ބައެއް މީހުން އެމީހުންގެ މައިންބަފައިންނަށް ހެޔޮކޮށް ކަންކަން ނުކުރަނީ އެމީހުން ދެރަކުރުމުގެ ބޭނުމުގައެވެ. ދެރަދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ޙަޤީޤަތުގައި އެކަމުން މައިންބަފައިންނަށް ލިބޭނެ އެއްވެސް ދެރައެއް ނެތެވެ. ހުރިހާ ދެރައެއްވެސް އަދި ގެއްލުމެއްވެސް ލިބޭނީ ހަމަ އެމީހަކަށެވެ.
ސަބަބުތައް މިކިޔައިދެނީއެވެ. ތިބާ ތިބާގެ މައިންބަފައިންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އެމީހުން ދުނިޔޭގައި އުޅެ ނިމިދާނީ އެމީހުންނަށްޓަކައި ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތަކަށެވެ. އެމީހުން މަރުވުމުން އެމީހުންނަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. އެކަމަކަށް ތިބާއަކަށްވެސް އަދި އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނުއެޅޭނެއެވެ.
ދެން އޮތީ ތިބާގެ މައްސަލަތަކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތަން ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅަށް ތިމާ ކިޔަމަންތެރި ނުވެ، ޢަމަލުނުކުރީމާ ތިބާ ފާފަވެރިވާނެއެވެ. އެކަމަށް ޙައްޤު ޢަޛާބް ތިބާއަށް ދެއްވަވާނެތެވެ. އަދި ކީއްހެއްޔެވެ؟ މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ﷲ ތަޢާލާގެ ޙަޟްރަތުން ތިބާއަށް ލިބެންހުރި ޘަވާބު ތިބާއަށް ގެއްލިގެން ދިއައީއެވެ. މައިންބަފައިންނަށް ޚިދުމަތްކޮށްގެން ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެ މަތިވެރި ފުރުޞަތު ލިބެން އޮއްވައި އެދުރުޞަތުވެސް ނަގައިލެވުނީއެވެ.
މީސްތަކުންނަށް ހެޔޮކޮށް ނުހިތާ މީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތެވެ. އެހެންކަމަށްވާއިރު މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމުން ރުހިވޮޑިނުގަންނަވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
ދެން ނިކަން ބުނެބަލާށެވެ! ދެރަ މިލިބުނީ ކާކަށް ހެއްޔެވެ؟ ހުރިހާ ނިކަމެތިކަމެއް މިލުބުނީ އަމިއްލަ ނަފްސަށް ނޫން ހެއްޔެވެ؟ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ލިބެން އޮތް ފުރުޞަތު ނަގައިލެވުމަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަތައް މިހައި ގިނައިން މިދައްކަނީ ހަމަ ތިއަ އަކުންނާއި އުޚުތުންނަށްޓަކައެވެ. އެކަމުން ތިއަ އަޚުންނާއި އުޚުތުންނަށް މަންފާ ހޯދައި ދިނުމަށެވެ. ލިބިގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން