ލޮބުވެތި އެކުވެރިންނޭވެ! އަބަދުވެސް ބައިވެރިޔާގެ ރަނގަޅުސިފަތަކުގެ އަގުވަޒަންކުރާ މީހަކަށް ވާށެވެ! ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތައް ހުންނާނެއެވެ. ރަނގަޅު ސިފަތައްވެސް ހުންނާނެއެވެ. މިނެކިރައިލާށެވެ. އިންޞާފުވެރިކަމާއިއެކު ބަލައިފިނަމަ ގިނަ މީހުންގެ ކިބައިގައި ގިނަވާނީ ރަނގަޅު ސިފަތަކެވެ.
މައްސަލަތައް ޖެހި ކަންކަން ގޯހުން ގޯހަށް ބަދަލުވަނީ ބައިވެރިޔާގެ ކިބައިން ތިމާއަށް ލިބެންޖެހޭ ބައަށް އެކަނި ސަމާލުކަންދެވޭތީއެވެ. ޚާއްޞަކޮށް މަދުވާ ނުވަތަ އުނިވާ ބައާއިމެދު މާބޮޑަށް ވިސްނޭތީއެވެ. ތިމާއަށް ލިބެމުން އަންނަ ބައާއިމެދު ވިސްނައިލެވޭލެއް ކުޑަކަމުންނެވެ.
އެކަން އެހެން އެވަނީ ބައިވެރިޔާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއި ތިމާއަށް ކޮށްދޭ ކަންކަން ޝައިޠޯނާ ތިބާގެ ހަނދާނުން ނައްތައިލުވާތީއެވެ. އެއީ ޝައިޠޯނާ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރާ ކަމެކެވެ. އަދި އަބަދުވެސް ކުރަމުން ގެންދާނެ ކަމެއްވެސް މެއެވެ.
ކޮންމެ ދެމަފިރިއަކު ވަރިކުރުވަންވެސް ޝައިޠޯނާ މަސައްކަތްކުރުން ހުއްޓައިނުލާނެކަން އަހަރެމެންނަށް އެބަ އެނގެއެވެ. ވީމާ ކުރަންވީ ކަމަކީ ޝައިޠޯނާ އެ މަސައްކަތްކުރުން ހުއްޓައިނުލާނެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިނުލުމެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތަށް އެދި މެދުނުކެނޑި ދުޢާކުރަމުން ގެންދާށެވެ!
ދެމީހުން ދުރުވެދާނެ އެއްވެސްކަމެއް މެދުވެރިނުވުމަށް އެދިގެންނާއި ދުވަހެއް ދުވަހަކަށް ހިތުގައި ލޯބި އިތުރުވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޝައިޠޯނާގެ ފިތުނައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިވެސް ގިނަގިނައިން ދުޢާކުރާށެވެ!
--ޝައިޚް ޢަބްދުލަމްޖީދު މަޙްމޫދުގެ ދަރުސަކުން