ރަނގަޅު ބައިވެރިއަކު ހޯދަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ރަނގަޅު މީހަކު އަނގައިން ނުބުނާނެ މީހަކަށްވެގެން ރަނގަޅު ބައިވެރިއަކު ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރަނގަޅު ބައިވެރިއަކު ހޯދަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ރަނގަޅު މީހަކު އަނގައިން ނުބުނާނެ މީހަކަށްވެގެން ރަނގަޅު ބައިވެރިއަކު ނުލިބޭނެ!

ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! މީހެއްގެ ކިބައިގައި މަކަރާ ޙީލަތް ހެދުމުގެ ރެކޯޑް އޮތް މީހަކު، ނުވަތަ އެމީހަކީ މަކަރާ ހީލަތް ހަދާ މީހަކުކަން އެންމެންނަށް އެނގޭ މީހަކު ރަނގަޅު ފެންވަރުގެ ވަޒީފާއަކަށް އެދިގެން ކިތަންމެ ގިނަ ތަންތަނަށް ސީވީ ފޮނުވި ނަމަވެސް އެންމެ ކުޑަމިނުން އެސީވީ، ރަނގަޅު ފެންވަރުގެ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކިޔައިވެސް ނުލާނެއެވެ. އެންމެ ކުޑަމިނުން އިންޓަރވިޔުކޮށްލަންވެސް  ބޭނުމެއް ނުވާނެއެވެ. ނަމަވެސް އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ ލިބިދާނެއެވެ. 

ލޯބީގައި ނުވަތަ ދިރިއުޅުމުގައި މަކަރާ ހީލަތްހަދާ، ވައްކަންކުރާ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ހަމަމިމައްސަލަ މިގޮތަށް ކުރިމަތިވާނެއެވެ. ރަނގަޅު ފެންވަރުގެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް އެފަދަ މީހުންނާ ގުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެންމެ ކުޑަމިނުން ބައްދަލުކޮށް ވާހަކަދައްކާލަންވެސް ބޭނުމެއް ނުވާނެއެވެ. އެއިގެ ބަދަލުގައި އޭނާ އާއި ގުޅެން ބޭނުންވާނީ އޭނާ ފަދަ ހަޑިމުޑުދާރު އުޅުމެއް އުޅޭ މީހެކެވެ. 

އެހެންވެ އަހުރެން އަހުރެންގެ ކްލައިންޓުންނަށް މިކަން ރަނގަޅަށް ވިސްނައިދެމެވެ. ރީތިކަމާއި ތަނަވަސްކަން ހުރިނަމަ މީހުންނަށް ލަނޑުދީ މަކަރުހަދަމުން އުޅެވިދާނެ ކަމާއި ނަމަވެސް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެކަން ވިސްނައިދެމެވެ. މިބުނަނީ ރަނގަޅު ފެންވަރުގެ ފިރިހެނަކުވެސް އަދި އަންހެނަކުވެސް އޭނާ ބަލައިނުގަންނާނެ ވާހަކައެވެ. 

މިއީ ދީނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނެ ގޮތް މީހުންނަށް ބުނެދީ ހޭލުންތެރިކުރުވަން މަސައްކަތްކުރާ ތަޖުރިބާރަކު ބުނެފައިވާ ވާހަކައެކެވެ. އޭނާ ބުނެފައި އެވަނީ ކަމުގެ ޙަޤީޤަތަށެވެ. ދައްކާފައި އެވަނީ ހަމަ ދީނީ ޢިލްމުވެރިންވެސް ދައްކަވާފަދަ މިޘާލެކެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ހެޔޮލަފާ ބައިވެރިއަކު ލިބެން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ ހެޔޮލަފާ މީހަކަށްވާށެވެ! ތިމާއަކީ ތެދުވެރިއަކަށްވާށެވެ! ތެދުވެރިންގެ ފަހަތުން ރަނގަޅު މީހުން އަންނާނެއެވެ. އައިސް ކައިވެނިކުރާނެއެވެ. 

ލޮބުވެތި އުޚުތުންނޭވެ! ކައިވެނި ނުކުރެވި ލަސްވެލާއިރަށް ކަންބޮޑުވެ، ޢަބުރާއި ޢިއްޒަތް ނަގައިނުލާށެވެ! އަގުވެއްޓޭނެ ފަދަ ގޮތްގޮތަށް ނުއުޅޭށެވެ. އެކަން ވެގެންދާނީ އާޚިރަތް ގެއްލުމުގެ އިތުރުން އުފާވެރި ދިރިއުޅުމަކަށް އެޅޭނެ އެންމެ ބޮޑު ހުރަހަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން