ޔަޤީންކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. "ތިއަބައިމީހުން އިމްތިޙާން ނުކުރައްވަވައި ދޫކޮށްލައްވަވާނެކަމަށް ހީކުރަނީހެއްޔެވެ؟" އޮތް ބަސްފުޅަށެވެ. ޤަބޫލުކޮށްގެން ހުންނަންވީ ކޮންމެ ވަގުތަކު ކޮންމެ ސިފައެއްގައި ވެސް އިމްތިޙާން ކުރައްވަވައިފާނެ ކަމެވެ. އަދި އެ އިމްތީޙާނަކީ ލުއިފަސޭހަކަމާއި ހިތްހަމަޖެހުންކަމަށް ނުދާނެކަމެވެ.
ދެން ހިތްމައްޗަށް ގެންނަންވީ ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތެވެ! "އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ނުއުފުލޭނެ ވަރުގެ ތަކްލީފެއް ނުޖައްސަވަމެވެ!" އޮތް ބަސްފުޅަށެވެ. ތިބާއަށް ކުރިމަތިވި ތަކްލީފް އުފުލިދާނެކަމަށް ތިބާއަށް ތިބާއަށް ޤަބޫލުނުކުރެވުނަސް ނުވަތަ އެކަން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ވީމާ ހަމައެކަނި މި 2 އާޔަތަށް ވިސްނާ މީހާވެސް ހުންނާނީ ހިތްހަމަޖެހިގެން ވަރަށް އުފަލުގައެވެ. އިން ޝާ ﷲ
ހަމައެކަނި ދިރިއުޅުމުގައި ތިމާއަށް ކުރިމަތިވާ މައްސަލަތަކާއިމެދު ވިސްނާ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ އެކަންކަމުން ސަލާމަތްނުވެވިގެންނެވެ. އަބަދުވެސް ހުންނަން ޖެހޭނީ ހާސްވެ ފިކުރުބޮޑުވެފައެވެ. އުފާވެލައި ހިނިތުންވާނެ ފުރުޞަތެއް ނުލިބޭނެއެވެ.
ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. އޮފީހުގައި ނުވަތަ މަސައްކަތުގައި ކުރިމަތިވި މައްސަލަތައް ހިފައިގެން، ކޮނޑުޖަހައިގެން ގޮސް ގެއަށް ވަންނަ މީހުންނަށް އަނބިދަރިންނަށް ހިނިތުންވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެގޮތަށް ގޭތެރޭގައި ކުރިމަތިވި މައްސަލަތައް ކޮނޑުޖަހައިގެން އޮފީހަށްދާ މީހުންނަށްވެސް ޖެހޭނީ ހަމަ މިބުނިފަދަ ޙާލަތެކެވެ. ކުރަންހުރި މަސައްކަތަށް ވިސްނާލަންވެސް އޮންނާނީ އުނދަގޫވެފައެވެ.
އޮފީހުގައި ރަނގަޅަށް މަސައްކަތްކުރެވޭނީވެސް އަދި އުފަލުގައި ދިރިއުޅެވޭނީ މައްސަލަތަކަކީ ދިރިއުޅުމުގެ ބައެއް ކަމަށް ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ މީހަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން