ތިމާއަށް އުފާވެރިކަން ލިބޭނެ ކަމަށް ބަލައި ލޯބިވެރިޔާ ބޭނުންވާ ގޮތަށް އުޅެން ﷲ ތަޢާލާގެ މަގު ދޫކުރާ މީހުންނަށް ދުނިޔޭގައިވެސް ދާދިއަވަހަށް ކުރިމަތިވާ ހިތާމަ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 34ސ
ތިމާއަށް އުފާވެރިކަން ލިބޭނެ ކަމަށް ބަލައި ލޯބިވެރިޔާ ބޭނުންވާ ގޮތަށް އުޅެން ﷲ ތަޢާލާގެ މަގު ދޫކުރާ މީހުންނަށް ދުނިޔޭގައިވެސް ދާދިއަވަހަށް ކުރިމަތިވާ ހިތާމަ މާބޮޑު!

ތިބާ ލޯބިވާ މީހާގެ ލޯބި ލިބެން އެދޭނަމަވެސް ﷲ ތަޢާލާއަށް ލޯބިވުން އިތުރުކުރަން ބުނުމުން ބައެއް މީހުންނަށް ހީކުރެވެނީ އެވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. ތިމާ ބޭނުންވާ ލޯބި ލިބޭނީ ލޯބިވެރިޔާގެ ކިބައިން ކަމަށެވެ. އެގޮތަށް ވިސްނޭނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. 

މިވާހަކަ ދައްކަން މިޖެހެނީ މިހާރަކަށް އައިސް މީސްތަކުންގެ ލޯބި ހޯދުމުގެ ބޭނުމުގައި ﷲ ތަޢާލާގެ މަގު ދޫކޮށްލެވޭތީއެވެ. މިބުނަނީ މީސްތަކުންގެ ލޯބި ހޯދުމުގެ ބޭނުމުގައި ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރާވާހަކައެވެ. މިސާލަކަށް ރުހުން ހޯދަން ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ކުރާ މީހެއްގެ ކަމަށްވެއްޖެނަމަ އޭނާ ރުއްސުމުގެ ގޮތުން އޭނާކުރާ ޙަރާމްކަންކަން އެބަކުރެއެވެ. 

ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބައެއް ކަނބަލުންކުރާ ކަމެކެވެ. ލޯބިވެރިޔާ ރުއްސުމަށްޓަކައި ﷲ ތަޢާލާ ނަހީކުރެއްވެވި ގޮތަށް އެބަ ފޭރާންލައެވެ. ބޮލުގައި އޮންނަ ބުރުގާ އެބަ ނަގައެވެ. އެކަން އެކަންކަން އެގޮތަށްކުރުމުން އިސްކަން އެދެވެނީ އެމީހާއަށެވެ. ﷲ ތަޢާލާ އަކަށް ނޫނެވެ. 

ދެން ކަންކަން މެދުވެރިވަނީ އަދި މާދެރަގޮތަކަށެވެ. ދުވަސްކޮޅަކުން އެމީހާ ވަކިވެގެންއެބަދެއެވެ. އަޅުވެތިވެގެންހުރެ ކުޅެމުން އައި ލޯބީގެ ޑްރާމާ އެހިސާބުން އެނިމުނީއެވެ. ހިތްދަތިކަން އިޙްޞާޞްކުރަންޖެހުނީއެވެ. 

ދެން މިވަނީ ކިހިނަކުންކަމަށް ހެއްޔެވެ؟ އަނެއްކާވެސް އެނބުރެން މިޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ލިބުނު ހިތްދަތިކަމާއި ނިކަމެތިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންޖެހެނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ރޮއި ކަރުނައަޅައި އާދޭސްދަންނަވަންޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. 

ވީމާ އެއްވެސް މީހަކު ރުއްސަން ނުވަތަ އެއްވެސް މީހެއްގެ ތާއީދު އަދި ލޯބިހޯދަންވެސް ﷲ ތަޢާލާގެ މަގު ދޫކޮށްނުލާށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. އިން ޝާ ﷲ. އެހިސާބުން ތިބާ ބޭނުންވާ ލޯބިވެސް ތިބާއަށް ލިބޭނެއެވެ. އިން ޝާ ﷲ. ފަހަރެއްގައި ތިބާ ބޭނުންވި މީހާގެ ކިބައިން ނޫންކަމަށްވެދާނެއެވެ. އެކަން އެހެން އެވަނީ ތިބާއަށް އެންމެ ފައިދާހުރި ގޮތުގައި ލިބޭނީ ކާކުގެކިބައިންކަން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ އެކަންވެސް ދެނެވޮޑިގެންވާތީއެވެ! 

މިދެއްކި ހުރިހާ ވާހަކަތަކަށް މި ހަދީޘްފުޅުން ދަލީލު ލިބިގެންދެއެވެ. އިން ޝާ ﷲ 

عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "إِنَّ اللَّهَ إِذَا أَحَبَّ عَبْدًا دَعَا جِبْرِيلَ فَقَالَ: ((إِنِّي أُحِبُّ فُلَانًا فَأَحِبَّهُ )). قَالَ: ((فَيُحِبُّهُ جِبْرِيلُ، ثُمَّ يُنَادِي فِي السَّمَاءِ فَيَقُولُ: “إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُفَيُحِبُّهُ أَهْلُ السَّمَاءِ قَالَ:” ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ، وَإِذَا أَبْغَضَ عَبْدًا دَعَا جِبْرِيلَ فَيَقُولُ: “إِنِّي أُبْغِضُ فُلَانًا فَأَبْغِضْهُقَالَ: “فَيُبْغِضُهُ جِبْرِيلُ ثُمَّ يُنَادِي فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُبْغِضُ فُلَانًا فَأَبْغِضُوهُقَالَ: “فَيُبْغِضُونَهُ ثُمَّ تُوضَعُ لَهُ الْبَغْضَاءُ فِي الْأَرْضِ"

” – رواه البخاري ومسلم 

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

"ހަމަކަށަވަރުން ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. "ތިމަން އިލާހު އެވެނި މީހަކު ދެކެ ލޯބިވެވޮޑިގަންނަވަމެވެ. ކަލޭގެފާނުވެސް ލޯބިވާށެވެ." ޙަދީޘްކުރެއްވިއެވެ. "ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ލޯބިވެއެވެ." އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ލޯބިވާށެވެ." ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ލޯބިވެތެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ޤަބޫލުވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ. 

އަދި ﷲ ތަޢާލާ އަޅަކު ދެކެ ކޯފާއިސްކުރައްވައިފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. "ތިމަން އިލާހު އެވެނި މީހަކު ދެކެ ކޯފާ އިސްކުރައްވައިފީމެވެ. ކަލޭގެފާނުވެސް ކޯފާވާށެވެ." ޙަދީޘްކުރެއްވިއެވެ. "ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ކޯފާވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ކޯފާވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ކޯފާވާށެވެ." ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ކޯފާވެއެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ރުޅިވެރިވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ." 

ތަރުބިއްޔަތުގެ އަލީގައި ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ޙާޞިލްކޮށް އޭގެ ޛަރީޢާއިން މުޖްތަމަޢުގެ ލޯބި ޙާޞިލުވެގެންދަނީ މި ޙަދީޘުގައި ބަޔާންވެފައިމިވާ ގޮތަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން