ބިރުގަތުމަކީ އިންސާނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަމެކެވެ. ވީމާ ކޮންމެ މީހަކުވެސް ކޮންމެވެސް ކަމަކަށް އަދި ކޮންމެވެސް މިންވަރަށް ބިރުގަންނާނެއެވެ. ބިރު ނުގަތުން ކަމަށް މިބުނަނީ އެކަމަށް ކަންބޮޑުނުވެ ހަމަޖެހިލައިގެން އުޅުމަށެވެ. އެކަން އެގޮތަށް ނުކުރެވޭ ސަބަބަކީ ބިރުގަންނަންވީ ކަންކަމާއި ބިރުވެތިވާންޖެހޭ ފަރާތް އޮޅިގެން އުޅެވޭތީއެވެ.
މީހެއްގެ ކަންފަތަށް ބިރުވެރި އަޑެއް އިވުމުން ކޮންމެ މީހަކުވެސް ބިރުގަނެއެވެ. ތެޅި ފޮޅެއެވެ. އަޑު އަންނަ ދިމާ ބަލައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަލާމަތްވާން ވެސް މަސައްކަތްކުރެއެވެ.
އެހެންކަމަށްވާއިރު ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބާވައިލައްވަވާފައިވާ ނަރަކައިގެ ބިރުވެރިކަމާއި ގަދަފަދަ ޢަޛާބުގެ ވާހަކަ ހަމަ އެކަންފަތްތަކަށް އަޑުއިވުމުން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކައްވަޅުގެ ޢަޛާބުގެ ވާހަކަތައް އަޑު އިވުމުން ބުރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ބިރުގަންނަންވީ މިއަދު ކުރިމަތިވެދާނެ މުޞީބާތަކަށް ނޫނެވެ. ޖިންނި ފުރޭތައަކަށްވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މިނިކާވަގާއި ސިންގާއިންނަށް ވެސް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. މާތްﷲ އެކަމެއް އެގޮތަށް ހިނގަން މިންވަރު ކުރައްވަވާފައިވާނަމަ މެނުވީއެވެ.
މާނައަކީ ޖިންނި ޝައިޠޯނުންނަށްވެސް، މިނިކާ ޖަނަވާރުންނަށްވެސް ތިބާއަށް އެއްވެސް ގެއްލުމެއް ދެވޭނީ ﷲ ތަޢާލާ އެކަމަށް އިޛުނަފުޅު ދެއްވެވުމުންނެވެ. އަދި ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާންޖެހުނަސް ﷲ ތަޢާލާ ތިބާއަށް ރައްކައުތެރިކަން ދެއްވަވައިފިނަމަ ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ.
މާތްﷲ ކަމަކަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަމެއް ހުއްޓުވޭނެ ހަމަ އެއްވެސް މަގެއް ނިކަން ހޯދައިބަލާށެވެ! ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. މިކަންކަން ކަނޑައެޅިގެން އެނގި ޔަޤީންވާއިރުވެސް ކީރިތި ޤްރްއާނުގެ އާޔަތްތައް އަޑުއިވުމުން ބިރުގަންނަނީ މަދުބައެކެވެ. އަޑުއަހަނީ މަދުބައެކެވެ.
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރަމުން ދަނިކޮށް ޖިންނިއެއް އައިސް ކަމެއް ކުރިއްޔާ އޮތީ ކޮން ބިރެއް ހެއްޔެވެ؟ ސިންގާއެއް ހަމަލަދީ މަރައިލިއްޔާ ވާނީ ކީއްހެއްޔެވެ؟ މަރުވާ ވަގުތުން ފެށިގެން ތިބާވާނީ ﷲ ތަޢާލާގެ މަތިވެރި ނިޢުމަތުގައި ނޫން ހެއްޔެވެ؟
ކޮންމެވެސް މީހަކު މިވެނި ތަނަކުން މިވެނިކަމެއް ފެނިއްޖެ ކަމަށް ބުނެފި ނަމަ އެބަ ބިރުގަންނަމުއެވެ. މިވެނި އަޑެއް އިވިއްޖެ ކަމަށް ބުނެފި ނަމަ އެބަ ބިރުގަންނަމުއެވެ. އެ ސަރަހައްދަކާއި ކައިރިވެސް ނުވަމުއެވެ.
ނަމަވެސް ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ މިވެނި ކަމެއް ޙަރާމް ކުރައްވަވާފައި ކަމަށް، ނުވެނި ކަންތައްތަކެއް ނުކުރުމަށް އަންގަވާފައި ކަމަށް ބުނުމަކުން އެ ފަދަ ބިރުވަރެއް ކަމެއް އިޙްޞާޞެއް ނުކުރެވެއެވެ. އަދި ކީއްހެއްޔެވެ؟ މިވެނި ކަންތައްތަކެއް ކުރާ މީހާއަށް ދާންޖެހޭނީ ނަރަކައަށް ކަމަށް އަންގަވާފަ
އިވާ ކަމަށް ބުނުމަކުން ވެސް ބިރެއް ނުގަނެއެވެ. އެއްވެސް ވަރަކަސް ޖެހިލުންނުވެ ބޮޑެތި ފާފަތައް ކުރަނީ ބިރު ނުގަންނާތީ ނޫންހެއްޔެވެ؟ މިއީ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ބިރު ނުގަނެ އަހަރެމެންނަށް އެއްވެސް ސަލާމަތްކަމެއް ނެތެވެ. މިއަދު އަހަރެމެންނަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުމުން ﷲ ތަޢާލާ އަހަރެމެން ސަލާމަތްކޮށް ދެއްވަވާނެތެވެ. ނަމަވެސް އާޚިރަތް ދުވަހު އަހަރެމެން ފޭލްވެއްޖެ ނަމަ އަހަރެމެންގެ ޢާދޭސް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ދާންޖެހޭނީ ނަރަކައަށެވެ. އާޚިރަތް ދުވަހު ފޭލްނުވެ ސަލާމަތް ވެވޭނީ ކީރިތި ޤްރްއާނަށާއި ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލުކޮށްގެންނެވެ.
މިވާހަކަކޮޅަށްވެސް ވިސްނައިލާށެވެ! ތިބާ އެހެން ހުރިހާ ކަންކަމަށް ބިރުން އުޅެނިކޮށް މަރުވުމެވެ. މިބުނަނީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ބިރުން އުޅެނިކޮށް މަރުވާ ވާހަކައެވެ. މަރުވާ ވަގުތުން ފެށިގެން ކުރިމަތިލާންޖެހޭނީ މާބޮޑު ބިރުވެރިކަމާ ނޫންހެއްޔެވެ؟ ދުނިޔަވީ ބިރުވެރިކަމުން ސަލާމަތްވެވޭނެއެވެ. މަރުވުމަށްފަހު ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެނަމަ އެކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު އޮއްވައި މިކަންކަމަށް ވިސްނާށެވެ! ކީރިތި ޤްރްއާނަށް ބިރުވެތިވާށެވެ! ކީރިތި ޤްރްއާނުގައިވާ މަގުން އަމަލުތައް ބަހައްޓަން ފަށާށެވެ. ކުރިމަތިލާންޖެހޭނެ ހަޤީޤީ ބިރުވެރިކަމުން ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ. -- އިސްލާމީ ތިލަފަތުގެ ދަރުސަކުން