"ބައްޕަމަތިން ހަނދާންވޭ"، ކަމަށް ބުނެ ތުއްތު ކުއްޖަކު ރައީސްއަށް ދެއްވި ނޯޓުކޮޅަކާއެކު އެ ކުއްޖާގެ ބައްޕައާ ބައްދަލުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސައިދެއްވައިފިއެވެ.
ރައީސް ހުވަދު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުޙަބާ ދެންނެވުމަށް ގދ. ކަނޑުހުޅުދޫ ބަނދަރު ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުންނާ ސަލާމް ކުރައްވަމުން ދަނިކޮށް ކުޑަކުއްޖަކު، ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ. އެކަރުދާސްކޮޅުގައި އެކުއްޖާގެ ބައްޕަ މަތިން ހަނދާންވާކަމަށް ބުނެފައި އޮތުމުން، ޖެހިގެން އޮންނަ ރަށުގައި ފުލުހެއްގެ މަސައްކަތް އަދާކުރަމުންދާ އެކުއްޖާގެ ބައްޕައާ ބައްދަލުކުރެވޭނެ އިންތިޒާމު ވަނީ ރައީސްގެ އެދިވަޑައިގަތުމަށް ހަމަޖައްސަވާދެއްވާފައެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އެކުއްޖާގެ އުމުރުން 1 އަހަރުން ފެށިގެން ބައްޕަ ރަށުން ބޭރުގައި ހުރުމުން ރައީސް ބޭނުންފުޅުވީ އެމަނިކުފާނު އެރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާން އޮތްނަމަ އޮންނަ އުސޫލުގެ މަތިން އެ ކުއްޖާގެ ބައްޕައާއި ކުއްޖާ ބައްދަލުވެވޭނެ ފުރުސަތު ހޯއްދަވައިދެއްވުމަށްކަމަށެވެ.