އަލްހިޖްރަ އުމްރާ ގްރޫޕް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަލްހިޖްރަ އުމްރާ ގްރޫޕް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަލްހިޖްރަ އުމްރާ ގްރޫޕް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ގްރޫޕްގެ ހުއްދަ ހިފަހައްޓައިފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާތީއެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ 23 އުމްރާވެރިން މިވަގުތު ސައުދީ އަރަބިއާގައި ތާށިވެފައި ތިބިކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަހީމް މިރޭ ވިދާޅުވެފައިވަނީ، ހިޖުރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިހާރު، މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ރާއްޖެ ގެނައުމުގެ ކަންކަންވެސް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރުގެ ބަސްފުޅުގައި، މި އުމްރާވެރިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ޤަތަރު އެއާވޭސްގެ ފްލައިޓަކުން ކަމަށް ވިދާޅުވިއެވެ.

މި ހާދިސާއިން ފެންނަނީ އުމްރާ ދަތުރުތައް އިންތިޒާމުކުރާ ކުންފުނިތަކުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މުހިންމުކަން ވެސް މީގެން ހާމަވެގެންދެއެވެ.                     

މިއަދު އޮންލައިން