މިމަގުން ޢަމަލުކުރީމާ ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަވާ ޙާލަތަށްވެސް ދެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މިމަގުން ޢަމަލުކުރީމާ ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަވާ ޙާލަތަށްވެސް ދެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

ތިމާއަށް ކުރެވޭ އަޅުކަން މިނެކިރާ މީހުން މަދުކަމަށް ބުނެވޭކަށް ނެތެވެ. އެއީ ކުރަން އޮތް ކަމެއް ނޫނެވެ! މަސައްކަތްކުރަންވީ ވީހާ ގިނަ އަޅުކަން ކުރެވޭތޯއެވެ. ސަބަބުތައް މިކިޔައިދެނީއެވެ.   

ގިނަގިނައިން އަޅުކަންކުރަންވީ ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. ﷲ ތައާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲ ތަޢާލާ އާއި މުޢާމަލާތުކުރުމެވެ. އެކަން މިކުރެވެނީ މައިގަނޑު ދެކަމަކުންނެވެ. އެއީ ކުރާ އަޅުކަމާއި ކުރާ ދުޢާގައެވެ.  

ކަންއޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް ވަރަށް ފަސޭހައިން ބުނެވެއެވެ. "އަހަހަރެން ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް މިހައިމިހައި އަޅުކަން ކުރަމެވެ. ނަމަވެސް އެދޭ އެއްވެސް ކަމެއް ޙާޞިލެއް ނުވެއެވެ." މިދެއްކެނީ ކޮންފަދަ ނުބައިކަންބޮޑު ވާހަކައެއް ހެއްޔެވެ؟  

ﷲ ތަޢާލާއަށް އަޅުކަން ކުރަންޖެހޭނީ އިންސާނުންވެސް އަދި ޖިންނީންވެސް ދުނިޔެއަށް ފޮނުއްވެވި ސަބަބަކީ ﷲ ތަޢާލާއަށް އަޅުކަންކުރުންކަމުގައިވާތީއެވެ. ވީއިރު ކުރާ އަޅުކަމާއި ތިމާގެ ދުނިޔަވީ ބޭނުންތައް ފުއްދަވައި ދެއްވެވުމާއި ގުޅުވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

އަޅުކަންކުރުމަކީ ތިބާ ކޮންމެ ދުވަހަކު ﷲ ތަޢާލާ އާއި ކުރާ މުޢާމަލާތުތައް އެނގިގެންދާ ކަމެވެ. އެ މުޢާމަލާތުތައް ފުރިހަމަ ނަމަ ތިބާގެ ބޭނުންތައް ދާނީ ފުދެމުންކަން ޔަޤީނެވެ. އެއިގެ މާނައަކީ އެމީހަކު އެދޭ ހުރިހާ ކަންކަން މިދުނިޔޭގައި ހިންމަވައި ދެއްވެވުމެއްވެސް ނޫނެވެ.  

އަދިވެސް ވިސްނައިލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ތިބާ ﷲ ތަޢާލާއަށް އަޅުކަން ކުރަންވީ ހަމައެކަނި ތިބާ އެދޭ ކަމެއް ޙާޞިލުކުރަން ބޭނުންވުމަކުން ނޫނެވެ. ކޮންމެ ދުވަހަކުވެސް އަޅުކަން ކުރަން ޖެހޭނެތީއެވެ. އެކަން ކުރުންމަތީގައި ދެމިހުރެގެން ކަންކަމަށް އެދޭށެވެ. 

ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މިއުޅެނީ ޑޮލަރު ހިފައިގެން ނުވަތަ ކޭޝްކާޑު ހިފައިގެން ފިހާރައަކަށްވަދެ ވިޔަފާރި ކުރަން ކަމަށެވެ. ފައިސާ ދިނުމުން މުދައު ވަގުތުން ދޭންޖެހޭ އުޞޫލުން އަޅުކަން ހަމަ ކުރާއިރަށް ބޭނުންވެގެން އެދޭހައި ކަމެއް ފުދެން ޖެހޭނެ ކަމަށެވެ.

މި ނުބައި ވިސްނުން އަވަހަށް ދޫކޮށްލާށެވެ! އަޅުކަން ކުރުމުގައި އިޚްލާޞްތެރިވާށެވެ! ޘާބިތުވާށެވެ! ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަވާ ޙާލަތަށްވެސް ދެވޭނެއެވެ. އިން ޝާ ﷲ. ނަމަވެސް އެހިސާބަށް ކުރިއަށް ދެވޭނީ ލައްކަ ގިނަ މަސައްކަތްކޮށްގެންނެވެ. ހާދަހައި ބޮޑަކަށް އިޚްލާޞްތެރިވެގެންނެވެ. ހިތުގެ ތަޤްވާވެރިކަން ހާދަހައި ބޮޑަކަށް ވަރުގަދަ ކުރެވިގެންނެވެ! ވީމާ އެކަންކަމަށް ގަދައަޅައި މަސައްކަތްކުރުންމަތީގައި ދެމިހުންނަ މީހާގެ ބޭނުންތައް އަބަދުވެސް ދާނީ ފުދެމުންނެވެ.  

އަޅުކަން ކުރުމަކީ އެމީހަކު އެދޭ ކޮންމެ ކަމެއް ﷲ ތައާލާ ހަމަ ވަގުތުން ފުއްދަވައި ދެއްވެވުން ލާޒިމުކުރާ ކަމެއް ނޫނެވެ. އަޅުކަން ކުރުމަކީ އެއަށްވުރެ މާ މަތިވެރިކަމެކެވެ. އަޅުކަން ކުރުމުގެ ބޭނުމަކީ ﷲ ތަޢާލާ ޢާއި ތިމާ އާއި ދެމެދުގައި ގުޅުން އުފެއްދުމާއި އެގުޅުން އިތުރަށް ބަދަހިކުރުމެވެ. ވީމާ ތިބާ ޙާޞީލުކުރަން ބޭނުންވާ ކަންކަމާއި ތިބާ ކުރާ އަޅުކަމާއި ނުގުޅުވާށެވެ. 

ތިބާއަށް އަޅުކަންކުރެވޭނަމަ އަންގައިދެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ތިބާއަށް މަސައްކަތްކުރެވޭކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދިއްޖެނަމަ ބޭނުންވާ ހުރިހާ ކަންކަންވެސް ދާނީ ޙާޞިލްކުރެވެމުންނެވެ. އިން ޝާ ﷲ  

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން