ލޯބިވެގެން އުޅޭއިރު ޙޫރަލްޢީނެއްހައި ރީތިވެފައި ކައިވެނިކުރެވުމާއިއެކު އެކަން އެހެން މީހުންނަށް ބަދަލުވެ ބައިވެރިޔާ ހުތުރުވެ ބާކީކުރުން- ވިސްނާލަންޖެހޭ ބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ލޯބިވެގެން އުޅޭއިރު ޙޫރަލްޢީނެއްހައި ރީތިވެފައި ކައިވެނިކުރެވުމާއިއެކު އެކަން އެހެން މީހުންނަށް ބަދަލުވެ ބައިވެރިޔާ ހުތުރުވެ ބާކީކުރުން- ވިސްނާލަންޖެހޭ ބޮޑު މައްސަލައެއް!

ބައެއް މީހުންނަށް ހީވެގެން އުޅެނީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިގައި އެއްވެސް އުނިސިފައެއް ހުރެގެން ނުވާނެ ކަމަށެވެ. އަދި ވާންޖެހޭނީވެސް ހުރިހައި ގޮތަކުން ތިމާ އެންމެ ހިތް އެދޭ ހުރިހާ ސިފަތައް ލިބިގެންވާ މީހަކަށް ކަމަށެވެ. އަދި އަބަދުވެސް ތިބެންޖެހޭނީ ހަމައެރީތިކަންމަތީގައި ކަމަށެވެ.

ނަމަވެސް މިއީ ކިހިނަކުން ޙާޞިލުކުރެވޭނެ ކަމެއް ހެއްޔެވެ؟ ސަބަބަކީ މިކަންކަމަކީ ދުނިޔޭގައި ޙާޞިލުކުރެވޭނެ ކަންކަމެއް ނޫނެވެ. މިއީ ސުވަރުގެއިން ޙޫރަލްޢީނުން ލިބުމުން ޙާޞިލުކުރެވޭނެ ކަންކަމެވެ./

މިކަމުގައި އެންމެ އަޖައިބު ކަމަކީ ކައިވެނިކުރަން އުޅޭއިރު އެކަކު އަނެކަކަށް މިވަނީ ހޫރަލްއީނުން ފަދަ މީހަކަށެވެ. ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެގެންދާ ކަމެވެ. ކޮންމެވެސް ގޮތަކުން އެހެން މީހަކާއި ބައްދަލުވާއިރަށް ކުރިން ހުރިކަމަށް ޤަބޫލުކުރި ޙޫރަލްޢީނުކަން ކެނޑި ފަހުން ފެނުނު މީހާއަށް އެކަން ބަދަލުވެގެންދާ ކަމެވެ. ނިކަން ބުނެބަލާށެވެ. މިއީ ދެން ތަންފުކެއް ބޮޑުވަރު ނޫން ހެއްޔެވެ؟

ޙަޤީޤަތަކީ ބައިވެރިޔާ ހުތުރުވަނީއެއް ނޫނެވެ. ބައުވަނީއެވެ. އައުކޮށްލަން ބޭނުންވަނީއެވެ. ކޮންމެ އަހަރަކު ގޭގެ ފަރުނީޗަރު އައުކުރަނީ ބައުވެ ބޭނުން ނުހިފިގެނެއް ނޫނެވެ. އައު ޑިޒައިންތައް ބާޒާރުން ފެނުމުން ގޭގައި ހުރި ފަރުނީޗަރުމަތިން ފޫހިވަނީއެވެ. އެހެންވެ އައުކޮށްލަން ބޭނުންވަނީއެވެ.

ތަނަވަސްކަންހުރިނަމަ ފަރުނީޗަރާއިމެދު އެގޮތަށް ޢަމަލުކުރިނަމަވެސް ޙަޔާތުގެ ބައިވެރިޔާ އާއިމެދު އެގޮތަށް ޢަމަލުކުރަން ނުވިސްނާށެވެ! ފަރުނީޗަރަކީ ހިތެއް ލިބިގެންވާ އެއްޗެއް ނޫނެވެ. ގޮނޑަށް އުކައިލަނަމަވެސް އެއަކަސް އެއްވެސް އަސަރެއް ނުކުރާނެއެވެ. ނަމަވެސް ބައިވެރިޔާއަކީ އިންށާނެކެވެ. އޭނާގެވެސް ހިތެއްވެއެވެ. އެހިތަށް އަސަރުކުރާނެއެވެ. އަސަރުކުރުވުމަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ.

ވީމާ ގޭގެ ފަރުނީޗަރު ބަދަލުކުރާ އުޞޫލުން ޙަޔާތުގެ ބައިވެރިޔާ ބަދަލުނުކުރާށެވެ! ﷲ އަށްޓަކައި ލޯބިވާން މަސައްކަތްކުރާށެވެ! އެއިރުން ދާނީ ރީތިވަމުންނެވެ، ލޯބިއިތުރުވަމުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން