މިހާރަކަށް އައިސް ހުސްވަގުތެއް ލިބުމުންނާއި ހުސްވަގުތު ހޯދައިގެންވެސް ގިނަ ބައަކު ވަގުތު ހޭދަކުރަނީ ވައިބަރ، ވަޓްސްއެޕް، ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި މީސްމީހުންނާއި ވާހަކަދެއްކުމަށެވެ.
މިގޮތުން އެމީހަކު އެއްގޮތަކަށްވެސް ނުދަންނަ ގިނަ ބައަކާއިވެސް ވާހަކަ ދައްކައެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން ޙިއްޞާކޮށް ލަފައަށްވެސް އަހައެވެ. އެމީހުންދޭ ލަފާ ބަލައިގަނެ ޢަމަލުވެސް އެބަކުރެއެވެ.
އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ތިމާ ނުވެސް ދަންނަ މީހަކު ކޮންމެފަދަ ލަފައެއްވެސް ދީފާނެއެވެ. އެކަމަކުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނާނެއެވެ. ވިސްނި ނަމަވެސް ތިމާ ދަންނަ، ހެޔޮ ލަފާ މީހުން ވިސްނާ ވަރަކަށް ނުވިސްނާނެއެވެ. ވީމާ ކަންކަމުގައި މަޝްވަރާ ކުރަން އެންމެ ރަނގަޅީ އެމީހަކު ރަނގަޅަށް ދަންނަ ހެޔޮ ލަފާ މީހުންނާއިއެވެ. ޚާއްޞަކޮށް މޫނާއި މޫނު ދިމާކޮށެވެ.
ފުރުޞަތުތައް ހުޅުވާލެވިފައި މިވާ ދުނިޔޭގައި ސޯޝަލް މީޑިއާ ބޭނުން ނުކޮށް އުޅުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ރަނގަޅު ކަންކަން ކުރުމަށް، އިސްލާމް ދީން ހުއްދަކުރާ ކަންކަން ކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ ބޭނުންކުރަންވީއެވެ.
މައްސަލައަކަށްވެގެންދަނީ ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތެވެ. ބަދަލުކުރަން ޖެހިފައި މިވަނީ ދިރިއުޅެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ކަމަށް ދެކޭ ދެކުމެވެ. ކޮންމެ ކަމެއްވެސް ކުރަން އޮތީ އިންތަކުގެ ތެރެއިންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން