ކައިވެނިކުރުމަށްފަހު ޢާއިލާގެ ޕްރެޝަރަށް ކެތްނުކުރެވިގެން ބައިވެރިޔާ ދޫކޮށްލުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! ނަތީޖާ ވަރަށް ހިތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކައިވެނިކުރުމަށްފަހު ޢާއިލާގެ ޕްރެޝަރަށް ކެތްނުކުރެވިގެން ބައިވެރިޔާ ދޫކޮށްލުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! ނަތީޖާ ވަރަށް ހިތިވާނެ!

ބައެއް މީހުން ކައިވެނިކޮށްގެން އެތައް ދުވަހަކު އެކުގައި އުޅެފައިވެސް ޢާއިލާގެ "ޕްރެޝަރަށް" ކެތް ނުކުރެވިގެން އެބަ ވަރިކުރެއެވެ. ނުވަތަ ވަރިވެއެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. 

ކައިވެނިކުރަންވާނީ ކުރިމަތިވާނެ ހުރިހާ ޕރެޝަރުތަކަށް ވިސްނުމަށްފަހުގައެވެ. ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ހިތުގައި ޖެހޭނެ ގޮތަށް ކައިވެނި ރޫޅާލައިފިނަމަ އެކަން ވާނީ އަނެކާއަށް ދެވޭ އެންމެ ބޮޑުއަނިޔާއަށެވެ. އެއަނިޔާއަށް ދެވޭނެ އެއްވެސް ބަދަލެއްވެސް ނުއޮންނާނެއެވެ. އަނެކާ މާފުކުރުމުން ނޫނީ ސަލާމަތެއްވެސް ނުވެވޭނެއެވެ. އަނިޔާޗެރިވެއްޖެ މީހަކަށް ކުރަންޖެހޭނެ ތަޖުރިބާ ވަރަށް ހިތިވާނެއެވެ! 

ކައިވެނިކުރުމަށްފަހު ދެމަފިރިން ވަކިވުން ހުއްދަވެގެންވަނީ ދެމީހުންނަށް އެކުގައި އުލެވެން ނެތުމުންނެވެ. އެޙާލަތު ކުރިމަތިވާނީ ބައިވެރިޔާގެ ސަބަބުންނެވެ. ބައިވެރިޔާ ނުކިޔަމަންތެރިވުން، އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙް ނުކުރުން ފަދަ ސަބަބުތައް މެދުވެރިވުމުންނެވެ. ވީމާ އަހުރެންގެ ވިސްނުމުގައި ޢާއިލީ ޕްރެޝަރުގެ ސަބަބުން ވަރިކުރުމެއްވެސް އަދި ވަރިވުމެއްވެސް ހުއްދަވެގެނެއް ނުވެއެވެ. 

ދެން ޢާއިލާތަކަށް ބުނެލަން އޮތީ ދަރިން ކައިވެނިކުރީ މައިންބަފައިންގެ ނުޤަބޫލުގައި ނަމަވެސް އަދި ޢާއިލާގެ އެހެން މީހުންގެ ނުޤަބޫލުގައި ނަމަވެސް ކައިވެނިކޮށްފިނަމަ ދިރިއުޅެން ފުރުޞަތުދޭންޖެހޭނެއެވެ. ދެމަފިރިންގެ ދެމެދަށް ވަދެގަނެ ހުރަސްތައް ކުރިމަތިކުރުވައިގެން ނުވާނެއެވެ. އެކަން ކުރުން ވާނީ ދަރިންގެ ދިރިއުޅުމަށް ބޮންއަޅައި ފަނާކުރުން ކަމަށެވެ. އެއީ އެންމެ ބޮޑެތި އަނިޔާވެރިން ނޫނީ ކުރާނެ ކަމެއް ނޫނެވެ. 

ވީމާ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް މިކަންކަމަށް ވިސްނަންވާނެއެވެ! ކައިވެނިކޮށްފިނަމަ ޢާއިލާތަކުންވެސް މިކަންކަމަށް ވިސްނަންވާނެއެވެ. 

އެހެނެއް ނޫނެވެ. ކައިވެންޏަށްފަހު ބައިވެރިޔާގެ ކިބައިން ދަރިފުޅަށް ހިތްދަތިކަން ލިބެމުން އަންނަނަމަ ނުވަތަ އަނިޔާ ލިބެމުން އަންނަނަމަ އެކަންކަން އިޞްލާޙްކުރަން ކުރެވެންހުރި މަސައްކަތްތައް ކުރަންވާނެއެވެ. އެމަސައްކަތުގެ ތެރެއިންވެސް ދެމަފިރިން ދުރުވާން ބާރުއަޅަންޖެހޭނީ ކުރާ މަސައްކަތުން އެއްވެސް ޙައްލެއް ނުލިބިއްޖެނަމަ އެކަންޏެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން