މިއަހަރު ވެގެންދާނީ މަސްވެރި ސިނާޢަތުގެ ތަރައްޤީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު ވަޢުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ އުން ގެންދަވާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން ފާހަގަކުރެވުނު ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ 2025 ވަނަ އަހަރަކީ މަސްވެރި ސިނާޢަތުގެ ތަރައްޤީގެ ރައީސްގެ އެންމެ މުހިއްމު ވަޢުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން ރައީސަށް އަރުވާ ޚިޔާލުފުޅުތައް ރައީސްވެސް ވަރަށް ބޮޑަށް ޤަބޫލުފުޅު ކުރައްވައެވެ. އަދި ރައީސްގެ ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫގެ ރައްޔިތުން ރައީސަށް ދެއްވި މަރުޙަބާ އާއި މެހުމާންދާރީއަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އެންމެ މަސްވެރިން ގިނަ ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވައި، މަސްވެރިންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވިއެވެ.