ޢަމަލުކުރުމުން ހުރިހާ ކާމިޔާބީއެއް ޙާޞިލްކުރެވެން އޮތް ޙަދީޘްފުޅު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޢަމަލުކުރުމުން ހުރިހާ ކާމިޔާބީއެއް ޙާޞިލްކުރެވެން އޮތް ޙަދީޘްފުޅު-: މުފްތީ މެންކް

މިޙަދީޘްފުޅަށް ޢަމަލުކުރާނަމަ ޖީބުގައި ފައިސާ ގިނަވާނެއެވެ! ސަބަބަކީ ބޭކާރު ގޮތުގައި ގެއިން ބޭރުގައި އުޅޭނަމަ ޖީބުން ބޭކާރު ޚަރަދުތަކެއްވެސް ކުރެވޭނެތީއެވެ. ދެވަނަ ކަމަކަށް މި ޙަދީޘްފުޅަށް ޢަމަލުކުރާނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން މަދުވެ ލޯބިއިތުރުވާނެއެވެ. އެއީ އެކުގައި ހޭދަކުރެވޭ ވަޤުތު ގިނަވުމުންނެވެ.

ތިންވަނައަށް އޮތީ ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. އެއީ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ލިބޭ އާމްދަނީ އިތުރުވުމެވެ. އެކަމަށް މަގުފަހިވާން އޮތީވެސް ހަމަ މި ޙަދީޘްފުޅަށް ޢަމަލުކޮށްގެންނެވެ.

ނިކަން ބުނެބަލާށެވެ! މި ކަންކަން ޙާޞިލުކުރެވިއްޖެ މީހަކު އަބަދުވެސް ހުންނާނީ އުފަލުގައި ނޫން ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަބައަކަށް އާދަވެފައި މިތިބީ ކަންކަމަށް ޝަކުވާ ކުރުމަށެވެ. ހިތާމައަކީ ތިމާ މިހުރީ ﷲ ތަޢާލާ އަންގަވާފައިވާ ސަދައިން ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށްގެން ކަމާއިމެދު ވިސްނައިނުލެވޭކަމެވެ. ވީމާ ދިރިއުޅުމުގައި ހުރަސްތައް ކުރިމަތިވާތީ ޝަކުވާކުރުމުގެ ކުރިން ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރެވޭ ކަމާއިމެދު ވިސްނާލަން ޖެހޭނެއެވެ.

އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ކުރީދުވަސް ނުވަތަ އިއްޔެއަށްވުރެ މިއަދުގެ ކަންކަން ރަނގަޅުވުމެވެ. އުފާވެރިވުމެވެ. އެހެންވެ އަހަރެމެން ކޮންމެ ދުވަހަކުވެސް މަސައްކަތް މިފަނީ އެކަމުގެ އުންމީދުތަކާއިއެކުގައެވެ.

ގިނަ ބައަކަށް އެންމެ ބޮޑު އެއްމައްސަލައަކަށްވެފައި އޮންނަނީ ދުވަސްފަށާ ހިސާބެވެ. ގިނަ ބައަކު ދުވަސްފަށާ ހިސާބުކަމަށް ކަނޑައަޅަނީ ފަތިސް ނަމާދެވެ. އެއީ ދުވަހުގެ ފުރަތަމަ ފަރުޟު ނަމާދުކަމަށްވުމުންނެވެ. އަދި ދުވަހުގެ މަސައްކަތްތައް ކާމިޔާބުކުރަން ކުރަންޖެހޭ މަސައްކަތްތަކާއި ފަތިސް ނަމާދާއި ގުޅިފައިވާ މިންވަރު ބޮޑުކަމުންނެވެ.

ނަމަވެސް އަހަރެން ވިސްނާގޮތުން ދުވަސްފެށުން އެއިގެ ކުރިއަށް ޖައްސައިލަން އެބަޖެހެއެވެ. ދުވަސްފަށާ ހިސާބާއި ކުރީ ދުވަސް ނިންމާހިސާބާއި ގުޅުވާލަން އެބަޖެހެއެވެ. މިބުނަނީ ކުރީ ދުވަސް ނިންމައި ހިސާބެވެ!

ރަސޫލް (ﷺ)ގެ ޙަދީޘްފުޅުގައި އޮތީ މުހިންމު މަސައްކަތެއް ނުވަތަ މުހިންމު ކަމެއް ދމާވެގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ނުހުރުމަށެވެ. އެއީ އަވަހަށް ނިދުމަކީ ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. ހޭލެވޭނީ ކުރިޢާލައި ނިދައިގެންކަމަށްވާތީއެވެ.

 

ފަތިސް ނަމާދަށް ހޭލުމުގ ނިޔަތުގައި ނިދިނަމަވެސް ސޯނާކޮށްގެން ނިދިނަމަވެސް ގިނަބައަކަށް މިއުޅެނީ ފަތިސްނަމާދަށް ނުހޭލެވިގެންނެވެ. ސޯނާވުމުން ސޯނާވުން ކަނޑާލާފައިވެސް ނިދޭތީއެވެ. ސަބަބަކީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅަށް ޢަމަލުނުކުރެވޭކަމެވެ. ނުނިދައި ވަގުތުތައް ބޭކާރުކުރެވޭކަމެވެ. ގޭމްކުޅުމާއި ފިލްމްބެލުމާއި ރައްޓެހިންނާއިއެކު ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުމާއި އެނޫންވެސް ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައި ވަގުތުތައް ނުނިދައި ބޭކާރުކޮށްލެވޭތީއެވެ.

ދުލުން ބުނަނީ ރަސޫލް (ﷺ) ދެކެ ނިހާޔަތަށް ލޯބިވާކަމަށެވެ. ނަމަވެސް މިވަރުކަމެއްގައިވެސް ޙަދީޘްފުޅަށް ޢަމަލުކުރަން ބެނުމެއް ނުވެއެވެ. ވީއިރު ރަސޫލް (ﷺ) ދެކެ ލޯބިވާކަމަށް ތިއަ ބުނަނީ ކޮންގޮތަކަށް ލޯބިވާތީހެއްޔެވެ؟

މިފަދަ ކަންކަމަށް ވިސްނައި ދިރިއުޅުމުގެ ކަންކަން އިޞްލާޙްކުރުމަކީ މިއަދަށްވުރެ މާދަމާ ރަނގަޅުވުމަށް އުންމީދުކުރާ މީހާ ކޮންމެހެން ކުރަންޖެހޭނެ ކަންކަމެވެ. ނުހަނު ލުއިފަސޭހަކަމާއިއެކު ކުރެވެން ހުރި ކަންކަމެވެ. ފަތިސްނަމާދަށް ނުހޭލައި ނިދާފައި އޮންނަ މީހާ، އެދުވަހުގެ ކަންކަން ރަނގަޅުވުމަށް އެދެވޭނީވެސް ކޮން ގޮތަކުން ހެއްޔެވެ؟

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން