ކަންބޮޑުވާންވީ ދުނިޔެ ނިމި ޤިޔާމަތްވާނެ ވަޤުތަކަށް ނޫން! ތިމާއަށް ކޮންމެ ވަޤުތަކުވެސް ޤިޔާމަތްވެދާނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ކަންބޮޑުވާންވީ ދުނިޔެ ނިމި ޤިޔާމަތްވާނެ ވަޤުތަކަށް ނޫން! ތިމާއަށް ކޮންމެ ވަޤުތަކުވެސް ޤިޔާމަތްވެދާނެ ކަމަށް!

ގިނަ ބައަކު އަވަދިނެތި އުޅެނީ ދުނިޔެ ނިމި ޤިޔާމަތްވާނެ ވަޤުތު އޮޅުންފިލުވަންވެގެންނެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެވަޤުތެއް ނުއެނގޭނެއެވެ. އެވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ހިޖުރައިން 2000 އަހަރު ހަމަވަންދެން ދުނިޔެ ނުއޮންނާނެ ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު މީހެއްގެ ޢުމުރަކީ އެވްރެޖްކޮށް 70 އަހަރު ކަމަށް ބެލިނަމަވެސް ދާދި އަވަހަށް އަހުރެމެން މަރުވާނެއެވެ. ވީމާ ވިސްނަންވީ އަހުރެމެންގެ ޢުމުރުގައި ދުނިޔޭގައި ތިބެ ހެޔޮ ޢަމަލުކޮށް ސުވަރުގެ ލިބިގަތުމަށެވެ. ފައިދާކުރާނީ އެކަމުންނެވެ.  

ހިޖުރައިން 1500 އަހަރުހަމަވަންދެން ދުނިޔެ ދެމިއޮންނާނެ ކަމާއިމެދު މީސްތަކުން ސުވާލު އުފައްދަނީ ބަލިކަށި ޙަދީޘްފުޅަކަށް ބަލައިގެންނެވެ. އަހަރެން ދެކޭ ގޮތުގައި ބަޙުސްކުރަންވީ އެޙަދީޘްފުޅާއިމެދަކު ނޫނެވެ. ޔަޤީންވާންހުރި ކަންކަމުގެ މައްޗަށް ބުރަވެގެންނެވެ. ފެންނަމުންދާ ޢަލާމާތްތަކަށް ބަލައިގެންނެވެ. 

މިސާލަކަށް ކުއްލި މަރުތައް ގިނަވުމާއި ނުރައްކައުތެރި ކާރިސާތައް ގިނަވުމަށް ބަލާށެވެ. ކުއްލިމަރުތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަވެ އިތުރުވަމުންނެވެ. ޑޮކްޓަރީގޮތުން މިހައިބޮޑަށް ކުރިއަރާފައިވާއިރުވެސް ކުއްލިމަރުތައް ގިނަވެ އިތުރުވަމުން އަންނާތީ ސައިންސްވެރިން ތިބީ ކަންބޮޑުވެފައެވެ. ސަބަބު ހޯދަން މަސައްކަތްކުރަނީ އަދި މިހައިތަނަށް އެއްވެސް ޖަވާބެއް ހޯދިފައެއް ނުވެއެވެ.  

އަހުރެންގެ އަޚަކު ދާދިފަހުން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ފުލްމެޑިކަލް ޗެކަޕެއް ހެދިއެވެ. އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ. އެނބުރި ޤައުމަށް އައިތާ މަސްދުވަސްނުވަނީސް ކުއްލިއަކަށް މަރުވީއެވެ. މަރުވުމުން ޑޮކްޓަރުން ބުނީ ސިކުނޑީގެ ނާރުތަކެއް ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅުނީކަމަށެވެ.  

އެއީ އޭނާ މަރުވި ސަބަބުކަމަށްވެދާނެއެވެ. އެކަމަށް ބަޙުސްކުރާކަށް ނެތީމެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ ބޮޑު ޚަރަދުކޮށްފައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ހެދި ޓެސްޓުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ މިސުވާލު އުފފެއްދުމުގެ ބޭނުމަކީ މެޑިކަލް ޗެކަޕްހަދަން ހިތްވަރު ނުދިނުމެއް ނޫނެވެ. ޗެކަޕްތައް ހަދައި ކުރިއާލައި ބަލި ދެނެގަނެ ފަރުވާ ހޯދަން ދީނުގައި ބާރުއަޅައެވެ.  

އެހެނަސް މިބުނަނީ މެޑިކަލް ޗެކަޕްގައި މައްސަލައެއް ނުދެއްކުމަކީ ކުއްލިއަކަށް ކަމެއް ކުރިމަތިވެ މަރުނުވާނެ ކަމުގެ ޔަޤީންކަން ލިބެން އޮތް ކަމެއް ނޫނެވެ. އެއްވެސް ބައްޔެއް ނުވެ ގަދަވެ ސަލާމަތުން ތިބި އެތައް ބައަކު ކޮންމެ ދުވަހަކު މިދަނީ މަރުވަމުންނެވެ. ވީމާ ކުއްލިއަކަށް މަރުވުމަކީ ހެދި މެޑިކަލްޗެކަޕާއި ބަލިނުވުމާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމެވެ.  

މިހުރިހާ ވާހަކަތަކެއް ދައްކަން މިޖެހެނީ ކިތަންމެ ޞިއްޙަތު ރަނގަޅުނަމަވެސް ޢުމުރުން ކިތަންމެ ޒުވާން ނަމަވެސް އަބަދުވެސް މަރަށް ތައްޔާރުވެ ހުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ނަޞޭޙަތްތެރިވުމަށެވެ. އެންމެ ސްމާޓް މީހަކީ މަރުހަނދާންކުރުން ގިނަކޮށް މަރަސް ތައްޔާރުވެގެން ހުންނަ މީހާކަމަށް އޮތް ޙަދީޘްފުޅަށް ޢަމަލުކުރަން ބުނުމަށެވެ.  

ނިންމާލަމުންވެސް ބުނާނީ ދުނިޔޭގެ އެންމެ މޮޅު ހޮސްޕިޓަލުން އެންމެ މޮޅު ޑޮކްޓަރުން ލައްވައި ކިތަންމެ ގިނައިން މެޑިކަލް ޗެކަޕްތައް ހެދިނަމަވެސް މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. ޙައްލަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބަލައި މަރަށް ތައްޔާރުވެގެން ހުރުމަށް ބުނުމެވެ. ތިމާމަރުވުމުން އެވަޤުތުން ފެށިގެން ތިމާއަށް ޤިޔާމަތްވީއެވެ. ބިރުވެތިވާންވީ އެކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން