ރުޅިއާއި ރުޅިއައުމަކީ އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ. ކޮންމެވެސް މިންވަރަކަށް އެކަން ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ކާމިޔާބު މީހަކަށް ވެވޭނީ ރުޅިކޮންޓްރޯލްކުރެވޭ މީހަކަށް ވެވިގެންނެވެ. ތިމާގެ ނަފުސުގެ މައްޗަށް ރުޅިއަށް ގަދަނުގަނެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓޭ މީހުންނަށެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި ކުރިމަތިވާ ނުބައި ހުރިހާ ކަމަކަށްވެސް ޚާއްޞަކޮށް ކައިވެނި ރޫޅުމަށްވެސް އެންމެ ބޮޑަށް މަގުފަހިވެގެންދާ އެއްކަމަކީ ޝައިޠޯނާ އުފައްދާ ފިތުނައިގެ ސަބަބުން ރުޅި އިސްކުރެވޭކަމެވެ. އެރުޅީގެ ސަބަބުން ކަންކަމުގެ ހަޤީޤަތްވެސް ނުބަލައި އަމަލުތައް ކުރެވޭކަމެވެ.
ވީމާ ފުރަތަމަ ކަމަކަށް ރުޅިއައުދެވޭހިނދު އަޢޫޛްކިޔަން އާދަކުރާށެވެ! އަޢޫޛްކިޔުމަކީ ޝައިޠޯނާގެ ފިތުނައާއި ނުބައިކަމުން ތިމާ ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭ އާދޭހެކެވެ. ވީމާ އެއާދޭސް ދެންނެވުމުގައި ސާބިތުވާށެވެ! ހިތުގެ އެންމެ އަޑިން އާދޭސް ދަންނަވާށެވެ!
ވިސްނާށެވެ! ތިމާގެ މައްޗަށް ރުޅިއަށް ބާރުފޯރުވޭނަމަ އެމީހަކު އެވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައެވެ. އެމީހަކަށް އެއްވެސް ކަމެއްގައި ކާމިޔާބުހޯދަން ވަރަށް އުނދަގޫވާނެއެވެ. އަދި އެހެން މީހުންގެ ރުހުމާއި ލޯބި ހޯދަންވެސް އުނދަގޫވާނެއެވެ. އެންމެ ކުޑަމިނުން ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ލިބެންޖެހޭ ލޯބި ލިބުމަށްވެސް ހުރަސްތައް ހުންނާނެއެވެ.
ވީމާ ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ބޭނުންވާނަމަ ރުޅިއާއިމެދު ސަމާލުކަންދޭން އެބަޖެހެއެވެ. ރުޅި ކޮންޓްރޯލްކުރެވޭ މީހަކަށްވާން އެބަޖެހެއެވެ. ޙަދީޘްފުޅުގައި އޮތީ އެންމެ ބާރުގަދަ މީހާއަކީ އަތުގެ ބާރު އެންމެ ގަދަ މީހާ ނޫން ކަމަށާއި ރުޅީގެ މައްޗަށް ބާރުގަދަވެގަނެވޭ މީހާ ކަމަށެވެ. އެކަމުން އެނގޭނީ އެންމެ ކާމިޔާބު މީހަކު ކަމުގައި ވެވެން އޮތީވެސް ރުޅި ކޮންޓްރޯލްވިގެން ކަމެވެ. ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން