ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށިފަހުން މިހާތަނަށް 52 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިވީ އެއް މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ޖުމްލަ 52،642،458 ރުފިޔާ ދޫކޮށްފައެވެ. މިއީ 4،540 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާއެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށާފައިވާއިރު، މަސްވެރިންނަށް ކޮންމެ ދުވަހަކުވެސް ދޫކުރާ ފައިސާގެ ތަފްސީލް މިފްކޯއިން ދަނީ އާންމުކުރަމުންނެވެ.
ފާއިތުވީ އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިއަދުކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަދު އެކަނި 4.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކިރުވާފައިވާ 403 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މަސްވެރިންނަށް އަވަހަށް ފައިސާ ދޫކުރުމަކީ މަސްވެރިންގެ ދިރިއުޅުމަށް ފަސޭހަވެ، މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމަށް ބެލެވެއެވެ.
މި އައު އުސޫލުގެ ދަށުން މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވަމުން އައި ގިނަ ދަތިތަކެއް ޙައްލުވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. މިފްކޯއިން މި ފޯރުކޮށްދޭ ޚިދުމަތުގެ ސަބަބުން މަސްވެރިންގެ މެދުގައި ހިތްހަމަޖެހުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.