ގދ. ރަތަފަންދޫގެ ސިއްހީ މަރުކަރުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ގޮތަކުން ވެސް ރަށަށް ބޭނުންވާ ފަދަ ސިއްހީ މަރުކަޒަކަށް އެތަން ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރި ރަތަފަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަތަފަންދޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރޭން އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ހިމެނޭ ކަމަށާއި ރަތަފަންދޫގެ ސިއްހީ މަރުކަރުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ގޮތަކުން ވެސް ރަށަށް ބޭނުންވާ ފަދަ ސިއްހީ މަރުކަޒަކަށް އެތަން ހައްދަވައިދެއްވާނެ ކަމަށެވެ. ސްކޫލްގެ މަލްޓިޕާޕޯސް ހޯލް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރަތަފަންދޫގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ފެންވަރު ރަނގަޅު ވޮލީ ކޯޓަކާއި އިންޑޯ ޖިމެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި މިހާރު ރަށުގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.