ތަނަވަސްކަމަށް ބަލައިގެން ކައިވެނިކޮށްފަ، ހިތްހަމަޖެހުން ނުލިބުނަސް ދަރިން ނުބައި މަގުން ދިއަޔަސް ޝަކުވާއެއް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތަނަވަސްކަމަށް ބަލައިގެން ކައިވެނިކޮށްފަ، ހިތްހަމަޖެހުން ނުލިބުނަސް ދަރިން ނުބައި މަގުން ދިއަޔަސް ޝަކުވާއެއް ނުކުރެވޭނެ!: މުފްތީ މެންކް

ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިނުކުރަން އަބަދުވެސް ބުނަމެވެ. ސަބަބަކީ ތަނަވަސްކަމަކީ އަބަދު އެއް މިންވަރަކަށް ދެމިހުންނާނެ ނިޢުމަތެއް ނޫނެވެ. މަދުވާ ދުވަސްތައް އަންނާނެއެވެ. ކިތަންމެ ތަނަވަސް މީހުންނަށްވެސް ދަތިޙާލުގައިވެސް އުޅެން ޖެހެއެވެ. 

ކައިވެނިކުރާއިރު ވިސްނަންވީ އުފަލުގައި ދިރިއުޅެވޭނެ ގޮތަކަށެވެ. އުފަލުގައި ދިރިއުޅުމަށް ބަލައިފިނަމަ ތަނަވަސްކަމަށް އަދާކުރެވޭ ދައުރު ވަރަށް ކުޑައެވެ. ރަނގަޅަށް ބަލައިފިނަމަ އެންމެ ކުޑައީ ތަނަވަސްކަމުގެ ދައުރެވެ. 

ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރު އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެ ބޮޑަށް ބަލަންވީ ބައިވެރިޔާގެ އަޚްލާޤަށެވެ. އޭނާގެ ހިތް ސާފުކަމަށެވެ. އެއްވެސް މީހަކަށް އޭނާގެ އަޚްލާޤް ރަނގަޅު ނުވެ، ހިތް ސާފުނުވެ، ބައިވެރިޔާދެކެ ޙަޤީޤީ ލޯބި ނުވެވޭނެތީއެވެ. ޙަޤީޤީ ލޯބި ނުވެވި އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްނުދެވޭނެތީއެވެ. 

ދެން އޮތީ ލިބޭ ދަރިންގެ ވާހަކައެވެ. ދަރިފުޅަށް ހޯދައިދެވޭނެ އެންމެ ބޮޑު އުފަލަކީ، ނުވަތަ ކޮށްދެވޭނެ އެންމެ ރަނގަޅުކަމަކީ ތަނަވަސް ބައްޕައެއް ނުވަތަ މަންމައެއް ހޯދައިދިނުމެއް ނޫނެވެ. ދަރިން ލިބުމުން ލޯބިދީ އަޅާލައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރާނެ މަންމައަކު ނުވަތަ ބައްޕައަކު ހޯދައިދިނުމެވެ. ސަބަބަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުނުކުރެވިއްޖެނަމަ މައިންބަފައިންގެ ކިބައިން ވާރުތަވާ ތަނަވަސްކަން ވާނީ އެކުދިންނަށް ލިބޭ އެންމެ ބޮޑުއަނިޔާއަށެވެ. އެއީ އެކަމުގެ ސަބަބުން އެކުދިންގެ ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދިއުމުގެ ފުރުޞަތު ބޮޑުކަމުންނެވެ!  

ތަނަވަސްކަމަށް ބަލައިގެން ކައިވެނިކޮށްފައި ކައިވެނިން ތިމާއަށް ހިތްހަމަޖެހުން ނުލިބުނަސް ދަރިން ނުބައި މަގުން ދިއަޔަސް ޝަކުވާ ނުކުރެވޭނެ ކަމަށް މިބުނަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން