ހަނދުމަކޮށްދިނުމެއް!: ނިޤާބު އަޅާ އަންހެނާ އިޙްރާމްގައި ހުންނައިރު މޫނު ނިވާކުރުމުގެ ޙުކުމްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 21ސ
ހަނދުމަކޮށްދިނުމެއް!: ނިޤާބު އަޅާ އަންހެނާ އިޙްރާމްގައި ހުންނައިރު މޫނު ނިވާކުރުމުގެ ޙުކުމްތައް-

ތިރީގައި އެވަނީ ނިޤާބު އަޅާ އަންހެނާ އިޙްރާމްގައި ހުންނައިރު މޫނު ނިވާކުރުމުހެ ޙުކުމްތައް ބަޔާން ކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ގިނަ ބައަކު ޢުމްރާއަށް ގޮސްތިބިއިރު މިކަންކަމަކީ އެނގުން ވަރަށް މުހިންމު ކަންކަން ކަމުގައި ދެކެމެވެ. ލިޔުމުގައި ވަނީ ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ހިމަނުއްވާފައިކަން ފާހަގަކުރެވެއެވެ.   

ނިޤާބު އަޅާ އަންހެނާ އިޙްރާމްގައި ހުންނައިރު މޫނު ނިވާކުރު 

ޙައްޖަށް ނުވަތަ ޢުމުރާއަށް ނިޔަތް ގަންނަ މީހާ އިޙްރާމުގައި ހުންނައިރު ކުރުން މަނާ ކަންކަމުގެ ތެރޭގައި ނިޤާބުވުން ހިމެނެއެވެ. ވީމާ މޫނު ބުރުގާ އަޅާ މީހާ މި ޙާލަތުގައި ކަންކުރާނީ ކިހިނެއްތޯއެވެ؟ 

ޙައްޖާއި ޢުމުރާގައި އިޙްރާމުގައި ހުންނައިރު މަނާވާ ކަންކަމުގެ ތެރޭގައި އޮންނަނީ ނިޤާބުވުމެވެ. ނުވަތަ ނިޤާބު އެޅުމެވެ.

އިޙްރާމްބަނދެގެން ހުންނައިރު މޫނު އެޅުން އެކަލޭގެފާނު ނަހީކުރައްވާފައިވަނީ މޫނަށް ޚާއްސަކޮށް ހަދާފައިވާ ފޮތިގަނޑަކުން މޫނު އެޅުމެވެ. ނިޤާބު އަޅާ މީހަކު ޙައްޖާއި ޢުމުރާގައި ނިޤާބުން މޫނު ނިވާނުކޮށް އޭނާގެ ބުރުގާގެ ބަޔަކުން މޫނު ނިވާކުރެވިދާނެއެވެ. ‘ނިޤާބު’ ފޮތިގަނޑުން މޫނު ނިވާކުރުމާއި، ބުރުގާގެ ބަޔަކުން މޫނުނިވާކުރުމަކީ ތަފާތުދެކަމެކެވެ.

ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި އައިސްފައިވަނީ އިޙުރާމުގައި ހުންނަ އިރު މޫނަށް ޚާއްޞަ ފޮތިގަނޑުން ނުވަތަ މޫނުގެ ބައްޓަމަށް ހަދާފައި ހުންނަ ފޮތިގަނޑަކުން މޫނު ނިވާ ނުކުރުމަށެވެ. އަދި އަންގި ނުލެއްވުމަށެވެ. އެހެނަސް ހިލޭ ފިރިހެނުން ތިބި ތަނެއްގައި ހެދުމުގެ ނުވަތަ ބުރުގާގެ ބަޔަކުން މޫނާއި ދެ އަތްތިލަ ފޮރުވިދާނެއެވެ.

އެކަމުގެ ދަލީލު ތިރީގައި މިވަނީއެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.

«كَانَ الرُّكْبَانُ يَمُرُّونَ بِنَا وَنَحْنُ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُحْرِمَاتٌ، فَإِذَا حَاذَوْا بِنَا سَدَلَتْ إِحْدَانَا جِلْبَابَهَا مِنْ رَأْسِهَا عَلَى وَجْهِهَا فَإِذَا جَاوَزُونَا كَشَفْنَاهُ» [رواه أبو داود (1833) وحسن الألباني في جلباب المرأة (ص: 107)]
މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަން ކަނބަލުން އިޙްރާމުގައި ވަނިކޮށް، ސަވާރީތަކުގައި ހުރަސްކޮށްފައި މީސްތަކުން ދެއެވެ. އެބައިމީހުން އަރާ ހަމަވުމުން ތިމަން ކަނބަލުންގެ ތެރެއިން ކަނބަލަކު ޖިލްބާބުން މޫނު ފޮރުވައެވެ. ފަހެ އެބައިމީހުން ހުރަސްކޮށްފައި ދިޔުމުން ކަޝްފުކުރަމެވެ."

ބުއްދީގެ ގޮތުން ބަލާއިރު، ތިމާގެ މުޅި ހަށިގަނޑަކީ ޢައުރަ ކަމުގައި ޤަބޫލުކޮށްގެން، މުޅި ހަށިގަނޑުގެ ހިލޭ ފިރިހެނުންގެ ލޯތަކަށް ފޮރުވާ ޢިއްފަތްތެރި އަންހެން ކުއްޖަކު، އޭނާގެ މޫނު ހިލޭ ފިރިހެނުންނަށް ކަޝްފުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ

އަންހެނާގެ ޢައުރަ އެކި ޙާލަތްތަކުގައި ތަފާތު ވާނެއެވެ. އެގޮތުން ފިރިމީހާގެ ކުރިމަތީގައި އަންހެނާގެ ޢައުރަ ނީންނައިރު، މަޙްރަމުންގެ ކުރިމަތީގައި އޭނާއަށް އޭނާގެ ހަށިގަނޑުން ޢާއްމުކޮށް ފާޅުވާ މިންވަރު ކަމުގައިވާ އިސްތަށިގަނޑާއި ކަރާއި، އަތްދަނޑި އަދި ފައިތިލަވެސް ކަޝްފުކުރެވޭއިރު، ހިލޭ ފިރިހެނަކު ހުރެއްޖެނަމަ، ފިރިމީހާ ކުރިމަތީގައިވެސް އަދި މަޙްރަމުންގެ ކުރިމަތީގައިވެސް އަބަދުވެސް ގަދަވެގަންނާނީ ހިލޭ ފިރިހެނާގެ ކުރިމަތީގައި ނިވާކުރަންޖެހޭ އޭނާގެ ޢައުރައެވެ. އެހެންކަމުން ޙައްޖާއި ޢުމުރާގެ ޙާލަތުގައި އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް ކަމުގައިވިޔަސް، ހިލޭ ފިރިހެނަކު ހުރެއްޖެ ޙާލަތުގައި ހިލޭ ފިރިހެނާގެ ކުރިމަތީގައި ނިވާކުރަންޖެހޭ މިންވަރަށް ނިވާކުރަންޖެހޭނެއެވެ. އިޙްރާމުގައި ހުންނައިރު ނިޤާބު މަނާނަމަ، އެހެން ގޮތަކުން މޫނު ނިވާކޮށްގެންނެވެ. ޢީދު ނަމާދުކުރާ މައިދާނުގައިވެސް ހިލޭ ފިރިހެނުންނަށް ފެންނަގޮތަށް ހުންނަނަމަ، އެ ޙާލަތުގައި މޫނު ނިވާކޮށްގެން ނަމާދުވެސް ކުރެވޭނެއެވެ. އެއީ ނަމާދުގައި އަންހެނާގެ ޢައުރައިގެ މައްޗަށް އެ ޙާލަތުގައި ހިލޭ ފިރިހެނުން ކުރިމަތީގައި އަންހެނާގެ ޢައުރަ ފޮރުވަންޖެހޭ ޖެހުން ގަދަވެގަންނާތީއެވެ. މޫނު ބުރުގާ އަޅައިގެން އުޅޭ އަންހެނަކު، މަރުވެއްޖެނަމަ އޭނާގެ މޫނު ބެލުމާމެދުވެސް އޮތީ ހަމަ މި ޙުކުމެވެ. އޭނާގެ މަޙްރަމުން ނޫން މީހަކަށް އޭނާގެ މޫނު ދައްކައިގެން ނުވާނެއެވެ. އެހެނީ، މައްޔިތާގެ ޙުރުމަތް ދިރި ހުރި މީހާގެ ޙުރުމަތް ފަދައެވެ. ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.


