ކެންސަރޭ، އުންމީދެއް ނެތޭ ބުނާއިރަށް ގައިން ހީބިހިނަގާ މީހުން ނިކަން މިޙާދިސާ ކިޔާބަލަ! އެދެމަފިރިން ކުރި ގޮތަށް ޢަމަލުކޮށްފަ ނަތީޖާއަށް އުންމީދުކުރީމާ ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
ކެންސަރޭ، އުންމީދެއް ނެތޭ ބުނާއިރަށް ގައިން ހީބިހިނަގާ މީހުން ނިކަން މިޙާދިސާ ކިޔާބަލަ! އެދެމަފިރިން ކުރި ގޮތަށް ޢަމަލުކޮށްފަ ނަތީޖާއަށް އުންމީދުކުރީމާ ފެންނާނެ! އިން ޝާ ﷲ

އަޅުގަނޑުގެ ބޭބެއަކީ ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީހެކެވެ. ބޭބެގެ އަންހެނުންނަށް ކެންސަރު ޖެހި ބޮޑުވަރުވަމުން އައިސް ޑޮކްތަރުން މިހާރު ވަނީ އުންމީދު ކަނޑާލައިފައެވެ. މިޙާލަތުވެސް މީސްމީހުންނަށް އާދޭސްކޮށް ސަލާންޖަހައިގެންވެސް ފަރުވާކުރަން މަސައްކަތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

މިއީ ކިޔުންތެރިންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ބުނެލަން އޮތީ ހަމަ އެއްވާހަކައެކެވެ. ނޭވާލާނަމަ އުންމީދު ކަނޑާލުމެއް ނެތެވެ. އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންވާނެއެވެ. ކޮންމެ ކަމެއްވެސް ނިމޭނީ މާތް ﷲ ގެ މިންވަރުފުޅުގައިވާ ގޮތަކަށެވެ. މާތް ﷲ ގެ ރަޙްމަތުން އުންމީދުކަނޑާލުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.

 

ޢިލްމުވެރިންގެ ބަސްފުޅުގައިވަނީ "ދިރިއޮއްވައި ޝިފާ ލިބޭނެ ކަމުގެ އުންމީދު ކަނޑާލައިގެން ނުވާނެއެވެ. އެހެނީ މުސްލިމުންނަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑާލައިގެންވާނެ ބައެއް ނޫނެވެ."

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެބަސްފުޅުގެ ތެދުކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ

ކައިވެންޏަށްފަހު ކުރި މަސައްކަތާއި ކުރި މަސައްކަތާއި ކުރިބޭހާއި މެދުކެނޑުމެއްނެތި ކުރި ދުޢާތަކުގެ ސަބަބުން ކައިވެންޏަށް 10 އަހަރުގައި އުމުރުން 40 އަހަރުގައި ފިރިހެން ދަރިފުޅަކު ލިބުނުވެ. އެކަންވީ އދެމަފިރިންގެ މުޅި ޙަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު އުފާ ކަމުގައެވެ.

ލިބުނު އުފާވެރިކަން ބޮޑު ހިތާމައަކަށް ބަދަލުވެގެން ދިއައީ ދަރިފުޅުގެ އުމުރުން އެންމެ ފަސް އަހަރުވީތަނާ ދަރިފުޅުގެ ލެއަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. އެކަމަށް ފަރުވާ ކުރާނެ ފައިސާ އަތުގައި ނެތުމުން ބައްޕަ މަގުމައްޗަށް ނުކުމެ ސަލާންޖަހަން ފެށިއެވެ. ފެންނަހައިމީހަކަށް އާދޭސްކުރަން ފެށިއެވެ.

ވަޒީފާ އަދާކުރުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި އަވަށުގެ ހުރިހާ މަގުތަކެއްގައި ކޮންމެ ދުވަހަކުހެން ސަލާން ޖަހަމުން ހިނގައެވެ. ބައެއް ދުވަސް ދުވަހު ދަރިފުޅު ކޮނޑަށް ލައިގެން ވެސް އެ މަސައްކަތުގައި އުޅެއެވެ.

ދަރިފުޅުގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަނު ޖެހުނު އިރުވެސް އަތުގައި ހުރީ ވަރަށް މަދު ފައިސާ ކޮޅެކެވެ. އަނެއްކޮޅުން ޑޮކްޓަރުން ބުނަމުން ދިއައީ ދޭންޖެހޭ ފަރުވާ ދިން ނަމަވެސް ރަނގަޅުވާނެ ކަމުގެ އުންމީދުވެސް ވަރަށް ކުޑަ ކަމަށެވެ. އެހެންކަމާއިއެކުވެސް ދިރިއުޅޭ ކުޑަ ޖިފުޓިހުރި ބިންކޮޅު ވިއްކާލަންޖެހުނުނަމަވެސް އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކި މަސައްކަތްކުރަމުން ދިއައީ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވޭތޯއެވެ.

މިހާލުގައި އުޅެމުން ދަނިކޮށް ބައްދަލުވި އުމުރުން ދުވަސްވީ މީހަކު އޭނާއަށް ބުންޏެވެ. "އަޚާއެވެ. އަހަރެންގެ އަތުގައި ދޭނެ މާގިނަ ފައިސާއެއް ނެތެވެ. ނަމަވެސް ތިއަ ޙާލަތުން އަރައިގަނެވޭނެ މަގެއް ދައްކަވައިދެއްކެވުން އެދި ޢަމަލުކުރެވިދާނެ ގޮތުގެ ނަޞޭޙަތެއް ދީފާނަމެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ތިބާއަކީ އަދި ތިބާގެ އަނބިމީހާއަކީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާ ބައަކަށް ވާށެވެ. ރޭގަނޑު ހޮސްޕިޓަލުގައި ދަރިފުޅު ގާތު ތިބެގެން ދަމުނަމާދުވެސް ކުރާށެވެ. ދެމަފިރިން އެކުގައި ﷲ ތަޢާލާއަށް ދުޢާ ކުރުން ގިނަކުރާށެވެ. ﷲ ތަޢަލާއަށް ފުރިހަމައަށް އިތުބާރުކުރާށެވެ. ރަނގަޅު ހައްލެއް ﷲ ތަޢާލާ ދައްކަވާނެއެވެ. އިން ޝާ ﷲ"

ދެމަފިރިން އޭނާގެ ނަޞޭޙަތް ޤަބޫލުކުރިއެވެ. އެފަދައިން އަމަލުކުރަން ފެށިއެވެ. ރޭގަނޑުގެ ފަހުބައިގައި ދަމު ނަމާދުކޮށް ދެމަފިރިން އެކުގައި ދުޢާކުރުން އިތުރުކުރިއެވެ. ކޮންމެ ރެއަކުހެން ގެންދިއައީ ރޮއި އާދޭސްދަންނަވަމުންނެވެ.

ދެމަފިރިންގެ ޢަމަލުތައް މިގޮތަށް ބަދަލު ކުރިތާ 14 ވަރަކަށް ދުވަސް ފަހެވެ. ޢާންމުކޮށް ކުރާ ޓެސްޓްތައް ކުރުމަށްފަހު ޑޮކްޓަރު ބުނީ ވަރަށް އާދައާ ޚިލާފް ކަންތައްތަކެއް އެދުވަހުގެ ޓެސްޓްތަކުން ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރާނީ އިތުރަށް 10 ދުވަހު ޓެސްޓްތައް ތަކުރާރުކުރުމަށްފަހުގައި ކަމަށެވެ.

ދެމަފިރިންނަށްވެސް ޖެހުނީ އިތުރު 10 ދުވަހަށް އިންތިޒާރުކުރާށެވެ. ދަރިފުޅު އަބަދަށް ގެއްލެނީކަން ނުވަތަ ހެޔޮ ބަދަލެއް އަންނަނީކަން އޮޅުންފިލާނީ 10 ދުވަސް ފަހުންކަމަށްވާތީއެވެ. އެމީހާ ބުނި ފަދައިން ﷲ ތަޢާލާއަށް އިތުބާރުކޮށް ދެމަފިރިން ގެންދިއައީ ހެޔޮ އަމަލުތައް ކުރުން އިތުރުކުރަމުންނެވެ. ދެމަފިރިން އެކުގައި ދުޢާކުރުން ދިއައީ ގިނަކުރަމުންނެވެ.

10 ދުވަސްފަހުން ޑޮކްޓަރުގެ ކޮޓަރިއަށް ދެމަފިރިން ގެންދިއުމަށްފަހު ބުންޏެވެ. "މިބާވަތުގެ ކެންސަރުބަލީގެ ޕޭޝަންޓުންނަށް ބޭސްކުރާތާ 30 އަހަރުވީއިރުވެސް ނުފެންނަ ކަމެއް މިވަނީ ދަރިފުޅުގެ ކިބައިން ފެނިފައެވެ. އެކަމާއިބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް އަދި ވެސް ނެތީމެވެ. އަދިވެސް އިތުރަށް ޓެސްޓްތައް ހެދުމަށްފަހު ނޫނީ ބުނަން ހަމަ އުނދަގޫވަނީއެވެ. ނަމަވެސް ދަރިފުޅު ދެން ގެއަށް ގެންދާށެވެ. ވީހައި ރަނގަޅަކަށް ދަރިފުޅުގެ ކަންކަން ބަލަހައްޓާށެވެ. އެއްވެސް ކަމެއް ގޯސްވާކަމަށް ލަފާކުރެވޭނަމަ އަވަހަށް އަންނާށެވެ. ހޮސްޕިޓަލުން ދޭ ލިޔުމާއި އެއްގޮތަށް ޓެސްޓްތައް ހަދަން ހޮސްޕިޓަލަށް ގެންނާށެވެ. މީގެފަހުން ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދޭނީ ހޮސްޕިޓަލުގެ ޚަރަދުގައެވެ. އަދި މިފަހަރުގެ ހޮސްޕިޓަލު ބިލް ވެސް ދައްކާނެ ކަމެއް ނެތެވެ. ބިލުގެ ކަންތައްވެސް ހޮސްޕިޓަލުން ޙަވާލުވީއެވެ."

ޑޮކޮޓަރުގެ ވާހަކައާއިއެކު ދެމަފިރިން އެކުގައި ޝުކުރު ސަޖިދަ ކުރިއެވެ. ލިބުނު އުފަލާއި އަދި ހައިރާންކަމާއެކު ދަރިފުޅު ގޮވައިގެން ދެމަފިރިން ގެއަށް ދިއައީއެވެ.

މިޞުރުގެ ނޫހަކަށް މިވާހަކަތައް ކިޔައިދިނުމަށް ފަހު ބުނެފައިވެއެވެ. "މިވާހަކަތައް މިކިޔައިދެނީ ޑޮކްޓަރުން އެދުވަހު އުންމީދު ކަނޑައިލި ކުއްޖާއެވެ. އަހަރެންގެ މިހާރުގެ އުމުރަކީ 28 އަހަރެވެ. އަންބަކާއި 3 ދަރިން އެބަ ތިއްބެވެ. ދިރިއުޅެނީ ކުޑަ ވިޔަފާރިއަކުން ލިބޭ އާމްދަނީންނެވެ. އެބުނާ ކެންސަރު ބަލި އަހަރެންގެ ލޭގައި އަދިވެސް އެބަހުރި ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް އެބަލި ހުރިކަމުގެ އެއްވެސް އުނދަގުލެއް އަހަރެންނަކަށް ނުކުރެއެވެ. ދިރިއުޅެނީ ޢާންމު ދިރިއުޅުމެވެ. ކައި ބޮއި މިހަދަނީ ހަމަ އެހެން މީހުންވެސް ކައިބޮއި ހަދާ ތަކެއްޗެވެ.

މިއުމުރުގެ އެހެން ޒުވާނުންނާއި އަހަރެންނާއި ތަފާތެއް ހުރިނަމަ އެ ތަފާތަކީ އުމުރުން 7 އަހަރުވީންސުރެ އެންމެ ނަމާދެއް ވެސް ނުއަޅަމެވެ. ބައްޕަމެން އަބަދުވެސް އަހަރެންލައްވައި ޤަވާއިދުން ނަމާދުކުރުވައެވެ. 20 ވަރަކަށް އަހަރުން ފެށިގެން ދަމުނަމާދުވެސް ކުރަމެވެ. ދަމު ނަމާދުކުރަނީ ފަތިސް ނަމާދުގެ ކުރިއަށް ހޭލައިގެން މިސްކިތަށް ގޮހެވެ. ގޭގައި ކުރެވޭނެ ޖާގަ ނެތުމުންނެވެ. އެއީ އަހަރެންނަށް ﷲ މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިވާހަކަ ވަރަށް ގިނަ ނޫސްތަކުގައި ހާމަކުރިއެވެ. އަހަރެން ފަދަ އެތައް ބައަކު ތަކުރާރުކޮށް ދަރުސްތަކުގައި ކިޔައިދެއެވެ. އެއީ މިހާދިސާއިން ލިބޭ ޢިބްރަތްތައް ހަމަ ގިނަކަމުންނެވެ.

ނިކަން ވިސްނައިލަބަލާށެވެ! ދަރިފުޅަށް ކެންސަރު ޖެހުމުން ފަރުވާކުރާނެ ފައިސާ ހޯދަން ބައްޕަ އުފުލި ބުރައެވެ. ދަރިފުޅަށްޓަކައި ދިރިއުޅެމުން އަންނަ ގެވެސް ވިއްކާލަން ތައްޔާރަށް ތިބިކަމެވެ. ދެމަފިރިންނަށް ނަބޭޙަތްޑޭނެ މީހަކާއި ބައްދަލު ގޮތެވެ! ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ލޮލުން އަޅަމުންދިއަ ކަރުނައަށެވެ!

އާނއެކެވެ! ﷲ ތަޢާލާ ކަންކަން މިންވަރުކުރައްވަވަނީ އެކި މީހުންނަށް އެކި ގޮތަށެވެ! ދުޢާކުރިނަމަވެސް ބަލިފަސޭހަ ނުވެ ދުނިޔެ ދޫކުރަންވެސް ޖެހެއެވެ. އެއީވެސް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ! އެގެންދަވަނީ ހަމަ އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ﷲ ތަޢާލާގެ ޙަޟްރަތަށެވެ! ވީއިރު ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން --ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން