ސޯޝަލް މީޑިއާއަށް ޚާޞްކޮށް ޓިކްޓޮކަށް ބަލައިފިނަމަ ވަރަށް ގިނަ އަންހެންކުދިން، އެކުދިންނަށް ލިބޭ އަގުބޮޑު ހަދިޔާތައް އިޝްތިހާރުކުރާނެއެވެ. ކައިބޮއިހަދާ އަގުބޮޑު އެއްޗެތިވެސް އިޝްތިހާރުކުރާނެއެވެ.
އެކަމުން ނުކުންނަ ނަތީޖާ ވަރަށް ނުބައެވެ. ސަބަބަކީ އެއްޗެއްސަށް ނުވަތަ އެފެންވަރުގައި ދިރިއުޅުމަށް ގިނަ ބައަކު ޝައުޤުވެރިވަނީއެވެ. އެހިސާބުން ޙަރާމް، ޙަލާލަށް ބެލުމެއް ނެތި އެއްޗެތި ހޯދަން ނުކުންނަނީއެވެ. ނުކުމެ ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް ހޯދަނީއެވެ.
މިގޮތަށް އެމީހުންގެ ކަންކަން އިޝްތިހާރުކުރާ މީހުން އެމީހުންނަށް އެއްޗެތި ލިބުނު ގޮތް ކިޔައެއް ނުދޭނެއެވެ. ސިއްރުކުރާނެއެވެ. އެއީ ކުރި ހަޑިމުޑުދާރު ކަންކަން ބޭޒާރުވާނެތީއެވެ. އެއިރުން ތިމާގެ އަގުވެއްޓި ފަޟީޙަތްވާނެތީއެވެ.
ވަރަށް ކެރިހުރެގެން އަހުރެން ބުނަމެވެ. އެއަންހެނެއްގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރި އަންހެނަކު އޭނާއަށް ލިބޭ އެފަދަ ތަކެތި އިޝްތިހާރެއް ނުކުރާނެއެވެ. އެއީ އެމީހުން އެތަކެތި ހޯދަނީ ވަރަށް ބުރަ މަސައްކަތުން ކަމަށްވާތީއެވެ.
އަހުރެން މިދައްކަނީ މިލިއަނަރުންގެ ޥާހަކައެއް ނޫނެވެ. އެކަމަކު މިލިއަނަރުންގެ ވާހަކަ ދައްކަންވެސް އެބަޖެހެއެވެ. އެމީހުންގެ އަތުގައި އިންތިހާއަށް ތަނަވަސްކަން ހުންނައިރުވެސް ގިނަ މީހުން މަސައްކަތްކުރަނީ އެމީހުންގެ އަތުގައި ހުންނަ އަގުބޮޑު ގަހަނާތަކާއި ޖަވާހިރުތައް އިޝްތިހާރުނުކުރުމަށެވެ.
ސޯޝަލް މީޑިއާ ކުށްވެރިކުރާކަށް ނެތީމެވެ. ސޯޝަލް މީޑިއާއަކީ ޝައިޠޯނާގެ ހާއްޔަކަށް ހަދައިގެން މިއުޅެނީ އަހުރެމެންނެވެ. މީސްތަކުން މަގުފުރައްދަން ނުކުމެ އުޅޭ ބައެކެވެ.
ލޮބުވެތި އެކުވެރިންނޭވެ! ވަރަށް ކެރިހުރެގެން ބުނަމެވެ. ތިބާގެ ތަނަވަސް އެކުވެރިންގެ ކިބައިން މިފަދަ ކަންކަން ފެނުން ވަރަށް މަދުވާނެއެވެ. ގިނައިން ފެންނާނީ ތަނަވަސްކަމެއް ނެތް އެކުވެރިންގެ ކިބައިންނެވެ. ވީމާ އެއއްޗެތި ހޯދިގޮތް އެއޮތީ އެނގެން ނޫންހެއްޔެވެ؟
ވީމާ ހޭލުންތެރިވާށެވެ! އެއްވެސް ގަހަނާއެއް އަޅަން ނުލިބި ދުނިޔޭގައި އުޅެންޖެހުނަސް ކަންބޮޑުނުވާށެވެ! އަލިފާނުގެ ފޭރާން ލާންޖެހި ގައިގައި އަލިފާނުގެ ގަހަނާތައް އެލުވައިގެން އުޅެންޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން