އަޅުގަނޑުގެ އެކުވެރިއަކު ކަމަކަށް އެދިގެން ދުޢާކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު އޭނާއަށް ގުޅައިލިޔަސް އަދި އޭނާ ގުޅިޔަސް ފުރަތަމަ ދައްކަނީ އެކަމުގެ ވާހަކައެވެ. ދުޢާ އަދިވެސް ޢިޖާބަ ނުކުރައްވަވާ ވާހަކައެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟
މިސުވާލު މިކުރަނީ މިއަދުނޫސް މެދުވެރިކޮށް އެކުވެރިޔާއަށް އެކަން އޮތްގޮތް އޮޅުންފިލުވައިދިނުމުގެ ބޭނުމުގައެވެ.
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ތިމާ ކުރި/ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރެއްވެވި ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްފިނަމަ އެމީހާގެ އީމާންކަމުން ބޮޑު ބައެއް އެވަނީ އުނިވެފައެވެ. އަދި އެމީހާ އެވަނީ ޝައިޠާނާގެ މަޅީގައި ޖެހިފައެވެ.
"ތިމަންނަ މިވެނި ކަމަކަށް އެދި މިހައި ގިނަފަހަރު، މިހައި ގިނަ ދުވަހު ދުޢާކޮށްފީމޭ، އިޖާބައެއް ނުކުރެއްވެވިއޭ، ﷲ ތަޢާލާ އެވަނީ އަހަރެން ދޫކޮށްލައްވަވައިފައޭ" މިބާވަތުގެ ވަސްވާސްތައް ހިތަށް ވައްދުވަނީ ސީދާ އިބިލީހެވެ. ޝައިޠޯނާއެވެ. އެ ވަސްވާސްތައް ޤަބޫލުކުރެވޭ ހިސާބުން އެމީހާގެ އީމާންކަމުން އެވަނީ ވަރަށް ބޮޑުބައެއް އުނިވެގެން ގޮސްފައެވެ. ޝައިޠާނާގެ ކޮޅު އެވަނީ ގަދަކޮށްފައެވެ.
މިވާހަކަ ވަރަށް ގިނަ ދަރުސްތަކުގައި ބުނަމެވެ. ތަފާތު އިބާރާތުން ކިޔައިދެމެވެ. އެކަން ކުރަންޖެހެނީ ވަރަށް ހެޔޮ ލަފާ މީހުންވެސް ޝައިޠާނާގެ މިމަޅީގައި ޖެހޭލެއް ގިނަކަމުންނެވެ. އެއީ ޝައިޠާނާގެ މަޅިއެއްކަން ނުއެނގި ތިބެ އެ މަޅީގައި ޖެހެވޭ މީހުންގެ ނިސްބަތް އިތުރުވާތީއެވެ.
އަބަދުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާ ކުރި ދުޢާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އަދި ލަސްވާނަމަ ލަސްވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ.
އިންސާނުންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގަން އެނގޭތީ އިބިލީސް އަބަދުވެސް ކޮންމެ މީހަކަށްވެސް ހަނދާންކޮށްދެނީ އެމީހަކަށް ޙާޞިލުނުކުރެވި ހުންނަ ކަންކަމެވެ. ވީމާ އެގޮތުން މީގެ އެތައް އަހަރުތަކެއް ކުރިން ފެށިގެން އެމީހަކު ޙާޞިލުކުރަން މަސައްކަތްކުރި ކަންކަމުގެ ލިސްޓުން ޙާޞިލުނުކުރެވި ހުރި ހުރިހާ ކަންކަން އަބަދާ އަބަދު ހަނދާންކޮށްދެމުން ގެންދާނެއެވެ. ވިސްނައި ހޭލުންތެރިވާން މަސައްކަތްކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން