ކައިވެނިކުރަންވާ ވަޢުދުތައް ނުފުއްދުމަކީ ހިތްދަތިކަމާ އަތްމަތިދަތިކަން ކުރިމަތިވާ އަދި ތިމާ އެދޭ ކަންކަން ޙާޞިލުކުރަން ހުރަސްތައް އެޅޭ ސަބަބެއް! އަދިވެސް އިތުރު ބައެއް ސަބަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ކައިވެނިކުރަންވާ ވަޢުދުތައް ނުފުއްދުމަކީ ހިތްދަތިކަމާ އަތްމަތިދަތިކަން ކުރިމަތިވާ އަދި ތިމާ އެދޭ ކަންކަން ޙާޞިލުކުރަން ހުރަސްތައް އެޅޭ ސަބަބެއް! އަދިވެސް އިތުރު ބައެއް ސަބަބުތައް!

އެއްބައަކު ކަންބޮޑުވަނީ އަތްމަތި ދަތިކަމުންނެވެ. އަނެއް ބައަކު އުޅެނީ ތަނަވަސްކަން ލިބިފައިހުރެވެސް ހިތްހަމަޖެހުން ނުލިބިގެންނެވެ. ކުރަން ބޭނުންވާ ކަންކަން ކުރަން ހުރަސްތައް އެޅޭތީއެވެ. މިފަދަ ޙާލަތު ކުރިމަތިވުމުން އެއީ މިވެނި މީހެއްގެ ސަބަބުން ކަމަށް ނިންމައިލުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ.  

އެހެންކަމުން މަސައްކަތް މިކުރަނީ ވިސްނާލުން މުހިންމު ބައެއް ކަންކަން ފާހަގަކުރެވޭތޯއެވެ. އިން ޝާ ﷲ  

ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭނަމަ، ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ހިތާމަކުރާނެއެވެ. ކަންބޮޑުވާނެއެވެ. އެހާލަތުގައި ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ކޮންމެވެސް މީހަކު ތިމާގެ ކަންކަމަށް ހުރަސްއަޅާތީ ކަމަށެވެ. ކޮންމެވެސް މީހަކު ހެދި ސިހުރަކުން ނުވަތަ އެސްފީނާއަކުން ކަމަށެވެ!  

އެއީވެސް ކުރިމަތިވާ ސަބަބެކެވެ. ހަމައެއާއިއެކު އެކަންކަން މެދުވެރިވަނީ ތިމާގެ އަމިއްލަ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެގޮތުން ޗެކްކޮށްލަން ނުވަތަ ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. 

1 ތިމާ އެހެން މީހަކަށް އަދާކުރަންޖެހޭ ޙައްޤެއް އަދާނުކުރެވިވޭތޯ ރަނގަޅަށް ހަނދާންކުރާށެވެ! އެއީ ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް އަވަހަށް އެކަންތައް ފުރިހހަމަކުރާށެވެ!  

2 މީހެއްގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން އަވަސްވެގަންނާށެވެ! 

3 އަނބިދަރިންނާއި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ރަޙިމުގެ ގުޅުން ދެމެހެއްޓޭވަރަށް ވިސްނައިލާށެވެ!  

4 ތިމާއަކީ ދުވާލަކު 6 ނަމާދު ކުރެވޭ މީހަކަށްވާށެވެ! މިބުނީ ދަމުނަމާދާއިއެކުގައެވެ.  

5 ތިމާއަކީ އެއްވެސް ފާފައެއް ކުރެވޭ މީހަކު ނަމަ އެކަންކުރުން ވަގުތުން ހުއްޓައިލާށެވެ!  

6 އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެއްވެސް މީހަކާއި ކައިވެނިކުރަން ވަޢުދެއްވެފައި އެކަން ނުކުރެވި އޮތްނަމަ ޙިތްޙަލާލު ހޯދާށެވެ! ނުވަތަ ވައުދުވީފަދައިން ކައިވެނިކުރާށެވެ! ނޫންނަމަ ވޭން ލިބުނު މީހާ އަބަދުވެސް ބަދުދުޢާކުރުންމަތީގައި ދެމިހުރެދާނެއެވެ! މިއީ ވަރަށް ގިނަ ބައަކު ސަމާލުކަން ނުވެސްދޭ ބޮޑު ކުށެކެވެ!  

7 ފުދުންތެރިކަން ހުރިނަމަ ޞަދަޤާތްކުރުން ގިނަކުރެވޭ މިންވަރު އިތުރުކުރާށެވެ!  

8 ސުންނަތް ނަމާދުތައް ކުރުން ގިނަކޮށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! 

9 ދުވަހުގެ ކާމިޔާބީ ގުޅިފައިވާ ފަތިސްނަމާދު ޖަމާއަތުގައިކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުހުރި ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަށް ރައްކައުތެރިވާށެވެ!  

10 އަޚްލާޤް ރިވެތި މީހަކު ކަމުގައިވާށެވެ! ކެތްތެރިކަމާއި ރުޅި އިސްނުކުރުމަށް އަދި ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ދޮގު ނުބުނުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ!   

މި 10 ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަވެފައި ހުރެއްޖެ ނަމަ އެމީހަކު އެދޭ ކަންކަން ފުރިހަމަވުމަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން