ބައެއް މީހުން ބުނެއެވެ. އަހުރެން ދުޢާނުކުރަނީ ވަކިކަމަކަށް މިވަޤުތު ބޭނުންޖެހިފައި ނެތުމުންނެވެ. މިހެން ބުނާ މީހުންނާއި ކޮށްލަންޖެހޭ ސުވާލަކީ ތިބާގެ ﷲާފަތައް ފުއްސަވައި ދެއްވަވާފައިވާކަމުގެ ޔަޤީންކަންވެސް ލިބުނީ ހެއްޔެވެ؟ ދުޢާކުރުން ގިނަކުރަން ނުޖެހޭނެ އެއްވެސް ދުވަހެއް ނެތެވެ. އެއީ ދުނިޔޭގައި ހުރި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ. ކައިބޮއިހަދާފަދައިންނެވެ.
ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރާށެވެ! ގިނަގިނައިން ދުޢާކުރާށެވެ! ވަޤުތެއް ލިބޭ އިރަށް ދުޢާކުރާށެވެ! ގިނަގިނައިން ދުޢާކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީއިރު ގިނަގިނައިން ދުޢާކުރާ އަޅުންގެ ދަރަޖަ ކިހައި މަތިވެރިވާނެހެއްޔެވެ؟
ދުޢާކުރުމުގައި ތަރުތީބުން ކަންކަން ކުރާށެވެ! ފުރަތަމަ ކަމަކަށް ﷲ އަށް ޙަމްދުކުރާށެވެ! ﷲ މަތިވެރިކުރާށެވެ! ދެވަނަ ކަމަކަށް ތމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވާށެވެ! ތިންވަނަކަމަށް ރަސޫލް (ﷺ) އަށް ޞަލަވާތްކިޔަވާށެވެ! ހަތަރުވަނަ ކަމަކަށް ތިމާއަށް ދަންނަވަން އެނގޭ އެންމެ ރިވެތި ޢިބާރާތުން ތިބާ އެދޭކަންކަމުގެ ވާހަކަތައް ދަންނަވާށެވެ. ކޮންމެ ބަހަކުން ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ.
ދުޢާކުރަމުންދާއިރު ލޮލުން ކަރުނަ ތިއްކެއް، ދެތިއްކެއް ވަޢްޓައިލެވިއްޖެ ނަމަ އެދެވުނީ މަތީ ދަރަޖައަށެވެ! ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ވީމާ ކަމަކާއި ހުރެ ދެރަވެ ހިތާމަކޮށް ކަރުނަ އަޅައިފިނަމަ އެކަމަކީ ގެއްލެނިވެގެންދާނެ ކަމެއް ނޫނެވެ.
ދުޢާކޮށް ނިންމާލަމުންވެސް ރަސޫލް (ﷺ) އަށް ޞަލަވާތްކިޔަވާށެވެ! އަދި ﷲ އަށް ޙަމްދުކުރާށެވެ.
ދުޢާކުރުމަށްފަހު ހެޔޮ ޢަމަލެއް ކުރާށެވެ! ނަމާދެއް ކުރާށެވެ! ކިތަންމެ ކުޑަ ނަމަވެސް ޞަދަޤާތެއް ކުރާށެވެ! ދުޢާކުރަން އެންމެ މުހިންމު ވަގުތަކީ ރޭގަނޑުގެ ތިންބައިނަފަހު ބައެވެ. އެވަގުތު ހޭލައި ނަމާދުކޮށް ދުޢާކުރާށެވެ!
ހަމަ އެއާއިއެކު ތިމާއަށް ފާފައެއް ކުރެވޭނަމަ އަވަހަށް އެކަންކުރުން ހުއްޓައިލާށެވެ! ﷲ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ދުރުހެލިވެހުންނާށެވެ!
ދުޢާކުރާއިރު ދަންނަވަންވާނީ މިއަޅާ މިއެދޭކަމަކީ މިއަޅާއަށް ފައިދާހުރި ކަމެއް ނަމަ ހިންމަވައި ދެއްވެވުމަށެވެ. އެކަމަކީ ގެއްލުންހުރި ކަމެއްނަމަ ހިންމަވައި ނުދެއްވެވުމަށެވެ! އަދި ކޮންމެ ދުޢާއެއްގައި ވެސް ތިމާގެ ދަރަޖަ މަތިވެރިކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ!
ޙަދީޘްފުޅުން އެނގެން އޮތީ ދުޢާކުރުންމަތީގައި ތިބާ ހުރިހައި ދުވަހަކު ﷲ ތަޢާލާ ތިބާ ދޫނުކުރައްވަވާނ ކަމަށެވެ. ވީމާ މާޔޫސް ނުވެ ދުޢާކުރުންމަތީގައި ސާބިތުވެހުންނާށެވެ!
ﷲ ތަޢާލާ އަޅަމެން އެންމެން ކުރާ ދުޢާ ޢިޖާބަކުރައްވަވާށި! އާމީން
--މުފްތީ މެންކުގެ ދަރުސަކުން