ކުރީ ރަމަޟާން މަހުގެ ރޯދަ ނުހިފި ޤަޟާކުރަން ޖެހޭ ރޯދަ ހުރި ނަމަ އަވަހަށް އެ ރޯދަތައް ހިފައި ނިންމާށެވެ! އެއްކަމަކީ މިއަހަރުގެ ރަމަޟާން މަސް ގާތްވަމުން އަންނަކަމެވެ. ދެވަނަ ކަމަކީ މަރުވާނެ ވަގުތެއް ނުއެނގޭއިރު ނުހިފިހުއްޓައި މަރުވެއްޖެނަމަ އޮންނާނީ ޤިޔާމަތްދުވަހު އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައިކަމެވެ.
ޤަޟާ ރޯދައަކީ ކޮންމެހެން ހިފަންޖެހޭ ވަރަށް މުހިންމު ރޯދައަކަށްވާއިރު ޤަޟާ ކުރަން ޖެހޭ ރޯދަ ހުރިނަމަ އެކަންކޮށް ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. މަޤްބޫލްއުޒުރެއް ނެތި މިއަހަރުގެ ޤަޟާކުރަންޖެހޭ ރޯދަ އަންނަ އަހަރަށް ފަސްކުރުމެއް ނެތެވެ.
އިސްލާމް ދީނުގައި އަޅުކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ހައިޟުވެރިޔާއަށް، ޙައިޟުގެ ދުވަސްވަރު ނުކުރެވި ގެއްލޭ ނަމާދު ޤަޟާކުރުމެއް ނެތެވެ. ނަމަވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހެއެވެ. ވީމާ ހައިޟުގެ ދުވަސްވަރު ގެއްލޭ ނަމާދު ދަރަންޏަކަށް ނުވާއިރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހުމުން، ރޯދަ ޤަޟާކުރަން ދޭންޖެހޭ ސަމާލުކަން އެނގިގެންދެއެވެ.
ވިހެއުމުގެ ސަބަބުން ނިފާސްކަމުގެ ދުވަސްވަރު ގެއްލިފައިވާ ރޯދަ ހުރިނަމަވެސް އަދި ބައްޔެއްގައި އުޅެންޖެހުމުން ގެއްލިފައިވާ ރޯދަ ހުރިނަމަވެސް އަވަހަށް ޤަޟާކޮށް ނިންމާށެވެ. ބަލީގެ ސަބަބުން ރޯދަ ހިފެންނެތްނަމަ ދީނުގައިވާ މަގުން ފިދުޔަދީ އެކަން އެކަން އަވަހަށް ނިންމާށެވެ!
- މައުލޫމާތު އިސްލާމް އޮންލައިން