ކޮންމެ މީހަކީ ވަގަށް ލޯބިވެރިން ގެންގުޅޭ މީހެއް ނޫނެވެ. ވީމާ އެކަންކުރާ މީހުންގެ ވާހަކަ ދައްކާކަށް މިވަޤުތަކު ނެތީމެވެ. މިދައްކަނީ ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާ މީހުންގެ ވާހަކައެވެ.
ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. ގާތް މީހުންވެސް ތިބޭނެއެވެ. އެމީހުން ގުޅާނީ ކޮން ވަޤުތަކު ކަމެއް ނުއެނގޭނެއެވެ. އަދި ދެމަފިރިން ތިބީ އެކުގައި ކަމެއް ނުވަތަ ނޫންކަމެއްވެސް ނުއެނގޭނެއެވެ. މިޒަމާނުގައި އެކަކު އަނެކަކަށް ގުޅާއިރު އަނެކާގެ ޙާލަތަށް ބަލަނީ މަދުމީހެކެވެ. ކަމެއް ނުޖެހުނަސް ކޮންމެ ވަގުތަކުވެސް ގުޅައިފާނެއެވެ.
ދިރިއުޅޭ ގޭގައި ނަމަވެސް ގެއިން ބޭރުގައި ނަމަވެސް ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި ގުޅާ ކޯލުތައް ނުނެގުމަކީ ގިނަބައަކު ކުރާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅުގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ ނަގައި ޖަވާބުދިނުމެވެ. ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި އަންނަ ކޯލުތައް ނަގައި ޖަވާބުދޭށެވެ! ޖަވާބުނުދިނުމަކީ އަނެކާގެ ހިތުގައި ޝައްކުތައް އުފެދިދާނެ ކަމެވެ. ޖަވާބު ދިނުމަކީ އިތުބާރު ބޮޑުވާނެ ކަމެކެވެ. ނަންބަރު އޮޅިގެން ގުޅާ މީހުން ފިޔަވައި ކޮންމެ މީހަކުވެސް ގުޅާނީ ކޮންމެވެސް ބޭނުމަކުއެވެ. ވީމާ ފޯނުނަގައި ޖަވާބު ނުދޭނަމަ ތަކުރާރުކޮށްވެސް ގުޅާނެއެވެ.
ބައެއް މީހުން ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި އަންނަ ކޯލްތަކަށް ޖަވާބު ނުދެނީ ދެމަފިރިން އެކުގައި ހޭދަކުރަން ލިބޭ ވަގުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ އެކަން ޙައްލުކުރެވޭނެ ގޮތްތައް މިހާރުގެ ފޯނުތަކުގައި އެބަހުއްޓެވެ. އެވަސީލަތްތަކުގެ ބޭނުން ހިފުމަކީ މައްސލައެއް ނޫނެވެ.
ދެމަފިރިންގެ މެދުގައި ގިނަ ފަހަރު އިތުބާރު ގެއްލެނީ މާބޮޑެތި ކަންކަން މެދުވެރިވެގެނެއްވެސް ނޫނެވެ. ވަރަށް ކުދކުދިކަންކަމުގެ ސަބަބުން ހިތުގައި އުފެދެންފަށާ ޝައްކުތަކުގެ ސަބަބުންނެވެ. ވީމާ ޒަވާޖީ ޙަވާތް އުފާވެރިކަމާއިއެކު ކާމިޔާބުކުރަން ބޭނުންނަމަ އަނެކާގެ ހިތުގައި ޝައްކު އުފެދިދާނެ ކިތަންމެ ކުޑަކަމެއްވެސް ނުކުރާށެވެ!
ބައެއް މީހުން ބުނެއެވެ. "މިވަގުތު މިއިނީ ބައިވެރިޔާއާއެކު! ފަހުން ގުޅާލާނަން!" މިއީވެސް ރަނގަޅު ގޮތެކެވެ. އެކަމަކު އެއިރު ބައިވެރިޔާ ގާތުގައި ހުރިނަމަ އެގުޅީ ކާކުކަން ބުނެލާށެވެ. އެއިރުން ހުރިހާ ޝައްކުތަކެއް ފިލާނެއެވެ. އަދި ފޯނުނގައި ޖަވާބު ނުދޭނެ ނަމަ ގުޅީ ކާކުކަން ފޯނުން ބައިވެރިޔާއަށް ދައްކައިލާށެވެ! އެއިރުން ޝައްކުކުރާކަށް ނުޖެހޭނެއެވެ.