގެންދާވަރުގެ ކަންކަން އަބަދުވެސް ދަނީ ހިނގަމުންނެވެ. ދާނީވެސް ހިނގަމުންނެވެ. ފިލާވަޅެއް ލިބޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން