މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ މަޝްރޫޢުތަކުގެ ތަފްސީލު ބެލޭނެ ޑޭޝް ބޯޑެއް ތަޢާރަފްކޮށްފިއެވެ.
"އެމްޓީސީސީ ޕްރޮޖެކްޓްސް" ގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި ޑޭޝް ބޯޑުން އެ ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ތަފްސީލީ މަޢުލޫމާތު ބެލޭނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޑޭޝް ބޯޑުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅޭ ބައެއް މުހިންމު މަޢުލޫމާތުތަކާއި، އެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް ބަލާލެވޭނެއެވެ. މީގެ ތެރޭގައި މަޝްރޫޢުގެ ބާވަތާއި، ސްކޯޕާއި، އަގު އަދި ނިމިފައިވާ މިންވަރު ޕަސެންޓޭޖުން ހިމެނެއެވެ.
މި ޑޭޝް ބޯޑު ތަޢާރަފްކޮށްފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންނެވެ. މިފަދަ ޑޭޝް ބޯޑެއް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ފަސޭހައިން ބެލޭނެ ގޮތް ހެދުމެވެ.
މި އައު ޑޭޝް ބޯޑު ތަޢާރަފްކުރުމާއެކު، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ކުންފުނީގެ ހިންގުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.