2026 ވަނަ އަހަރުގެ ކަނޑުހުޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގއ.ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ފެށުނު 2025 ވަނަ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކަށް ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގއ. ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިންގ ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ކަމަށާ، ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫޢު ފެށިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާ، އެ މަޝްރޫޢު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަޖެހި، އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބު މިންވަރުކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމުންނެވެ.