ކައިވެނީގެ ބޭރުން އެއްވެސް ގުޅުމެއް ހިންގަން މަޖުބޫރުކުރިވިޔަސް އެއްބަސްނުވެ އިންކާރުކުރާށެވެ! ﷲ ތަޢާލާގެ މަދަދަށް އެދި މިމަގުން ޢަމަލުކުރާށެވެ!-: ޝައިޚް ޢަބްދުއްނާޞިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކައިވެނީގެ ބޭރުން އެއްވެސް ގުޅުމެއް ހިންގަން މަޖުބޫރުކުރިވިޔަސް އެއްބަސްނުވެ އިންކާރުކުރާށެވެ! ﷲ ތަޢާލާގެ މަދަދަށް އެދި މިމަގުން ޢަމަލުކުރާށެވެ!-: ޝައިޚް ޢަބްދުއްނާޞިރު

އަޅުގަނޑުގެ ލޯބިވެރިއަކު ހުއްޓެވެ. ނަމަވެސް އިމުން ބޭރުވެ އަޅުގަނޑުގެ ބޭނުންކުރަން ފުރުޞަތު ނުދިނުމުން އަޅުގަނޑާއި ވަކިވެފަ ގެންދަނީ ދޮގުވާހަކަތައް ފަތުރައި އަޅުގަނޑު ފަޟީޙަތްކުރަން މަސައްކަތްކުރަމުންނެވެ. އަޅުގަނޑުގެ ކުށެއް ކަމަށް ބުނަނީ އޭނާ ބުނި ގޮތަށް އެއްބަސްނުވުމެވެ.  

އަޅުގަނޑުގެ ސުވާލަކީ މިކަމުގައި އަޅުގަނޑުގެ ކުށަކީ ކޮބައިތޯއެވެ؟  

ކިޔުންތެރިޔާއަށް ފުރަތަމަވެސް ބުނެލަން އޮތީ ކަންތައް ކުރެވިފައި ތިއަ އޮތީ ހަމަ އެންމެ ރަނގަޅަށެވެ. ލޯބިވުމަކީ ކައިވެނިކުރުމުން ކުރުން ހުއްދަވާ ކަންކަން ކުރަން ހުއްދަވާ ސަބަބެއް ނޫނެވެ. ދެން އޮތީ އޭނާ ފަތުރާ ދޮގުވާހަކަތަކެވެ. އެކަމަށް ކަންބޮޑުނުވާށެވެ! ޤިޔާމަތް ދުވަހު އޭނާއަށް ޖެހޭނީ ބަދަލުދޭށެވެ. އަދި ގިނަ ފަހަރު ދުނިޔޭގައިވެސް އެމީހަކު ފަޟީހަތްވެ ނިކަމެތިވާނެއެވެ. މާތް ﷲ ގެ މަގުގައި ޘާބިތުވި މީހަކު ނިކމަެތި ނުކުރައްވަވާނެތެވެ. ކައިވެނިކުރާނެ މާރަނގަޅު މީހަކު ދައްކަވާނެތެވެ. އިން ޝާ ﷲ އަދި އޭނާގެ ޙަޤީޤަތް އެނގި އޭނާގެ ކިބައިން ސަލާމަތްވެވުނުކަން އެއީ ވެސް ތިބާއަށް ލެއްވެވި ބޮޑު ރަޙްމަތެކެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

މިހާރަކަށް އައިސް ވަރަށް ގިނައިން އުޚުތުން ކުރިމަތިކުރުވާ މައްސަލައެކެވެ. ލޯބިވެރިޔާ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ހީވެސް ނުކުރެވޭ މީހަކު އެއުޚުތުންނަށް އޮޅުވާލައިގެން ކޮޓަރިއެއް ފަދަ ތަނަކަށް ވައްދުވާފައި ޢިއްފަތްތެރިކަމަށް އަރައިގަންނަ ކަމުގެ ޝަކުވާއެވެ.  

ފުރަތަމަ ކަމަކީ ލޯބިވާންވީ ކައިވެނިކުރާށެވެ! ކައިވެނިނުކޮށް ކުރުން ހުއްދަ ނޫން ކަންކަން ކުރާކަށް ނޫނެވެ. ވީމާ އެފަދަ ފުރުޞަތުތައް ލޯބިވެރިޔާއަށް ނުދޭށެވެ. ދެން އޮތީ އެއަށްވުރެވެސް ނުރައްކައުތެރިކަން ބޮޑު މައްސަލައެކެވެ. އެއީ ދިރިއުޅޭ ގޭގެ ތެރެއިން އެފަދަ ކަންކަން ކުރިމަތިވުމެވެ. އެފަދަ ކަމެއް ކޮށްފާނެކަމަށް ޤަބޫލުވެސް ނުކުރެވޭވޭ ޢާއިލީ މީހުންގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމެވެ.  

މިއިން ކޮންމެ ޙާލަތެއްގައިވެސް ފިލާވަޅު ލިބިގަނެ ޢަމަލުކުރަންވީ ޔޫސުފްގެފާނު ޢަމަލުފުޅު ކުރެއްވެވިގޮތުންނެވެ. އެކަން ހުށަހެޅީ އެތަނަށް ވަދެވެންހުރި 3 ދޮރު ތަޅުލައިފައެވެ. އެތަނަށް ވަދެވެންހުރީ އިތުރު 2 ތަނަކަށް ވަދެގެންކަމަށްވާތީއެވެ. ފުރަތަމަވެސް ވިދާޅުވީ ކީކޭތޯއެވެ؟ "ﷲ އަށް ބިރުވެތިވެވަޑައިގަންނަވަމެވެ."  

އެހެންވިދާޅުވެފައި މަޑުން ހުންނެވީއެއް ނޫނެވެ. އެކަމަށް ރުހިވަޑައިގަތީއެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިވަޑައިގެން އެކަމުން ސަލާމަތްވެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވެވީއެވެ. ދުވެވަޑައިގަތީއެވެ. ދޮރު ހުޅުއްވަވައި ނުކުމެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވީއެވެ. ﷲ ތަޢާލާ އެކަމަށް މަގު ދެއްކެވިއެވެ. ބޭރަށް ނުކުމެވަޑައިގެންނެވޭނެ މަގު ފަހިކުރައްވަވައި ދެއްވެވިއެވެ.  

އަހަރެމެންނަށްވެސް އޮތީ ހަމައެގޮތެވެ! އެޙާލަތުގައި ﷲ ތަޢާލާއަށް ބިރުގަންނަކަމަށް ބުނާށެވެ. ﷲ ތަޢާލާގެ ކޯފާގެމަތިން އޭނާއަށްވެސް ހަނދާންކޮށްދޭށެވެ. އަދި ސަލާމަތްވާން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރަންވާނީ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައެވެ.  

ތިބާގެ ނިޔަތާއި ސަލާމަތްވާން ތިބާކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެނެކަމުން މީހަކު އަނިޔާވެރިވިނަމަވެސް ތިބާގެ ކުށެއް ނެތެވެ. ނަމަވެސް މިބުނި މަގުން މަސައްކަތްކުރިނަމައެވެ.

 

- ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާގެ ދަރުސަކުން

 

--

މިއަދު އޮންލައިން