މަސްވެރިކަން ރަނގަޅުވެ މަހަށް ނިކުންނަ ދޯނިތަކުގެ އަދަދުވެސް އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ބުނެފައިވަނީ މަސްވެރިކަން ރަނގަޅުވެ މަހަށް ނިކުންނަ ދޯނިތަކުގެ އަދަދުވެސް އިތުރުވެފައިވާއިރު މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ ހުވަދު އަތޮޅުގައި ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަން އިތުރަށް ރަނގަޅުވެ ކިރުވާ މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ވަނީ ލަފާކޮށްފައެވެ.
މަސްވެރިން ތެލަށާއި އައިސް ގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު އެވްރެޖްކޮށް ކޮންމެ ދަތުރަކަށް އޮޑިވެރިން ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާ ޚަރަދުކުރެއެވެ. އެހެންކަމުން ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމަކީ މަހަށް ނިކުތުމަށް މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެގޮތުގައި މިފްކޯއިން ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ފަށާފައެވެ.