ދެދުނިޔަވީ މިޘާލަކުން ބަލާނަމެވެ! ބައްޔަކާއިމެދު މީސްތަކުން ހޭލުންތެރިކުރުވަން ބޭނުންވާނަމަ އެބަލީގެ ހުރި ނުރައްކައުތެރިކަމުގެ ވާހަކަ ނުދައްކައި އެކަންކުރާނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ ކަމަކަށް ބެލިނަމަވެސް އޮތީ ހަމަ މިގޮތެވެ. ކޮންމެ ކަމަކަށްވެސް ހޭލުންތެރިވެ ސަމާލުވެވޭނީ އެކަމަކުން ތިމާއަށް ލިބޭނެ ގެއްލުން އެނގޭނަމައެވެ. މިޙަޤީޤަތާއިއެކު ކުރިއަށްދަމާ ހިނގާށެވެ!
މަރުވުމާ ނަރަކައިގެ ވާހަކަ ދައްކައި އަދި އަޑުއަހަން މީހުން ފަސްޖެހޭ 3 ސަބަބެއްވެއެވެ. އެކަންކަމަށް ޣާފިލުވެ ތިބެގެން ނަރަކައިން ސަލާމަތް ވެވުން ވާނީ އުނދަގޫ ކަމަކަށެވެ! މަރުވުމާއި ނަރަކައިގެ ވާހަކަތައް އަޑުއަހަން ކިތަންމެ ބިރުގަތް ނަމަވެސް އަޑުއަހައިގެން ލިބޭ ބިރުވެރިކަމަށްވުރެ ނަރަކައަށް ވަންނަން ޖެހުމުން ލިބޭނެ ބިރުވެރިކަން މާބޮޑެވެ. ވީމާ އެއީ ގިނަގިނައިން އަޑުއަހަންޖެހޭ ވާހަކައެކެވެ. އެ ސަބަބުތައް މިކިޔައިދެނީއެވެ.
އާޚިރަތް ދުވަހުގެ ސަލާމަތްކަމަށް އެދޭނަމަ ގިނަގިނައިން މަރުގެ ވާހަކަދައްކަން ޖެހޭނެއެވެ. މަރުވުމުން ދެން ކަންތައްތައް ވެދާނެ ގޮތުގެ ވާހަކަތައް ދައްކަންވާނެއެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން ހިތުގައި ބާއްވަންވާނެއެވެ!
ތިމާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންތައްތައް މެދުވެރިވެދާނެ ކަމާއިމެދު އަބަދުވެސް ހުންނަންވާނީ ބިރުންނެވެ. އެ ބިރުވެރިކަން ހިތަށް ނުގެންނަ މީހަކީ ސަލާމަތް ކަން ލިބުމާއި ދުރު މީހެއްކަމަށް ބުނެވިދާނެއެވެ! އެހެނީ އެފަދަ މީހުންގެ ޢަމަލުތައް ގިނައިން ހުންނާނީ ﷲ ތަޢާލާ އަންގަވާއިވާ ގޮތާއި ދުރުގައިކަމަށްވާތީއެވެ!
އިސްލާމް ދީން ފެށިގެން އައި ދުވަސްވަރަށް ވިސްނައިލާށެވެ! މިބުނަނީ ޞަޙާބީންގެ ޒަމާނުގެ ވާހަކަތަކެވެ. އެބޭކަލުން އެންމެ ގިނައިން ދައްކަވައި އުޅުއްވެވީ މަރުވުމުގެ ވާހަކަތަކެވެ. ޢާޚިރަތް ދުވަހުން ސަލާމަތް ވެވޭނެ ކަމާއިމެދު ބިރުވެތިވެވަޑައިގަންނަވާ ކަމުގެ ވާހަކަތަކެވެ. އެކަމުން އެނގިގެންދަނީ އެބޭކަލުންގެ ހިތްޕުޅުގައި ނަރަކައަށް އޮތް ބޮޑު ބިރުވެރިކަމެވެ. ސުވަރުގެ ލިބިވަޑައިގަތުމަށް އެދިވަޑައިގެން ތިއްބެވި މިންވަރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެ ކަމަށް ކަންބޮޑުވެވަޑައިގެންނެވި މިންވަރެވެ.
ދުނިޔެއަށް އާދެވުމަށްފަހު އެކަމެއްވުން އެންމެ ޔަޤީންކަން ބޮޑުކަމަކީ މަރުވާނެކަން ނަމަވެސް އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ މީހުން ވަރަށްގިނައެވެ. ހަމައެކަނި ވަރަށް ގިނައީ އަކީއެއް ވެސް ނޫނެވެ. މަރުވުމުގެ ވާހަކަތައް ދައްކަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ދައްކަނީވެސް ވަރަށް މަދު މީހެކެވެ. މިހެން މިކަން މެދުވެރިވާ ފުރަތަމަ ސަބަބަކީ ދުނިޔެއާއިމެދު ޣާފިލުވެވިފައި ތިބޭވަރު ބޮޑުކަމުންނެވެ. ހަމަ ކޮންމެ ވަޤުތަކުވެސް ތިމާ ވެސް މަރުބެދާނެކަން އެނގޭއިރުވެސް އަވަހަކަށް މަރުނުވާނެ ކަމަށް އޮންނަ ޔަޤީންކަން ބޮޑުކަމުންނެވެ.
ދެވަނަ ސަބަބަކީ ތިމާއަށް ދިރިއުޅެވެމުން މިގެންދެވެނީ މަރަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ނުކުރެވިކަން ތިމާއަށް ޤަބޫލުކުރެވޭތީއެވެ. އަމަލުތައް އިޞްލާޙް ކުރުމަށްފަހު ދައްކަން މަޑުކުރެވޭތީއެވެ.
ތިންވަނަ ސަބަބެއްވެސް އޮވެއެވެ. އެއީ މަރުގެ ވާހަކަ ދެއްކުމުން އަނެކާގެ ހިތަށް ބިރުވެރިކަން ވަދެ އެމީހާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މާނައަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންތައްތަކެއް އަނެކާގެ ކިބައިން ޙާޞިލުކުރުމަށް އެދެވޭތީއެވެ. މި މައްސަލަ ނުވަތަ މި ދަހިވެތިކަން އެންމެ ބޮޑަށް އޮންނަނީ ކައިވެންޏާއި ނުލައި ލޯބިވެރިންގެ ނަމުގައި (ދެމަފިރިންނަށްނުވެ ލޯބިވެރިންގެ ގޮތުގައި) އެކުގައި އުޅޭ މީހުންގެ މެދުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސްކުން