ދަރުސް އަޑުއަހަން މަޑުކޮށްލުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެއް! ރަޙްމަތް ލައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ދަރުސް އަޑުއަހަން މަޑުކޮށްލުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެއް! ރަޙްމަތް ލައްވަވާ ކަމެއް!

މިސްކިތެއްގައިވެސް އަދި އެހެން ތަނެއްގައި ނަމަވެސް ދީނީ ދަރުސެއް ދޭނަމަ އަޑުއަހަން މަޑުކޮށްލާށެވެ! ދަރުސް އަޑުއަހަން މަޑުކޮށްލުމަކީވެސް ޘަވާބު ދެއްވަވާ ކަމެކެވެ. ﷲ ތަޢާލާ ރަޙްމަތް ލައްވަވާ ކަމެކެވެ.

އެފަދަ މަޖިލީސްތަކުގައި ރަޙްމަތުގެ މަލާއިތުން ބައިވެރިވެވަޑައިގަންނަވައެވެ. އެތަނުގައި ތިބޭ މީހުންނަށް ބައްލަވައެވެ. އެކަމުގެ ޚަބަރުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ.

އެހެންވެ ޞަޙާބީންގެ ޒަމާނުގައި އެބޭކަލުން އަމިއްލަފުޅަށް މިސްކިތްތަކުގައި މަޖިލިސް ހައްދަވައި ދީނުގެ ވާހަކަތައްކަވަތެވެ. އެކަމަށް ދެއްވަވާ ޘަވާބާއި ދަރުމަ ބޮޑުކަމުން އެކަމަށް އޮންނަ ދަހިވެތިކަން ބޮޑުކަމުންނެވެ. ހަމައެއާއިެކު ތަޤްވާވެރިކަން އިތުރުކުރެއްވެވުމުގެ ބޭނުންފުޅުގައެވެ.

ނަމަވެސް މިއަދު އަހުރެމެންނަށް މިއުޅެނީ ދަރުސެއްގެ އަޑުއަހަން މަޑުކޮށްނުލެވިގެންނެވެ. މިއީ ވަރަށް ދެރަކަމެކެވެ. އެންމެ ދެރަކަމަކީ ދަރުސް އަޑުއަހާނެ ވަޤުތުނުވާ މީހުންވެސް ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ވާހަކަތަކުގެ އަޑުއަހަން ނުވަތަ އެބާވަތުގެ ވާހަކަ ދައްކަން އެތައް ގަޑިއިރެއް ހޭދަކުރާކަމެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ދަރުސްތައް އަޑުއެހުމުގަ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

ބައެއް މީހުންގެ ކިބައިން އިސްލާމް ދީނުގެ ކަންކަމުގައި ފެންނަނީ ހިތާމަކުރަންޖެހޭ ފަދަ ކަންކަމެވެ. ތިމާ އާއި އެންމެ ކައިރިއަށް ހުރި މިސްކިތްތަކުގައި ދޭ ދަރުސްތައް އަޑެއް ނުއަހައެވެ. މިސްކިތުގައި ވަގުތު ކޮޅެއް ހޭދަކޮށްލާނެ ވަގުތު އެއްވެސް ވަރަކަށް ލިބޭ ކަމަކަށް ނުވެއެވެ. ނަމަވެސް ތަފާތު ވެބްސައިޓުތައް ބަލައި މައުލޫމާތު ހޯދައެވެ. މަންޒަރާއި ފޮޓޯ ބަލައި ކޮމެންޓްތައް ކުރާނެ ވަޤުތުވެއެވެ.

ކޮންމެ ދަރުސެއްގައި ދޭ ހުރިހާ މައުލޫމާތެއް ދީފައި ހުންނާނީ އެއިގެ އެންމެހައި ތަފްޞީލުތަކާއިއެކަކު ނޫނެވެ. ދަރުސް ދޭއިރު އަބަދުވެސް ބަލާނީ މައިގަނޑު އެއް މަޢްޟޫއަކަށެވެ. އެ މަޢްޟޫއަކަށް ވާހަކަ ދައްކާއިރު މައުޟޫޢުގެ އަރިމަތިންވެސް ވަރަށް ގިނަ ވާހަކަތައް ދެކެވިފައި ހުންނާނެއެވެ. އެފަދަ ވާހަކަތައް ދެއްކިފައި ހުންނާނީ ހުރިހާ ތަފްޞީލާއިއެކުގައެއް ނޫނެވެ. އެހެންކަމުން އެގޮތަށް ދެކެވިފައި ހުންނަ ވާހައަކުން ތަންކޮޅެއް ނަގައިގެން ބޭނުންކުރަން އުޅެފިނަމަ ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވެދާނެއެވެ.

ހަޤީޤަތުގައި އެންމެ ބޮޑަށް ފައިދާ ކުރާނީ ސުވާލުކުރަން ފުރުޞަތު ލިބޭ ދަރުސްތައް އަޑުއެހުމުންނެވެ. އެއިރުން ރަނގަޅަށް އޮޅުން ނުފިލާ ކަންކަން އޮޅުންފިލުވޭނެއެވެ. ޝައްކެއް ނެތް ވަރަށް ކަންކަން ޔަޤީންކުރެވޭނެއެވެ. އިތުބާރުކުރެވޭ ވެބްސައިޓުތަކުން މައުލޫމާތު ހޯދުމަކީވެސް ހަމަ ކުރަން ރަނގަޅު ކަމެކެވެ. އެގޮތަށް ހޯދާ މައުލޫމާތެއްގައިވެސް ޝައްކެއް އުފެދޭ ކަމެއް ފެނިއްޖެ ނަމަ އިތުބާރު ހުރި ޢިލްމުވެރިއެއްގެ ބަސް ހޯދައި ޔަޤީންކުރަންވާނެއެވެ.

މިއަދު އިސްލާމީ އުންމަތުގައި މައްސަލަތައް އިތުރުވަމުން މިދަނީ ކަންކަން ޔަޤީން ނުކުރާތީއެވެ. އިވޭ އަޑުތަކުގެ ތެރެއިން އެމީހަކު ޤަބޫލުކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އިވޭ ހުރިހާ އަޑުތަކެއް އެއީ ޞައްހަ މައުލޫމާތު ކަމުގައި ބަލައިގަނެވޭތީއެވެ. ވީމާ އިސްލާމް ދީނަށް އަމަލުކުރަން ބޭނުންވާ ނަމަ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން