ބައެއް ފިރިން އެމީހުންގެ ހެޔޮލަފާ އަނބިން ވަރިކުރަނީ ކޮންމެހެން ދޫކޮށްލަން ބޭނުންވެގެނެއް ނޫނެވެ. އޭނާއަށް ބިރުދައްކައިލުމަށެވެ. އަދި ތިމާއަށް އިންތިޡާރުކުރާނެ ކަމަށް ބަލައިގެންނެވެ.
ނަމަވެސް މިއީ މޮޔަވިސްނުމެކެވެ. ކިތަންމެ ހެޔޮލަފާ އަންތބަކުނަމަވެސް އެކަނިވާ ވަޤުތުން ފެށިގެން ދެވަނަ ކައިވެންޏާއިމެދު ވިސްނާނެއެވެ. ޢިއްދައިގެ މުއްދަތު ހަމަކުރަން ނުޖެހޭނަމަ ހަމަ އެދުވަހުވެސް ކައިވެނިކުރަން ބޭނުންވާނެއެވެ.
އެއީ އެކަނބަލުންގެ ކުށެއް ނޫނެވެ. ބައިވެރިއަކާއިއެކު އަބަދުވެސް ދިރިއުޅެން ބޭނުންވުމަކީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ. އެކަމުން އިސްތިސްނާވާނީ މަދުބައެކެވެ.
އެގޮތަށް ވަރިކޮށްލާ ގިނަ ފިރިހެނުންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޢިއްދަހަމަވާތަނުންވެސް އަލުން ކައިވެނިކުރަން ބޭނުންވެގެންދާއިރު އިންނާނީ ދެވަނަ ކައިވެނިކޮށްގެންނެވެ.
އެހެންވެ ބައެއް ފަހަރު އެކަނބަލުންގެ ބޮލުގައި ނުބައި ތުހުމަތުވެސް އަޅުވައެވެ. ހީކުރެވެނީ ކުރިންސުރެ މީހަކު ތައްޔާރަށް ބަހައްޓަނީ ކަމަށެވެ. ނަމަވެސް އެއީ ނުބައި ވިސްނުމެކެވެ. އެއީ އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ.
އެހެންވެ އެކަމުގެ ސަބަބު ބަޔާންކުރައްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހެޔޮލަފާ އަނބިން ވަރިކުރުމުން ކުރިމަތިވާ އެކަނިވެރިކަން ފިލާނެ މަގެއް ﷲ ތަޢާލާ ދައްކަވާނެ ކަމަށެވެ. އިމްތިޙާނުކުރެއްވެވުމުމުގެ ގޮތުން ބައެއް އަންހެނުނަށް ކައިވެނި ނުކުރެވި ތަންކޮޅެއް ލަސްވިނަމަވެސް ގިނަ އަންހެނުންނަށް ވަރަށް އަވަހަށްވެސް ހެޔޮލަފާ ބައިވެރިއަކު ދެއްވަވާ ކަމަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން