ޚަތިމް ކުރުމުގެ ނިޔަތުގައި ކިޔަވަން ފަށައި ވަކި ހިސާބަކަށް ކިޔެވޭތަނުން ކޮންމެވެސް ކަމެއް ކުރިމަތިވެ ކިޔެވުން ކުރިއަށް ނުގެންދެވި މެދުކަނޑާލަން އެބަޖެހެއެވެ. ބައެއް މީހުން އަލުން ކިޔަވަން ފަށަނީ ވަރަށް ގިނަދުވަސްތަކެއް ފާއިތުވާފަހުންނެވެ.
މިއީ ހުއްދަ ކަމެއް ނަމަވެސް ޢިލްމްވެރިން ވިދާޅުވަނީ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވަންވާނެ ކަމަށެވެ. ވީމާ ނުކިޔެވޭނެ ވަރަށް ބޮޑު ސަބަބެއް މެދުވެރިނުވާނަމަ ކޮންމެ ދުވަހަކު މަދުވެގެން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވަން ގަދައަޅައި މަސައްކަތްކުރާށެވެ. އެހެން ގޮތެއް ނެތިއްޖެނަމަ އެންމެ އާޔަތެއް ނަމަވެސް ކިޔަވަމުން ގެންދާށެވެ!
މިފަދައިން މެދުވެރިވާ ބައެއް މީހުން ކުރާ ސުވާލަކީ ޚަތިމުކުރުމުގެ ނިޔަތުގައި ކިޔަވަމުން އައިސް ނުނިމެނީސް މެދުކަނޑައިލެވުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވާފަހުން އަލުން ކިޔަވަން ފަށާއިރު ކުރިން ނިންމައިލި ހިސާބުން ކުރިއަށް ދެވޭނެތޯ؟ ނޫނީ ޖެހޭނީ އަލުން ޚަތިމު ފަށަންތޯ؟
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ކުރިން ނިންމި ހިސާބުން ފަށައިގެން ކުރިއަށް ގެންދެވިދާނެކަމަށެވެ.