ރޭގަނޑުގެ ވަޤުތުތައް ދެމަފިރިން އެކުގަ ހޭދަކުރާނަމަ ވަރީގެ ވާހަކަ ދައްކަންޖެހުން ބޮޑުތަނުން މަދުވާނެ! ﷲ ގެ ރަޙްމަތާ ބަރަކާތް ލިބެމުންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ރޭގަނޑުގެ ވަޤުތުތައް ދެމަފިރިން އެކުގަ ހޭދަކުރާނަމަ ވަރީގެ ވާހަކަ ދައްކަންޖެހުން ބޮޑުތަނުން މަދުވާނެ! ﷲ ގެ ރަޙްމަތާ ބަރަކާތް ލިބެމުންދާނެ! އިން ޝާ ﷲ

ލޮބުވެތި އެކުވެރިންނޭވެ! ވިސްނާށެވެ! އެމީހަކު ދުނިޔޭގައި އުޅުނު ގޮތާއިމެދު ޖަވާބުދާރީވާންޖެހޭ ދުވަސް ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. އެދުވަހުން ޖެހޭނީ ޒަވާޖީ ޙަޔާތް ހޭދަކުރިގޮތާއިމެދުވެސް ޖަވާބުދާރީވާށެވެ! ވީމާ އަނބިންގެ ޙައްޤުތަކަށްވުރެ ކުރިއަށް އެކުވެރިންނާއިއެކު އުފާކޮށް މަޖާކުރުން ނުނެރޭށެވެ!  

އަހުރެން ފަނޑިޔާރަކަށް އިންދައި އަންހެނަކު އޭނާގެ ފިރިމީހާ އޭނާއާއިއެކު ވަޤުތު ހޭދަނުކުރާތީ، އެއްދާން ނުކުރާތީ ކައިވެނި ރޫޅާލަން އެދިގެން އަތުވެއްޖެނަމަ، އެކަން ބަލާއިރު އެއީ ޤަބޫލުކުރެވޭނެ ޝަރުޢީ ޢުޒުރެއްނެތި (ދިރިއުޅެން މަސައްކަތްކުރަންޖެހުން ފަދަ) ކުރިކަމެއް ނަމަ އަހުރެން އޭނާގެ މައްސަލަ އެހާ ފަސޭހައިން ދުލެއް ނުކުރާނަމެވެ! އެކަމަށް ޙައްޤު ބަދަލުވެސް ހޯދައިދޭނަމެވެ.  

އަނބިމީހާ އާއިއެކު ވަޤުތު ހޭދަކުރަން ބޭނުންނުވާ ޙާލު ކައިވެނިކޮށް އަންހެނަކަށް އަނިޔާކުރަންވީ ކީއްކުރަން ހެއްޔެވެ؟ އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ އަގުއަދާކޮށް ބަދަލުދޭންޖެހޭނެ ކުށެކެވެ.  

ސުންނަތާއި ޚިލާފްވުމަކީ ކުށަކަށް ނުވިޔަސް އަނެކާއަށް އަނިޔާވެރިވުމަކީ ކުށެކެވެ. ހެޔޮލަފާ އަންތބަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއަކީ މަޤްބޫލް ޢުޒުރެއް ނެތި ރޭގަނޑު އޭނާ އެކަނިވެރިކުރުވުމެވެ. މިހާރުގެ ކައިވެނީގެ ޚުޠުބާގައިވެސް އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދިރިއުޅެން މަސައްކަތްކުރަންޖެހުން ފަދަ މަޤްބޫލް ޢުޒުރެއް ނެތި އަނބިންނަށް އެފަދަ ގޮތްގޮތަށް އަނިޔާނުކުރާށެވެ. އެކުގައި އުޅެން ބޭނުންނުވާނަމަ ރިވެތި ގޮތުގައި އެކަނބަލުން މިނިވަންކުރާށެވެ. ދީނުގައިވާ މަގުން އެކަނބަލުންގެ ޙައްޤުތައް އަދާކުރާށެވެ!  

ދަރިން ލިބުމަށްފަހު ވަކިން ބޮޑަށް ވިސްނަންވާނެއެވެ. ތިމާ ގެއިން ބޭރުގައި އެކުވެރިންނާއިއެކު މަޖާކުރަން އުޅުނަސް އަނބިމީހާއަށް ހުންނަންޖެހޭނީ ދަރިންގެ ގާތުގައި ގޭގައި ބަންދުވެގެންނެވެ. ހިނދުކޮޅަކަށްވެސް ބޭރަކަށް ނުދެވޭނެއެވެ. ވީމާ އަނބިމިހާ އެހުންނަނީ ފާޑަކަށް ހިލިހިލާ ޖެހިފައެވެ.  

އަދިވެސް ވިސްނާށެވެ! ދެމަފިރިންގެ ގުޅުމަށް ބުރޫއަރާގޮތަށް ރޭގަނޑުގެ ވަޤުތުތައް ގެއިން ބޭރުގައި ހޭދަކުރަން ހިތްވަރުދޭ މީހުންނަކީ އެކުވެރިންނެއް ނޫނެވެ. އެއީ ތިބާއަށް ހެޔޮއެދޭ ބައެއް ނޫނެވެ. އެފަދަ މީހުންނާއި ދުރުހެލިވާށެވެ!  

ހަމަ އެއާއެކު ވިސްނާށެވެ! އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމަކީ ﷲ ތަޢާލާ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ވީމާ މިފަދަ ނަޞޭޙަތް ދިނުމުން ރުޅިގަދަވެ އަހުރެންގެ ގައަށް ފައިވާން އުކަންވީއެއް ނޫނެވެ. ވީހާ ގިނަ ޘަވާބު ހޯދައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރަންވީއެވެ.  

ހަމަ އެއާއިއެކު ވިސްނަން އޮތް އެންމެ މުހިންމު ކަމަކީ ރޭގަނޑު ނުނިދައި ވަޤުތުތައް ބޭކާރުކުރުމަކީ ފަތިސްނަމާދަށް ނުހޭލެވޭ އެންމެ ބޮޑު ސަބަބުކަމާއިމެދުގައެވެ. ފަތިސްނަމާދުނުކުރުމުން ލިބޭ ގެއްލުންތަކުގެ ވާހަކަތައް ވަރަށް ގިނައިން ކިޔައިދެވެއެވެ. އަހުރެން މަސައްކަތްމިކުރަނީ މިފަދަ ކަންކަމަށް ހޭލުންތެރިކުރުވޭތޯއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން