އުފަލުން ހެމުން މަރުވި މަންމަގެ ވާހަކަ ދަރިފުޅުގެ ދުލުން-! މަރުވެގެން ވެއްޓި ޖެހުނީވެސް ބައަކު މަޑުމަޑުން ބާއްވާ ގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އުފަލުން ހެމުން މަރުވި މަންމަގެ ވާހަކަ ދަރިފުޅުގެ ދުލުން-! މަރުވެގެން ވެއްޓި ޖެހުނީވެސް ބައަކު މަޑުމަޑުން ބާއްވާ ގޮތަށް!

ކޮންމެ މުސްލިމަކީވެސް އުފަލުން ހެމުން މަރުވާން ބޭނުންވާނެ މީހެކެވެ. އެމަތިވެރި ނިޢުމަތް ލިބުމަށް އެދޭނެ މީހެކެވެ. ސުވާލަކީ އެކަމަށް އެދިގެން ތިމާއަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދުމަފުޅު އައުކޮށްލައި މިދެނީ ވަރަށް ޢިބްރަތްތެރި ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެވެ. ކުވައިތުގެ އެންމެ މަޝްހޫރު އެއް ޝައިޚުގެ ބަސްފުޅުންނެވެ. ވީމާ މަޢުލޫމާތު ހަމަ ޔަޤީނެވެ. އިން ޝާ ﷲ 

"އަހަރެންގެ މަންމައަކީ ވަރަށް ބަލިޙާލުގައި އުޅެންޖެހުނު އަންހެނެކެވެ. އެޙާލަތަށް ވަރަށް ކެތްތެރިވިއެވެ. އެޙާލަތުގައިވެސް ރޭގަނޑުގެ ފަހުދަންފަޅީގައި ގޮނޑީގައި އިނދެގެން ތަހައްޖުދުނަމާދުކޮށް ދުޢާކުރެއެވެ. 

އެއްރޭ އަހަރެންނަށް ދޮރުހުޅުވައިލިއިރު އިނީ ދެއަތް އުފުލައިގެން ދުޢާކުރާށެވެ! އެހެން އިނދެފައި ހނިތުންވަމުން މަތިބަލައިލިއެވެ. ހީވަނީ އެއްޗެއް ފެނުނުހެންނެވެ. ދެން މަޑުމަޑުން ހަމަ ހިނިތުންވަމުން އިސް ތިރިކުރިއެވެ. އެވަޤުތަކީ މަންމަގެ ފުރާނަ ގެންދެވި ވަޤުތެވެ. 

ފުރާނަ ހިއްޕެވުމާއިއެކު މަންމަ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ނަމަވެސް ވެއްޓުނީ މީހަކު ވެއްޓޭނެ ގޮތަކަށް ނޫނެވެ. ވަރަށް މަޑުމަޑުންނެވެ. ހީވަނީ މީހަކު ހިފަހައްޓައިގެން މަޑުމަޑުން ބޭއްވިހެންނެވެ. 

މަންމަގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެނދިއައިރު ހިނަވައި މޫނު އެޅިއިރުވެސް މޫނުން އުޖާލާކަން ފެނެއެވެ. ވަރަށް އަލިގަދަހެން ހީވާކަހަލައެވެ." 

މިއީ ކުވައިތުން ސަޢުދިޢަރަބިޔާއަށް އެކުވެރިއަކާއިއެކު ކާރުގައި ޢުމުރާވުމަށް ކުރި ދަތުރެއްގައި އެކުވެރިޔާ ކިޔައިދިން ވާހަކައެކެވެ. އޭނާއަކީ ޑޮކްޓަރެކެވެ. ޢާއިލާގެ އެންމެންނަކީވެސް ޑޮކްޓަރުންނެވެ. ވީމާ މިބާވަތުގެ ކަންކަން ދެނެގަތުމުގެ ޤާބިލްކަންވެސް އެމީހުންގެ ކިބައިގައި ހުންނާނެއެވެ. 

އަހުރެންގެ އިލްތިމާސަކީ ބަލިޙާލުގައިވެސް ކެތެރިވެ ނަމާދުތައް ކުރުމެވެ. ރޭއަޅުކަންވެސް ކުރުމެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 3 ފަހަރު ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށާއި ސުވަރުގެ ދެއްވެވުން އެދި ދުޢާކުރުން ފަދަ އަޅުކަމުގައި ދެމިތިބުމެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން