ތިމާ މަރުވުމުން ޖަނާޒާގައި ބައިވެރިވެ ހެޔޮދުޢާކުރާނެ ގިނަ ބައަކު ލިބޭނީ އެމީހަކު ދުނިޔޭގަ އުޅޭ ގޮތަކުން! މީސްތަކުންނަށް ހެޔޮލަފާ މީހަކަށްވެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ތިމާ މަރުވުމުން ޖަނާޒާގައި ބައިވެރިވެ ހެޔޮދުޢާކުރާނެ ގިނަ ބައަކު ލިބޭނީ އެމީހަކު ދުނިޔޭގަ އުޅޭ ގޮތަކުން! މީސްތަކުންނަށް ހެޔޮލަފާ މީހަކަށްވެވިގެން!

ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. މީސްތަކުންގެ ހެޔޮ ދުޢާއަށް ބޭނުންވާނެ މީހެކެވެ. އަދި މަރުނުވެ ދުނިޔޭގައި ހުންނައިރުވެސް މީސްތަކުންގެ ލޯތްބާއި ހެޔޮ ދުޢާ ލިބުމަށް ބޭނުންވާނެއެވެ. 

އެކަން ޙާޞިލުކުރެވޭނީ ތިމާ މީސްތަކުންނާއިމެދު ޢަމަލުކުރާ ގޮތަކުންނެވެ. ތިމާއަކީ ޚުލްޤް ރަނގަޅު މީސްތަކުންނަށް ހިތްހެޔޮ މީހަކަށް ވެގެންނެވެ. ވެވެން އޮތް މިންވަރަކުން މީސްތަކުންނަށް އެހީތެރިވެ، ހިނިތުންވެ އަދި ރިވެތި ގޮތުގައި މުޢާމަލާތުކުރާ މީހަކަށް ވެވިގެންނެވެ. 

އަވަށްޓެރިންނާއި އަރާރުންވެ އެއްޗެތިގޮވައި ނުބައިކޮށް ކަންކަން ކުރުމަކީ ތިމާ އަޅުކަންކުރިކަން ކުރިނަމަވެސް ސުވަރުގެ ނުލިބިދާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިހުރީ އަހުރެމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. 

މީސްތަކުންނަށް ހެޔޮކޮށް ކަންކަން ކުރަންވީ އެމީހުންގެ ކިބައިން ބަދަލަކަށް އެދިގެންނެއް ނޫނެވެ. އަދި ހެޔޮދުޢާކޮށްދޭނެ ކަމަށް ބަލައިގެނެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް މީސްތަކުންގެ ރުހުންވެސް ލިބޭނެތެވެ. އިން ޝާ ﷲ 

ދެން ވިސްނާލަން އޮތްކަމަކީ މަރުވާނެ ކަމެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި ގިނަ ބައަކު އެމީހެއްގެ ޖަނާޒާގައިވެރިވެ އެމީހަކަށްޓަކައި ހެޔޮދުޢާކޮށްދިނުމެވެ. އެކަމަށް އެދޭމީހާ މިބުނި މަގުން ދުނިޔޭގެ ޙަޔާތް ވޭތިކުރާށެވެ! އެންމެންގެ ލޯތްބާއި ހެޔޮދުޢާވެސް އެމީހަކަށް ލިބޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ޢަބްދުﷲ މުފީދު ނިޔާވުމުން ކަރުނަ ނާޅާ އަވަށްޓެރިއަކުވެސް، އެކުގަ މަސައްކަތްކުރި މީހަކުވެސް ނެތް!- ޖަނާޒާއަށް މިސްކިތާ މުޅި ސަރަޙައްދު ފުރައިލީ ކީއްވެ؟ 

މިއަދު މެންދުރުނަމާދަށްފަހު އާސަހަރާ މިސްކިތުގައި 2 މައްޔިތުންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާ ބޭއްވުނެވެ. ބަންގި ގޮވުމުގެ 20 މިނިޓް ކުރިއަށް މިސްކިތް ފުރިއްޖެއެވެ. 10 މިނިޓްކުރިން މިސްކިތުގެ ގޯތިވެސް ފުރިއްޖެއެވެ. 

ކަށުނަމާދަށް ދިއައިރު އެނގިފައި އޮތީ 2 މައްޔިތުންގެ މައްޗަށް ކަމަށްވުމުން ޙައިރާންކަމެއްވެސް ލިބުނެވެ. އެއީ ދާދިފަހުން ބޭއްވުނު 4 މީހުންގެ ޖަނާޒާއަށްވުރެވެސް ބައިވެރިވި މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވުމުންނެވެ. 

ޖަނާޒާއަށްފަހު މީހުންނާއި ސުވާލުކޮށްލުމުން ގިނަ ބައަކު ވަރަށް ދެރަވެފައި ތިބެ ދެއްކީ ޢަބްދުﷲ މުފީދުފަދަ އަޚްލާޤް ރަނގަޅު، މަޑުމަތިރި އަޚަކު ދުނިޔެއާއި ވަކިވުމުން ހިތާމަކުރާ ވާހަކައެވެ. އަވަށްޓެރިންވެސް އޮފީހުގައި އެކުގައި މަސައްކަތްކުރި މީހުންވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. 

ޢަބްދުﷲ މުފީދަކީ ވަރަށް އާދައިގެ ފެންވަރުގައި ދިއުޅުއްވި ބޭކަލެކެވެ. ހުރިހާ އަވަށްޓެރިންނާއިވެސް ވަރަށް ބޮޑަށް ގުޅިގެން އުޅުއްވި ބޭކަލެކެވެ. އަޅުގަނޑަކީވެސް ހައަކަ އަހަރުވަންދެން ޖެހިގެން ހުރި ގޭގައި އުޅެން ދިމާވި މީހެކެވެ. ދުވަހަކުވެސް ކުނި މޫނެއް ނުދެކެމެވެ. ހާސްވެ ކަންބޮޑުވެފައި ހުއްޓައެއް ނުދެކެމެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެގެންނެވެ. ވާހަކަ ދައްކަވާ އަޑު މަޑުކަމުން ކިރިޔާ އަޑު އިވޭނީއެވެ. 

އެކަމުގެ ނަތީޖާ ފެނިގެންމިދިއައީ ހަމަ ޙައިރާންކުރުވަނިވި ގޮތަށެވެ. ފެނިގެން މިދިއައީ ބޮޑެތި ޢިއްޒަތްތެރިންނާއި ތަނަވަސް ގިނަ މީހުންގެ ޖަނާޒާއަށްވުރެ މާގިނަ ޢަދަދެއްގެ މީހުން ޖަނާޒާގައި ބައިވެރިވެ ހެޔޮ ދުޢާކުރިތަނެވެ. 

(މިއީ މީގެ 2 އަހަރުކުރީގެ ލިޔުމެކެވެ.) 

ރިވެތި އަޚްލާޤްގެ މުހިންމުކަން ބަޔާންކޮށް މިއަދުނޫހުގައި މިގެންދަނީ ވަރަށް ގިނައިން ލިޔަމުންނެވެ. ދަރުސްތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ލިޔެވޭ ލިޔުންތަކަކީ ވަރަށް ތެދު ޙަޤީޤަތްކަން މިފަދަ ކަންކަމުން ފެނިޘާބިތުވާކަން މިދަނީ ލޮލަށް ފެނި ޘާބިތުވަމުންނެވެ. 

މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

މިއަދު އޮންލައިން