ޒަވާޖީޙަޔާތަށް ފެށުމަށްފަހު އަނެކާއަށް ބޭވަފާތެރިވުމާ ޚިޔާނާތްތެރިވުމަކީ ވަރަށް ބޮޑެތި ގެއްލުން ލިބޭ ކަމެއް! ޚުޝޫޢަތްތެރިކަމާއެކު ނަމާދުވެސް ނުކުރެވޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ޒަވާޖީޙަޔާތަށް ފެށުމަށްފަހު އަނެކާއަށް ބޭވަފާތެރިވުމާ ޚިޔާނާތްތެރިވުމަކީ ވަރަށް ބޮޑެތި ގެއްލުން ލިބޭ ކަމެއް! ޚުޝޫޢަތްތެރިކަމާއެކު ނަމާދުވެސް ނުކުރެވޭ ކަމެއް!: މުފްތީ މެންކް

ޒަވާޖީޙަޔާތް މިކިޔަނީ ދެމަފިރިން އެކުގައި ކުރާ ދަތުރަށެވެ. ޙަޔާތުގެ އެންމެ މުހިންމު ދަތުރަށެވެ. ދަތުރަށް ފުރާފައި އުޅަނދުގައި ލޯވަޅުއަޅައި އުލަނޑު އަޑިއަށް ފައްތައިލީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އުޅަނދު ކަނޑުވި ފަދައިން ދެމަފިރިންވެސް ކަނޑުވާނީ ނޫންހެއްޔެވެ؟ އެއަށްވުރެ ބޮޑު މޮޔަކަމެއް ކުރެވޭނެ ހެއްޔެވެ؟

 

ވީމާ ފުރަތަމަވެސް ބުނެލާނަމެވެ. ވަކިމީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް ޚިޔާނާތްތެރިވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މިހާރުގެ ބަހުރުވައިންނަމަ މީހާ އަމިއްލައަށް "ސްޓްރެސް"ގެ ތެރެއަށް ވެއްޓިގެންދާ ކަމެކެވެ. "ސްޓްރެސް ފްރީ" މީހަކަށްވާން އެދޭނަމަ ޚިޔާނާތްތެރިނުވާށެވެ.

ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބރުވެތިނުވެވޭ މީހާ އެންމެހައި މަޚްލޫޤުން ދެކެ ބިރުގަންނާނެއެވެ. އެގޮތުން ފާފަކުރެވެން ފަށައިފިނަމަ މީސްތަކުންނާއިމެދު ކަންބޮޑުވާންފަށާނެއެވެ. ހަމައެއާއިއެކު ތިބާހުރީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެގެން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ނަމަ ތިބާގެ ހުރިހާ ކަމަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ.

މިސްކިތަށްގޮސް ނަމާދުކުރިނަމަވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރާ މީހުންނަށެވެ. އެއީ ހުރިހާ ކަމެއް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަމުން ގެންދާ މީހާ ހުންނާނީ ވަރަށް ބޮޑަށް ހަމަޖެހިލައިގެނެނެވެ. ވިސްނަން ޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. ބިރުގަނެ ކަންބޮޑުވާންޖެހޭނެ އިތުރު ކަމެއްވެސް ނުއޮންނާނެތީއެވެ. އެފަދަ މީހުން ކަންބޮޑުވާނީވެސް ބިރުގަންނާނީވެސް ހަމައެކަނި ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެތީއެވެ.

ރަނގަޅަށް ވިސްނާށެވެ! މީސްތަކުންގެތެރެއިން ބައަކު ފާޑުނުކިޔާނެ ގޮތަކަށް އަދި ނުބައި ބަސްތައް ނުބުނާނެ ގޮތަކަށް އުޅެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެހެނީ އެއީ ދިރިއުޅުމުގެ ބައެކެވެ. އެހެނަސް ޙައްޤުމަގުގައި ހުންނަ، ނުބައި އެއްވެސް ޢަމަލެއް ނުކުރާ މީހާ މީސްތަކުން ދައްކާ އެއްވެސް ވާހަކައަކަށް އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ. އެބައަކު ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އެމީހާއަށް ހުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައިކަން ޔަޤީންކުރެވޭނެތީއެވެ.

ފާހިޝް ޢަމަލުކުރުން، ވައްކަންކުރުން، ބައިވެރިޔާއަށް ޚިޔާނާތްތެރިވުން ފަދަ ކަންކަން ކުރެވޭ މީހުން އަބަދުވެސް ތިބޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަބަދުވެސް ވިސްނަން ޖެހޭނީ އެވެނި މީހަކަށް ނުވަތަ އެއްވެސް މީހަކަށް އެމީހަކުކުރި ފާފަ އެނގިދާނެކަމާއިމެދުގައެވެ. އަބަދުވެސް ހުންނާނީ ކުރި ފާފަ ފަޅާއަރައިފާނެކަމަށާއ ފަޅާ އަރައިފިނަމަ ވާނެ ގޮތަކަށް ބިރުންނެވެ. އެފަދަ މީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުވެސް ނުކުރެވޭނެއެވެ. އެކަންކަމަށް ވިސްނަން ހަދައިގެންނެވެ.

ބައިވެރިޔާއަށް ޚިޔާނާތްތެރިވާ މީހުންގެ ކަންބޮޑުވުން ވަކިން ބޮޑުވާނެއެވެ. އެއީ އޭނާގެ ދިރިއުޅުން ގެއްލިގެން ހިނގައިދާނެތީ ގަންނަބިރު ބޮޑުކަމުންނެވެ. އެފަދަ ގިނަ މީހުން ޚިޔާނާތްތެރިވަނީ ކައިވެނި ރޫޅެން ބޭނުންވާތީއެއް ނޫނެވެ. ޝައިޠޯނާގެ ނުބައިވަސްވާސްތަކަށް ހެއްލެވޭތީއެވެ. ވީމާ ކުރި ނުބައިކަންތައް ހާމަވެ ކައިވެނި ރޫޅިދާނެތީ އަބަދުވެސް ހުންނަން ޖެހޭނީ ބިރުންނެވެ. ވީމާ އެފަދަ މީހުންނަށް ނަމާދުގައި ތިބޭއިރުވެސް އެކަންކަމަށް ވިސްނޭނެއެވެ.

މިއީ ހަމަ ޝައިޠޯނާ އޭނާގެ މަކަރުވެރިކަމުން ކުރމަތިކުރުވާ ޙާލަތެކެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރިއަ ނުދޭންވެގެންނެވެ. ސުވަރުގެ ދިއުމަށް ހުރަސް އަޅަންވެގެންނެވެ. އޭނާއާއިއެކު ނަރަކައަށް ގެންދަން ބޭނުންވާތީއެވެ.

 

މީސްތަކުންނޭވެ! ޙައްލަކީ ތައުބާވުމަށް އަވަސްވެގަތުމެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަންދެން ﷲ ތަޢާލާ ވަނީ އެކަމުގެ ފުރުޞަތު ހުޅުއްވަވައިލަ ދެއްވަވައިފައެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އެއިރުން އެއްވެސް މީހަކުދެކެ އެއްވެސް ވަރަކަށް ބިރުގަންނާކަށް ނުޖެހޭނެއެވެ. އެއްވެސް ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށް ވެސް މަގުފަހިވާނެއެވެ! ---މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން