ރައްޔިތުންނަށް ދަތިކުރުމަށް ސަރުކާރުން އެއްވެސް ނިންމުމެއް ނިންމަވާފައި ނުވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރައްޔިތުންނަށް ދަތިކުރުމަށް ސަރުކާރުން އެއްވެސް ނިންމުމެއް ނިންމަވާފައި ނުވާނެ: ރައީސް

ރައްޔިތުންނަށް ދަތިކުރުމަށް ސަރުކާރުން އެއްވެސް ނިންމުމެއް ނިންމަވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ކޮންމެ ނިންމެވުމަކީވެސް ޤައުމާއި ރައްޔިތުންގެ ހައްޤުގައި ނިންމަވާފައިވާ ނިންމެވުންތަކެއް ކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ހަރުލާފައިވާ ރައްޔިތުންގެ ދުޅަހެޔޮކަމަށް ނުރައްކާ އޮތް ވަބާތަކާއި އާދަތަކުން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން ގޯސްކަމެއް ފެނުމުން އެކަމަކަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންވީ. ޒަމާންތަކެއް ވަންދެން ވަކިކަމެއް ގޯސްކޮށް ހިނގުމަކީ ދެންހަމަ އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭނެކަމެއް ނޫންކަން އެބަޖެހޭ އަޅުގަނޑުމެންގެ ހިތުގައި ކަނޑައަޅާ ޢަމަލުން ދައްކަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މުސްތަޤުބަލަށްޓަކައި އަންނަން އޮތް ޖީލުތައް ސަލާމަތްކޮށްދީ، ވަށާޖެހޭ ތަރައްޤީ، ޙަޤީޤީ މާނައިގައި ތަރައްޤީ ވެފައިވާ ދިވެހިރާއްޖެއަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރު ނިންމަވަމުންދަނީ އުނދަގޫ ނިންމުންތަކެއް ކަމަށެވެ.

މި ދަތިރިފުޅުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް މުޢިއްޒު އަޑުއެއްސެވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

 

މިއަދު އޮންލައިން