"އަންހެނާ އިޙްރާމުގައި ހުންނައިރު އޭނާގެ މޫނު ނިވާ ނުކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައި ނުވެއެވެ. ވާރިދުވެފައިވަނީ ނިޤާބު ނޭޅުމަށެވެ. ނިޤާބު އެޅުމަކީ މޫނު ނިވާކުރުމަށްވުރެ ޚާއްޞަ ކަމެކެވެ. އެހެނީ ނިޤާމަކީ މޫނުގެ ފޭރާމެވެ. އިޙްރާމުގައިވާ އަންހެނާ މޫނަށް ޚާއްޞަ ފޭރާންކަމުގައިވާ ނިޤާމު އެޅުން ނަހީވީއެވެ. ފިރިހެންމީހާއަށް ހަށިގަނޑުގެ ބައްޓަމަށްފަހާފައިވާ ފޭރާންލުން ނަހީވި ފަދައިންނެވެ." "الشرح الممتع" (7/165) : 

މަތީގައިވާ ދަލީލުންނާއި މިފަތުވާއިން އަހަރެމެންނަށް އެނގެނީ އަންހެނާއަށް އިޙްރާމުގައި މަނާވެފައިވަނީ ނިޤާބުކަމެވެ. އެއީ މޫނު ނިވާކުރުމަށް ޚާއްޞަކޮށް ބޭނުންކުރާ މޫނުގެ ފޭރާމެވެ. އެހެންކަމުން އިޙްރާމުގައި އަންހެނާގެ މޫނު ނިވާކުރުމާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެއެވެ.

وَجْهُ الْمَرْأَةِ فِي الْإِحْرَامِ كَبَدَنِ الرَّجُلِ .
the woman’s face in ihram is like the man’s body

އިޙްރާމުގައި އަންހެނާގެ މޫނުފޮރުވުން ފިރިހެނުންގެ ހަށިގަނޑު ފޮރުވުން ފަދައެވެ. (އޭގެ މާނައަކީ އިޙްރާމުގައި ހުންނައިރު ފިރިހެނުން، ފަޓްލޫނު ގަމީސްފަދަ ހަށިގަނޑުގެ ބައްޓަމަށް ކަފާ ފަހާފައި ހުންނަ އަންނައުނު ލުން މަނާވުމުގެ މާނައަކީ އެއްޗެއް ނުލައި ހަށިގަނޑު ހާމަކޮށްގެން ހުރުމެއް ނޫނެވެ. އެހެން އެއްޗަކުން ހަށިގަނޑު ފޮރުވުމެވެ. އިޙްރާމުގައި ހުންނަ އަންހެނާއަށް ނިޤާބު މަނާވުމުގެ މާނައަކީ އެކަނބުލޭގެ މޫނު ކަޝްފުކުރުމެއް ނޫނެވެ. އަދި ކިއެއް، އެހެން އެއްޗަކުން (ބުރުގާގެ ބަޔަކުން ވިޔަސް) އެކަނބުލޭގެ މޫނު ނިވާކުރުމެވެ. 

ވީމާ، ޚުލާޞާއަކީ މޫނު ބުރުގާ އަޅާ އުޚްތަކު، ޙައްޖަށް ނުވަތަ ޢުމުރާއަށް އިޙްރާމްގެ ޙާލަތަށް ދާނަމަ، ނިޤާބު ނޫން ގޮތަކަށް، ބުރުގާގެ ބައެއްގައި ފޮތިކޮޅެއް ހަރުކޮށްގެން ނަމަވެސް އޭނާގެ މޫނު ނިވާކުރުން ހުއްދަވުމެވެ. ވަﷲ އަޢުލަމް

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މަރްޖިޢު
https://islamqa.info/ar/answers/22395

 

 

މިއަދު އޮންލައިން