އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ! އެއީ ހަމަ ކޮންމެ ވަގުތަކުވެސް ތިމާ ޢާއި ބައްދަލުކޮށްފާނެ ކަމެކެވެ. މަރަށް ތައްޔާރުވެގެން އަބަދުވެސް ތިބެންޖެހެނީ އެހެންވެގެންނެވެ.
އަހަރެމެން އަބަދުވެސް ތިބެންޖެހޭނީ ވީހައި ގިނައިން ނަމާދުކުރަން ޢަޒުމް ކަނޑައަޅައިގެންނެވެ. އަދި ގެންދަންވާނީ ވީހައި ގިނަ ނަމާދުތައް ކުރަމުންނެވެ. 40 ދުވަސްވަންދެން އެމީހާކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާ ޙާލަތަށް މީހާ ވެއްޓުމަކީ ކޮންފަދަ ބޮޑު ނުރައްކަލެއް ހެއްޔެވެ؟
އެއްކަމަކީ ތިބާ ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމެއް ބެލީއެވެ. އެދުވަހުން ފެށިގެން 40 ދުވަސްވަންދެން ތިބާ ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. "އަހަރެން ހަމަ ގޮސްލީއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެއީ ހަމަ މަޖަލަކަށް ކޮށްލި ކަމެކެވެ." މިފަދަ ބަހަނާތައް ދެއްކުމަކުން މައްސަލަ ހައްލެއް ނުވާނެއެވެ. ﷲ ތަޢާލާ އޭނާގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވެއެވެ.
ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް، އަދި މަޖަލަކަށް ނަމަވެސް ފާލުބަލާ މީހެއްގެ ގާތުން އެއްވެސް ކަމެއް އޮޅުންފިލުވައިފިނަމަ އެމީހަކު ކުރާ ނަމާދު ޤަބޫޅުފުޅު ނުކުރައްވަވާނެކަމަށް ރަސޫލް (ﷺ) ވަނީ ހަދީޘް ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު މިކަމުގައި ދެއްކޭނީ ކޮން އިތުރު ބަހަނާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ޣައިބުގައިވާ ކަންކަން ރަސޫލް (ﷺ) އަށްވެސް އެނގިވަޑައިގަންނަވަމުން ދިއައީ ﷲ ތަޢާލާ ވަހީ ކުރެއްވެވުމުންނެވެ. އެކަމެއް ﷲ ތަޢާލާ އަންގަވައި ދެއްވެވުމުންނެވެ. ވީއިރު ފާލެއް ނޫން ކޮންމެ އެއްޗެއް ބެލިއްޔާ ފާލަބަލާ މީހުންނަށް ޣައިބުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ހަމަ އެކައްޗެއްވެސް ނުއެނގޭނެއެވެ. ވީމާ ކަނޑައެޅިގެން މިކަންކަން އެނގެން ހުރިއިރު ހަލާކުގެ ތެރެއަށް ވެއްޓި ގަންނާނީ ބޮޑެތި މޮޔައިން ނޫން ހެއްޔެވެ؟
ހަމަ އެފަދައިން ބަނގުރާނަމަވެސް، އަދި އެހެން މަސްތުވާއެއްޗެއް ނަމަވެސް ބޭނުންކޮށްފި މީހާގެ ނަމާދު 40 ދުވަސްވަންދެން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.
އަދިވެސް އިތުރަށް ވިސްނައިލާށެވެ. މިބާވަތުގެ އެއްޗެއް ޢާންމުކޮށް ބޭނުންކުރާ ނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ އެމީހަކު ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާ ޙާލަތުގައެވެ. ނަމާދު ނުކުރެވުން ކަމަށް މިބުނަނީ ނަމާދު ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަމުގެ ބިރު އޮތުމުންނެވެ.
މުސްލިމުން ރަމަޟާން މަހަށް ކުރިމަތިލާން ޖެހޭނީ އަޅުކަމަށް ތައްޔާރުވެގެންނެވެ. ވީހައި ގިނަ އަޅުކަން ކުރަން ތައްޔާރުވެގެންނެވެ. އެހެންކަމަށްވާއިރު މުޅި ރަމަޟާން މަހު ތިބާ ކުރާ އެންމެ ނަމާދެއްވެސް ޤަބޫލުފުޅު ނުކުރައްވަވާ ޙާލަތުގައި ރަމަޟާން މަހާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ރޯދަ ހިފާނީވެސް ކިހިނަކުން ހެއްޔެވެ؟ ރޯދަ ހިފިނަމަވެސް ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނަމަ ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟
ފާލުބަލާ ރަމަލުބަލާ މީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ކަމަށްވީ ނަމަވެސްމެއެވެ. މިކަމާއި ރަމަޟާން މަހާއި ގުޅުވައިމިލީ މިކަމަކީ ނަހީ ކުރައްވަވާފައިވާ ކަމެއް ނަމަވެސް ގިނަ ބައަކު ކުރާ ކަމަކަށްވާތީއެވެ. ރަމަޟާން މަސް ކައިރިވެފައިވަނިކޮށް އެފަދަ ކަމެއް ކުރެވިއްޖެނަމަ އެމީހަކަށް ރަމަޟާން މަސް އެކުގައި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.
ވީއިރު ރަމަޟާން މަހާއި ގާތްކޮށް ފާލުބެލުން، މަސްތުވާ އެއްޗެއް ބޭނުންކުރުން ފަދަ ކަމެއް ކުރެވިއްޖެނަމަ ރަމަޟާން މަހު ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟ ނަމާދު ނުކޮށް ރަމަޟާން މަހުން ހޯދޭނީ ކޮން ސަވާބެއް ހެއްޔެވެ؟
މީގެ އިތުރުން 2 މަސް ކުރިއަށްލައި މިވާހަކަ ދެއްކުމުގެ ބޭނުމަކީ މަސްތުވުމަށް ދެވިހިފާފައި ތިބި މީހުންނަށް ވިސްނައިދެވޭތޯއެވެ. ކުރިއާލައި މަސައްކަތްކޮށްގެން އެކަންކުރުން ހުޓާލުމަށް ނަބޭޙަތްތެރިވުމުގެ ގޮތުންނެވެ.
އަދިވެސް ފާހަގަކޮށްލާނަމެވެ. ކުރާ އަޅުކަން ޤަބޫލުނުކުރައްވަވާނެ ކަމަށް އޮތް ނަމަވެސް ނަމާދުކުރަންޖެހޭނެއެވެ. ފުރަތަމަ ކަމަކަށް ތައުބާވާށެވެ. ތައުބާވެ ނަމާދުކުރަމުން ގެންދާށެވެ. ކުރި ނަމާދު ޤަބޫލުފުޅުކުރެއްވެވުން ﷲ އަށް ވަކީލްކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން