ތިމާ ޙާލުބަލަންޖެހޭ މީހުންގެ ޙާލު ފޯނުން ބެލިނަމަވެސް ވީވަރަކުން ބައްދަލުކޮށް ޙާލުނުބަލާނަމަ ލިބެންވާ ޘަވާބު ބޮޑުތަނުން އުނިވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިމާ ޙާލުބަލަންޖެހޭ މީހުންގެ ޙާލު ފޯނުން ބެލިނަމަވެސް ވީވަރަކުން ބައްދަލުކޮށް ޙާލުނުބަލާނަމަ ލިބެންވާ ޘަވާބު ބޮޑުތަނުން އުނިވާނެ!: މުފްތީ މެންކް

އެއް އަވަށެއްގައި ދިރިއުޅެމުން ތިމާ ހާލު ބަލަން ޖެހޭ މީހެއްގެ ޙާލު ފޯނުން ނުވަތަ ސޯޝަލް މީޑިއާ މެދެވުރިކޮށް ބެލުމަކުން ނުފުދޭނެއެވެ. އަމިއްލަ ލޮލުން ބަލަންވާނެއެވެ. އަމަލީ ގޮތުން ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނީވެސް ބައްދަލުކުރެވިގެންނެވެ. 

ވިސްނާށެވެ! އެއީ ތިބާގެ މައިންބަފައިންނެވެ. އެމީހުންގެ ޙާލު ތިބާ ފޯނުން ބަލައެވެ. އެކައުންޓަށް ފައިސާވެސް ޖަމާކޮށްދެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެވަރަކުން އަދި ނުފުދޭނެއެވެ. އެމީހުން ތިބާ ދެކެން ނުވަތަ ބައްދަލުކުރަން ބޭނުންވެގެން ކުރާ އިންތިޒާރީއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

ވީމާ ވިސްނައިލާށެވެ! ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާ އެންމެފަހަރަކު ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތެވެ. 

މީހުންގެ ބިޒީކަން ބޮޑުވުމުން ކަމަށްބުނެ ގާތް ތިމާގެ މީހުންނާއިވެސް ބައެއް މީހުން ހުރިހާ ގުޅުންތަކެއް ބާއްވަނީ ސޯޝަލް މީޑިއާގައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ވީވަރަކުން ބައްދަލުކޮށް ޙާލު އަހުވާލު ބަލަންވާނެއެވެ. މޫނާއި މޫނު ދިމާކުރަންވާނެއެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ އެއް ރަށުގައި ކަމަށްވާނަމަ ބައްދަލު ނުކޮށް ތިބުމަކީ ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. 

ކޮންމެ ދުވަހަކު އެންމެންނާއި ބައްދަލުނުކުރެވުނަސް އެތަމަށް ތާވަލެއް ކަނޑައަޅާށެވެ! އެތާވަލުގެ ތެރެއިން ބައްދަލުކުރަމުން ގެންދާށެވެ! ޢާއިލީ ގުޅުން ރަނގަޅު ގޮތުގައި ބަހައްޓަން މަސައްކަތްކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ 

ފޯނުން ޙާލުބަލައި ފައިސާ ޓްރާންސްފަރ ކުރުމުން އެކަންކަން ކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. ނަމަވެސް ބައްދަލުކޮށް އެކަމުން އަނެކުންނަށް ދޭންޖެހޭ ހިތްހަމަޖެހުން ދީގެން ނޫނީ އެކަމުގެ ޘަވާބެއް ނުލިބޭނެއެވެ. ފުރިހަމަ ޘަވާބު ލިބެން އޮތީ ބައްދަލުކޮށް ގުޅުންބަދަހިކުރަން މަސައްކަތްކުރިވަރަކުންނެވެ. 

ތަކުރާރުކޮށްލާނަމެވެ. މައިންބަފައިންނާއި ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނާއި ބައްދަލުނުކޮށް ތިބެން ހެޔޮނުވާނެއެވެ. އެކަމަށް ގެއްލޭ ވަޤުތުގެ ބަދަލުގައި ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން