ސުވަރުގޭގެ އެންމެ މަތިން ޖާގަހޯދައި ރަސޫލް (ޞޢޥ) ގެ އެންމެ އަރިއަހުގައި ވުމަށް އެދިގެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ސުވަރުގޭގެ އެންމެ މަތިން ޖާގަހޯދައި ރަސޫލް (ޞޢޥ) ގެ އެންމެ އަރިއަހުގައި ވުމަށް އެދިގެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-: ބިލާލް އައްސަދު

ކޮންމެ މީހަކުވެސް ބޭނުންވެގެން އުޅެނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއި އެންމެ އަރިހުގައިވުމަށެވެ. އެކަމަކު ހިތާމައަކީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމުގެ ބަދަލުގައި މަދުކުރެވެމުންދާކަމެވެ.

ވުޟޫގެނަމާދު އޮތްކަން ހަނދާންހުރީ މަދުމީހެކެވެ. ޞުޙާ ނަމާދުކުރަނީ މަދުމީހެކެވެ. އެންމެ ކުޑަމިނުން މަސްޖިދު ސުންނަތްކުރަނީވެސް މަދުމީހެކެވެ. ވިތުރި އާއި ދަމުނަމާދުކުރާމީހުން އެހައިމަދެވެ.

އެހެންކަމުން ވިސްނާލުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލަން މަސައްކަތްކުރާނަމެވެ.

ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ހުރެފައި އެމީހަކު އެންމެ އެދޭކަމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ބުނާނީ ސުވަރުގެ ވަނުމާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުން ކަމަށެވެ. ނަނަމަވެސް އެއީ އެހާ ފަސޭހައިން ޙާޞިލްކުރެވެން އޮތް ކަމެއް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްތަކެއް ކުރަން އެބްޖެހެއެވެ.

ސުވަރުގެ ވަނުމާއި ސުވަރުގެއިން މަތީ ދަރަޖަ ހޯދުން ވަނީ މީސްތަކުންގެ އަތްމަތީގައެވެ. އެކަން ޙާޞިލުކުރެވެން އޮތީ އެމީހަކުކުރި މަސައްކަތަކުންނެވެ. އެކަން އެނގެނީ އެބޭކަލަކު އެންމެ އެދިވަޑައިގަންވާ ކަމެއްގެ ވާހަކަ ވިދާޅުވަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވުމުން އަދި އެ ބަސްފުޅު ތަކުރާރުކުރެއްވެވުމުން ވެސް "އެންމެ އެދިވަޑައިގަންނަވާ ކަމަކީ ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައިވުމަށް" ކަމުގައި ދެންނެވުމުން ކުރެއްވެވި ޙަދީޘްފުޅުންނެވެ.

ޙަދީޘްފުޅު ކުރެއްވެވީ "ގިނަގިނައިން ސަޖިދަ ކުރުމަށެވެ! ސަޖިދަކުރުން ކުރުމަށެވެ." މާނައަކީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމެވެ. މި ޙަދީޘްފުޅު މިގޮތަށް ކުރެއްވެވުމުން އެނގިގެން މިދަނީ ސުވަރުގެ ވަނުމާއ ސުވަރުގެއިން ދަރަޖަ ޙާޞިލުވުން ވަނީ އެމީހަކު ކުރި މަސައްކަތަކުންކަމެވެ. ސުންނަތް ނަމާދުކުރުން ގިނަކުރިވަރަކުންނެވެ.

ދެން ނިކަން ބުނެބަލާށެވެ! ސުވަރުގެ ވަދެވޭނީވެސް އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވެވޭނީ ކިހިނަކުންހެއްޔެވެ؟ މިއަދު މިކަންކަމަށް ނުވިސްނައި އެންމެ ކުޑަމިނުން ސުަވރުގެ ވަދެވޭނެ ހެއްޔެވެ؟ ނަރަކައިން ސަލާމަތްވެވޭނެ ހެއްޔެވެ؟

-- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން