ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 63.2 މިލިޔަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 63.2 މިލިޔަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ހާމަކޮށްފި

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 63.2 މިލިޔަން ޑޮލަރު ހުރިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 673.2 މިލިޔަން ޑޮލަރެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ 146.27 މިލިޔަން ޑޮލަރާއި، ރަސްމީ ރިޒާވުގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓުގެ ގޮތުގައި ހިމެނޭ 2.29 މިލިޔަން ޑޮލަރު ހިމެނޭގޮތަށް، ޖުމްލަ 148.56 މިލިޔަން ޑޮލަރު ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި އެމްއެމްއޭގެ ރިޒާވުގައި ހުރިކަމަށް ވެއެވެ.

މި އަދަދުތައް އެއްކުރުމުން، ދައުލަތުގެ ޖުމްލަ ރިޒާވް 821.8 މިލިޔަން ޑޮލަރަށް އަރާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް، ޕްރީޑިޓާމައިން ޝޯޓް ޓާމް ނެޓް ޑްރެއިންސް، ނުވަތަ މިއިލްތިޒާމުތަކުގެ ޖުމްލަ އަދަދަކީ 758.56 މިލިޔަން ޑޮލަރެވެ. ޖުމްލަ ރިޒާވުން މި އަދަދު އުނިކުރުމުން، 2023 ވަނަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގެ ގޮތުގައި ހުރީ 63.2 މިލިޔަން ޑޮލަރުކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް ނޭދެވޭ އަސަރުކުރި އެންމެ ބޮޑު އެއް ސަބަބަކީ ރިޒާވް ދަށްވުންކަމަށް ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރިޒާވަށް މިހާ ބޮޑު އަސަރެއް ކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ރުފިޔާ ޗާޕުކުރުމާއި، ބޮޑު އިންޓްރަސްޓެއްގައި ލޯނުތައް ނެގުމާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފުކުރުން ހިމެނެއެވެ.

 

މިއަދު އޮންލައިން