އަނބިންނަށް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެ ފަސޭހައިން ހަނދާން ނެތޭނަމަ އޮތީ ރުޅިއައުމެއް ނޫން! ފިރިން ސަމާލުވެ އެހީތެރިވާންޖެހޭ 2 ކަމެއް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އަނބިންނަށް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެ ފަސޭހައިން ހަނދާން ނެތޭނަމަ އޮތީ ރުޅިއައުމެއް ނޫން! ފިރިން ސަމާލުވެ އެހީތެރިވާންޖެހޭ 2 ކަމެއް އެބައޮތް!

ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވާނީ ޢުމުރުން ދުވަސްވުމުންނެވެ. އެހެންނަމަވެސް ޒުވާން ޢުމުރުގައިވެސް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވާން ފަށައެވެ. ޅަޢުމުރުގައި ގިނައިން މިމައްސަލަ ކުރިމަތިވާނީ އަންހެނުންނަށެވެ.   

އެހެންވެ ސިކުނޑީގެ މިފަދަ މައްސަލަތަކަށް ފަރުވާކޮށްދޭ ޑޮކްޓަރެއް ކަމުގައިވާ ޑރ. ޒިޔާ ގާތަށް މިމައްސަލައިގައި ޢިއްދައިން ނުކެނޑޭ އަންހެނަކު ހިނގައްޖެނަމަ (އޭނާ ހުރީ ކައިވެނިކޮށްގެން ކަމަށްވާނަމަ) ދެމަފިރިންގެ މައްސަލަތައް ޙައްލުކުރުމަށްފަހު ފަރުވާ ހޯދަން އައުމަށް ބުނެއެވެ.  

ޑރ. ޒިޔާ ބުނަނީ އަންހެނުން ސްޓްރެސް ކުރުވުމަކީ އަވަހަށް ހަނދާން ނެތެން ފަށާ ކަމަކަށްވާއިރު ފުރަތަމަ ޙައްލުކުރަންޖެހޭނީ އެމައްސަލަ ކަމަށެވެ. ނޫންނަމަ ކުރާ ބޭހުން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ޙައްލުކުރުން ކަމަށެވެ.  

"ބައެއް އަންހެނުންނަށް ނުތަކާވަރަށް މަސައްކަތްކުރަންޖެހުނީމާވެސް ހަނދާންނެތުމުގެ މައްސަލަތައް ކުރިމަތިވާން ފަށާ. ވީމާ މަސައްކަތްކުރުވަންވާނީ އަނބިމީހާއަށް ކުޅަދާނަވާވަރަކަށް. އަންހެނުންނާ ފިރިހެނުން ހަމަހަމަކަމަށް ނުވަތަ އެއްވަރުކަމަށް ބަލައިގެން ނުވާނެ. ފިރިހެނުންނަށްވެސް މާބުރަކޮށް މަސައްކަތްކުރަންޖެހޭނަމަ ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވޭ! އަންހެނުންނަށް ކުރިމަތިވާން ފެށާލެއް މާއަވަސް." ކަމަށްވެސް ޑރ. ޒިޔާ ބުނެއެވެ. 

ޑރ. ޒިޔާއާއި ޙަވާލާދީ އަހުރެން މިވާހަކަތައް ބުނި ނަމަވެސް މިއީ ދިރާސާތަކުން އެނގެންހުރި ކަންކަމެވެ. ޑޮކްޓަރުން އެއްބަސްވާ ކަންކަމެވެ. ވީމާ އަނބިންނަށް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވާނަމަ އޮތީ އެމީހުން ކުށްވެރިކުރުމެއް ނޫނެވެ. މިބުނި ކަންކަމަށް ވިސްނާށެވެ. ސްޓްރެސް ނުކުރުވާށެވެ. އެމީހުންނަށް ނުކަތާވަރަށް މަސައްކަތްނުކުރުވާށެވެ. އޭނާ ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދޭށެވެ. މަސައްކަތް ލުއިކޮށްދޭށެވެ.  

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ގިނަ އަންހެނުން ޢިއްދައިން ކެނޑުމަށްފަހު ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވާން ފަށައެވެ. އަދި ބައެއް އަންހެނުންނަށް ޢިއްދައިން ކެނޑެން ގާތްވުމުންވެސް ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެއީ ހޯމޯންސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ވީމާ ޑޮކްޓަރުންގެ ލަފާހޯދަންވާނެއެވެ. އެކަމަށް ފަރުވާކުރެވެން މިހާރު އެބައޮތެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން