ޙަގީގީ މާނައިގައި ތަރައްޤީ ގެނައުމަށްޓަކައި ޤައުމުގެ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައިސް މިހެން ވިދާޅުވީ މިހާރު ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވށް ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާނަމަ ޤައުމީ ވިސްނުމެއްގައި އެކަމެއް ހުއްޓުވާނެކަމަށް ވިދާޅުވިއެވެ.
"މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެފަދަ އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 14 މަސްދުވަހު ސިޔާސީ ވާދަވެރިން ހިފާ ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ. މިކަމަކީ ޙަގީގީ މާނައިގައި ތަރައްޤީ ގެނައުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.