ކައިވެންޏަށްފަހު ބައިވެރިޔާ ނުބައި މަގަކުންދާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ އަނބިމިހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސްމެއެވެ. އެއީ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ވާޖިބެކެވެ.
ނުބައިމަގުންދާ އަންހެނުން ހުއްޓުވައި އިޞްލާޙްކުރަން ފަސޭހަވާނެއެވެ. ބުއްދީގެ ބޭނުންކޮށްފިނަމަ ގިނަ ފަހަރު ކާމިޔާބުވެސް ކުރެވޭކަން ދިރާސާތަކުން އެނގެއެވެ. ނަމަވެސް ނުބައި މަގު އިޚްތިޔާރުކުރާ ފިރިހެނުން ހުއްޓުވަމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެއީވެސް ހަމަ ތަޖުރިބާއިން އެނގޭ ކަމެކެވެ.
ނުބައި މަގު އިޚްތިޔާރުކުރެވުމުގައި މިހާރު އެންމެ ބޮޑުދައުރެއް އަދާކުރަނީ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތަކެވެ. އެކަންކަމަށް ދެވިހިފުމުން އެކަމުގެ ނޭދެވޭ އަސަރު ދިރިއުލުމުގެ ހުރިހާ ކަމަކަށް ކުރެއެވެ. އެހެންވެ ބައެއް ޢިލްމްވެރިން އެކަން ސިފަކުރައްވަނީ ޝައިޠޯނާގެ އެންމެ ބާރުގަދަ ކަސްތޮޅުގެ ގޮތުގައެވެ.
އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ކަސްޓަމަރުންގެ ވާހަކަތަކުން އެނގެނީ ބަރަހަނާ ބެލުމަށް ޝައުޤުވެރިވާ ހިސާބުން ޒިނޭކުރަން ޝައުޤުވެރިވެ އެކަމަށްވެސް ދެވިހިފާ ކަމެވެ. އަދި އެޙާލަތަށްދާ މީހުން އިޞްލާޙުކުރުމަކީ ކުރަން އެންމެ ުނދަގޫ ކަންތައް ކަމެވެ.
ވީމާ އަނބިމިހާވިޔަސް އަދި ފިރިމީހާވިޔަސް މިފަދަ ނުބައި ކަމަކަށް ދެވިހިފައިފިނަމަ އިޞްލާޙްވާން ފުރުޞަތު ދޭށެވެ. އަދި އެފުރުޞަތުގެ ބޭނުން ހިފައި އިޞްލާޙްނުވާނަމަ އިތުރު ފުރުޞަތުދޭން ވަޤުތު ނަގާނުލައި އެމީހަކާއި އަވަހަށް ވަކިވާށެވެ. ނޫންނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން